Roadha Mihaaru
މަލީހްގެ ސިޓީ ބިޝާމަށް: ތުހުމަތެއް އޮތްނަމަ އާންމުކުރޭ

މަލީހްގެ ސިޓީއެއް ބިޝާމަށް: ތުހުމަތެއް އޮތް ނަމަ އާންމުކޮށް ދީ

24 އޮކްޓޯބަރ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އޮތް ނަމަ، އެކަމުގެ މައުލޫމާތު އާންމު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްގެ ކިބައިން މަލީހް މިއަދު އެދިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އޮތް ނަމަ، އެކަމުގެ މައުލޫމާތު އާންމު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްގެ ކިބައިން މަލީހް މިއަދު އެދިވަޑައިގެންފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މިހާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ. ބިޝާމް، އެ ކޮމިޓީގައި ނަން ވިދާޅުވި ބޭފުޅުންގެ ތެރޭގައި މަލީހް ހިމެނިވަޑައިގަންނަވާ ކަމަށް ވެ އެވެ.

އެކަމާ ގުޅިގެން ބިޝާމަށް މަލީހް ފޮނުއްވި ސިޓީގައި ވަނީ އޭނާއާ ބެހޭގޮތުން އެފަދަ ވާހަކައެއް ދެއްކެވި ނަމަ، އޭގެ ތަފްސީލު ހިއްސާ ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން ޕީޖީ އަށް ލިބިފައިވާ އެއްވެސް ލިޔުމެއްގައި އޭނާގެ ނަމެއް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް އޮތް ނަމަ، އެކަމުގެ މައުލޫމާތު ތިން ދުވަސް ތެރޭ ރާއްޖޭގެ ހުރިހާ މީޑިއާއަކަށް ދެއްވަން މަލީހް އެދިވަޑައިގަންނަވާ ކަމަށެވެ.

ޕީޖީ ބިޝާމަށް މަލީހް ފޮނުއްވި ސިޓީ

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ތުހުމަތެއްގައި އޭނާ އެއްވެސް އިދާރާއަކަށް ހާޒިރު ކޮށްފައި ނެތް ކަމަށް ވިދާޅުވެ، މަލީހްގެ ސިޓީގައި ވަނީ އޭނާއާ ބެހޭގޮތުން އެފަދަ ވާހަކައެއް ޕީޖީ ދެއްކެވި ނަމަ، އޭގެ ތަފްސީލުތައް ސިއްރު ކޮށްފައި ބާއްވަން އެދިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، އޭގެ ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ހާމަަ ކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށް މަލީހް ވިދާޅުވި އެވެ.

ފުލުހުން މިއަދު އާންމުކުރި މައުލޫމާތުތަކުގައި ވާ ގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކާއި ހަތް ފަނޑިޔާރަކަށާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ވަނީ ލިބިފަ އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ފަސް މެމްބަރަކަށާއި ސަލާމަތީ ޚިދުމަތްތަކުގެ 23 މީހަކަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ހިޔާނާތުގެ ފައިސާ ލިބުނީ 177 މީހަކަށް ކަމަށް ކުރިން ބުނި ނަމަވެސް އެ އަދަދު 267 އަށް އިތުރު ވެފައިވާ ކަމަށެވެ.