Roadha Mihaaru
ވޯޓުން އެމްޑީޕީ ފަޚުރުވެރިކޮށްލައިފި

ވޯޓުން އެމްޑީޕީ ފަޚުރުވެރިކޮށްލައިފި

07 އެޕްރީލް 2019

މުޅި ރާއްޖެ، "ރަން ރީނދޫ ކުލައިން ޖަރީކޮށްފި" އެވެ. އެމްޑީޕީއާ އެއްކޮޅަށް ރައްޔިތުން އަރައި "ތިލަފަތް ބަރުކޮށްފި" އެވެ. ދޮރުން ދޮރަށް ހިނގައި ހާލަތު ބެލުމަށް ފަހު އެމްޑީޕީން އެކުލަވާލި "އެޖެންޑާ 19" ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދަން މާ ތަފާތު ބޮޑުކޮށް ވެސް ރުހުން ދީފި އެވެ. ވައްކަމާއި ޚިޔާނާތުގެ ތުހުމަތު އެޅިފައިވާ މެމްބަރުން، އެމްޑީޕީން އެދުނު ގޮތަށް، މަޖިލީހުން ބޭރު ވެސް ކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މުޅި ރާއްޖެ، "ރަން ރީނދޫ ކުލައިން ޖަރީކޮށްފި" އެވެ. އެމްޑީޕީއާ އެއްކޮޅަށް ރައްޔިތުން އަރައި "ތިލަފަތް ބަރުކޮށްފި" އެވެ. ދޮރުން ދޮރަށް ހިނގައި ހާލަތު ބެލުމަށް ފަހު އެމްޑީޕީން އެކުލަވާލި "އެޖެންޑާ 19" ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދަން މާ ތަފާތު ބޮޑުކޮށް ވެސް ރުހުން ދީފި އެވެ. ވައްކަމާއި ޚިޔާނާތުގެ ތުހުމަތު އެޅިފައިވާ މެމްބަރުން، އެމްޑީޕީން އެދުނު ގޮތަށް، މަޖިލީހުން ބޭރު ވެސް ކޮށްފި އެވެ.

މިއީ، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މަންދޫބުން ހޮވަން އިއްޔެ ނެގި އާއްމު އިންތިޚާބުގެ ވޯޓުގައި އެމްޑީޕީ އަށް ރައްޔިތުން ހޯދައިދިން ހައިރާން ކުރުވަނިވި މޮޅެކެވެ. ތާރީޚީ ކާމިޔާބެކެވެ. ވަގުތީ ނަތީޖާގައި ވާ ގޮތުން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 68 ގޮނޑި އެމްޑީޕީން ކަށަވަރުކޮށްފި އެވެ. އެއީ، މަޖިލީހުގެ ސާފު އަޣުލަބިއްޔަތެވެ.

ވަގުތީ ނަތީޖާގައި އާ މަޖިލީސް އެކުލެވިގެންވާ ގޮތް:

- އެމްޑީޕީ، 68 ގޮނޑި

- ޖުމްހޫރީ ޕާޓީ 7 ގޮނޑި

- ޕީޕީއެމް 4 ގޮނޑި

- އެމްޑީއޭ 2 ގޮނޑި

- ޕީއެންސީ 1 ގޮނޑި

- މިނިވަން މެމްބަރުން، 6

މީގެ ތެރޭގައި ފާހަގަކޮށްލެވޭ އެއް ކާމިޔާބަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ތިން ސިޓީ ކަމަށްވާ މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކުގެ 25 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ނެގުމެވެ. ތިން ސިޓީގެ ތެރެއިން ކުޑަ ތަފާތަކުން އެމްޑީޕީ އަށް ގެއްލުނީ ވިލިމާލެ ދާއިރާގެ ގޮނޑި އެކަންޏެވެ. އަދި ކުރިން ޕީޕީއެމަށް ތާއީދު ބޮޑު އަތޮޅުތަކުގެ މެޖޯރިޓީ މި އިންތިޚާބުގައި އެމްޑީޕީން ނެގުމަކީ ވެސް ޝައުގުވެރި ބަދަލެކެވެ.

އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ސްޓޭޖް މަތީގައި، އުފާފާޅުކުރަނީ -- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ސްޓޭޖް މަތީގައި، އުފާފާޅުކުރަނީ -- ފޮޓޯ: ހުސެން ވަހީދު /މިހާރު

މި އިންތިޚާބަށް ގިނަ ބަޔަކު ހިސާބު ޖެހީ ވެސް އެމްޑީޕީ އަށް އަޣުލަބިއްޔަތު ދީގެންނެވެ. ދެ ދާއިރާ ފިޔަވައި ހުރިހާ ގޮނޑިއަކަށް ޕްރައިމަރީން ކެންޑިޑޭޓުން ނެރުމާއި އިންތިޚާބަށް ތަރުތީބުކޮށްގެން ހިންގި ކެމްޕޭނާ ވެސް ހެދި އެވެ. އެކަމަކު، މަޖިލީހުގެ 70 ޕަސެންޓް ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނެ ކަމަށް އެ ޕާޓީގެ އިތުރުން އިދިކޮޅުން ވެސް އަންދާޒާއެއް ނުކުރެ އެވެ؛ އެއީ، އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ދެ އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ނަތީޖާ އަށް ވެސް ބުރަވެ އެވެ. އެ ޕާޓީގެ ވެރިކަމުގެ އާރާއި ބާރުގައި 2009 ވަނަ އަހަރު އަދި 2014 ގައި އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ ވާދަކުރި ދެ އިންތިޚާބުގައި ވެސް ލިބުނީ އެންމެ 26 ގޮނޑި އެވެ.

މަޖިލީހުގައި އިދިކޮޅަށް އޮތް ބާރުވެރި ކަމާ އެކު އަމާޒުވި ފިއްތުންތަކުން އެމްޑީޕީގެ ވެރިކަން 2012 ގައި އިދިކޮޅުން ނުކުމެ ބަދަލުކުރީ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތް ހާލަތު އެމްޑީޕީން އަދިވެސް ސިފަކުރަނީ "ބަޣާވާތެއް"ގެ ގޮތުގަ އެވެ.

އޭގެ ފަހުން 2014 ގައި ރައްޔިތުން އަޣުލަބިއްޔަތު ދިނީ ވެރިކަމުގައި އޮތް ޕީޕީއެމާއި އެ ޕާޓީއާ އެކު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އަށެވެ.

ޕީޕީއެމް ވެރިކަމުގައި އޮވެ، އެ ޕާޓީ އަށް ލިބުނީ 33 ގޮނޑި އެވެ. ޖުމްހޫރީ ޕާޓީން 15 ގޮނޑި، އެމްޑީއޭ އިން ފަސް ގޮނޑި، އަދާލަތު ޕާޓީން އެއް ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ފަސް ގޮނޑި ކާމިޔާބު ކުރި އެވެ.

އެހެންކަމުން މިފަހަރުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި އެއް ޕާޓީއަކުން ހޯދި އެންމެ ބޮޑު ކާމިޔާބީ ވެސް މެ އެވެ. މި ނަތީޖާ އެމްޑީޕީން ސިފަކުރަނީ، ބޭއިންސާފާއި އަނިޔާވެރި ކަމުގައި ހަތް އަހަރު ހޭދަކޮށް، "ބިޔަ ރީނދޫ ލަޝްކަރު"ގެ އެނބުރި އައުމުގެ ގޮތުގަ އެވެ. އަދި ސިޔާސީ މައިދާނުގައި ހަމަ އިސްކޮޅަށް އަނެއްކާވެސް ދެމިލުމުގެ ޝަރަފެއްގެ ގޮތުގަ އެވެ.

އެމްޑީޕީން ހޯދި ކާމިޔާބީގެ އުފާފާޅުކުރަނީ: މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ނެގީ އެ ޕާޓީން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްޑީޕީން ހޯދި ކާމިޔާބީގެ އުފާފާޅުކުރަނީ: މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ނެގީ އެ ޕާޓީން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ވޯޓުން އެމްޑީޕީ ފުރާލުން، މިވީ ކިހިނެއް؟

ފޮއްޓަކަށް ފަހު ފޮއްޓެއްގެ ނަތީޖާއާ އެކު ހީކުރި ވަރަށް ވުރެން މާ މައްޗަށް ރީނދޫ ކުލަ އަރަން ފެށުމުން ގިނަ ބައެއްގެ ހިތުގައި އުފެދުނީ އެ ސުވާލެވެ. މިވީ ކިހިނެއް ހެއްޔެވެ؟

ސަރުކާރު ކޯލިޝަންގައި ހިމެނުނު ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އާއި މިނިވަން ކެންޑިޑޭޓުން ކާމިޔާބުކުރާ ގޮނޑިތައް އެއްކޮށްލުމުން އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލޭނެ ކަމަށް ޖެހި ހިސާބު ދިމާ ނުވީ އެވެ. އިދިކޮޅުން އިންތިޚާބަށް ނުކުތީ ރައްޔިތުންގެ ހައްގުތައް ހޯދައިދީ، ސަރުކާރު ޒިންމާދާރު ކުރުވުމުގެ ވައުދާ އެކުގަ އެވެ.

ޑިމޮކްރަސީގައި އިދިކޮޅު ޕާޓީތަކުގެ ދައުރު ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ވެސް ރައްޔިތުންނަށް ސާފުކޮށްދިނެވެ. އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ރާއްޖެ މިސްރާބު ޖަހާނެ އަމާޒު ވެސް ކިޔައިދިނެވެ. އެކަމަކު ޕީޕީއެމް ވެރިކަމުގައި ޖެހި ސަކަރާތާއި ގެއްލުވާލި ހައްގުތަކާއި ހުދުމުހުތާރުވީ ގޮތް ތަޖުރިބާކުރި ރައްޔިތުން އެ ވާހަކަތަކެއް ގަބޫލެއްނުކުރި އެވެ.

އިންތިޚާބުގެ ކާމިޔާބާ ގުޅިގެން އެމްޑީޕީން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިންތިޚާބުގެ ކާމިޔާބާ ގުޅިގެން އެމްޑީޕީން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އެމްޑީޕީން ހުށަހެޅީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް ބޭނުންވާނެ ގާނޫނީ އޮނިގަނޑެކެވެ. "އެޖެންޑާ 19" ތަރުތީބުކޮށްފައި ވަނީ އިންސާފާއި އޯގާތެރި ސަރުކާރާއި ފަޚުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދު، މައިގަނޑު ފަސް ހައްލަކަށް ބަލައިގެންނެވެ. އެއިން ކަށަވަރު ކޮށްދެނީ އަދުލު އިންސާފާއި ދައުލަތް ޖަވާބުދާރީ ކުރުވުމެވެ. ތައުލީމާއި ސިއްހީ ޚިދުމަތާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ހައްގުތައް ކަށަވަރުވެ، ވަޒީފާ ޔަގީން ވުމެވެ.

މި ވައުދުތައް މިނެކިރައި ރައްޔިތުންގެ ނިންމުމަކަށް ވީ އިދިކޮޅު ޕާޓީތަކަށް އިތުބާރު ނުކުރުމެވެ.

ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީ އަށް ރައްޔިތުން އިތުބާރުކުރި ސަބަބުތައް ބައިވަރެވެ. އެއް ކަމަކަށް ފާހަގަކުރެއްވީ ވެރިކަމުގެ 100 ދުވަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދުތަކުގެ 83 ޕަސެންޓް 90 ދުވަހުން ހާސިލްކުރެއްވުމެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުން ވެރިކަން ހަވާލުކުރި ކޯލިޝަންގެ ބައެއް ބޭފުޅުން ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތު އެޅިފައިވާ މީހުންނާ ގުޅިވަޑައިގަތުމަކީ ވެސް ރައްޔިތުން މާޔޫސްކުރުވި ކަމެއް ކަމަށެވެ. ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދިނީ އެ ކަންކަމާ ދެކޮޅަށެވެ.

މާރިޔާ، އެ އިޝާރާތް ކުރެއްވީ މަޖިލީގެ އަޣުލަބިއްޔަތު ހޯދަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމާއި ޕީއެންސީއާ އެކު މަސައްކަތް ކުރެއްވި ވާހަކަ އަށެވެ.

"ވެރިކަމަށް ތިން މަސް ނުވަނީސް ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރުންގެ ނޯ ކޮންފިޑެންސް މައްސަލަތައް ވައްދައި، ވައުދު ފުއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްތަކަށް ހުރަސް އެޅުއްވުމަކީ ރައްޔިތުން ބަލައިނުގަތް ކަމެއް. ރައްޔިތުން މާޔޫސްކުރުވި ކަމެއް،" މާރިޔާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދައި އެމްޑީޕީން އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދައި އެމްޑީޕީން އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާއި ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރި ވީ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފަށް ވާސިލްވާން އެކުލަވާލި ކޮމިޝަންތަކަށް ބާރު ދިނުން ފަދަ ކަންކަމަށް ދެކޮޅު ހެދުންތަކާ އެކު އިދިކޮޅުގެ އަމާޒު ރައްޔިތުންނަށް ސާފު ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަކީ ވަރަށް ހޭލުންތެރި، ކަންކަން އޮޅުންފިލާފައި ތިބި ބައެއް. މި އިންތިޚާބުގައި އެ ދައްކައި ދިނީ ވެސް އެކަން،" މާރިޔާ ވިދާޅުވި އެވެ.

ދެ ވަނަ ދައުރަކަށް އައްޑޫ މީދޫ ދާއިރާގެ ގޮނޑި ދިފާއުކުރެއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަންކަން ހިނގައިދިޔަ ގޮތުން، އެމްޑީޕީ ނޫން ބަޔަކަށް މެޖޯރިޓީ ދީގެން އިސްލާހެއް ނުގެނެވޭނެ ކަން ރައްޔިތުން ގަބޫލުކުރީ ކަމަށެވެ. މި އިންތިޚާބުގައި ރައްޔިތުން ނިންމީ ވައުދުތައް ފުއްދުމަށް ސަރުކާރަށް އެއްބާރުލުން ދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް އިތުބާރު އޮތީ، ވެވަޑައިގަތް ވައުދުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުއްދަވާނެ ކަން،" ރޮޒައިނާ ވިދާޅުވި އެވެ.

ގޯސްތައް ތަކުރާރު ނުކުރުމުގެ ވައުދު

ވެރިކަން ކުރާ ޕާޓީ އަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމުން ވީ ގޮތް ޔާމީންގެ ސަރުކާރުގައި ރައްޔިތުން ތަޖުރިބާ ކޮށްފި އެވެ. ވަކިވަކި ފަރުދުންނަށް ނުވަތަ ސަރުކާރުން އޭރަކު ބޭނުންވާ ކަމެއް ކުރަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެނައުމާއި މަޖިލީހުގެ މިނިވަންކަން ނިގުޅައިގަނެ ހިތުހުރި ގޮތަކަށް އަމަލުކުރުން ހިމެނެ އެވެ.

މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވަން ހުރި ހުރިހާ މަގެއް ވެސް ބަންދުކުރީ އެވެ. ގާނޫނުއަސާސީ "މުގުރާލައި" ސަރުކާރުގެ ބާރުވެރިކަން ދެމެހެއްޓީ އެވެ.

ވެރިކަން ހިންގުމުގެ ބާރާ އެކު ރައްޔިތުންގެ މަޖިލީސް ވެސް ހަވާލުކުރުމުން މި ގޯސްތައް ތަކުރާރު ނުވާނެ ހެއްޔެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ޖަވާބަކީ މިއެވެ؛

"އަޅުގަނޑު ވެރިކަމަށް އައި ގޮތް މިއަދަކު ވެސް ހަނދާނެއް ނުނެތޭ. ރައްޔިތުން އަޅުގަނޑު ހޮއްވެވީ ރައްޔިތުންނަށް ޚިދުމަތް ކުރަން. އަޅުގަނޑު މިހުރީ ތި ބޭފުޅުން ތި އެދިވަޑައިގެންނެވި ގޮތަށް ޚިދުމަތް ކުރުމުގައި ކުރިއަށް ދާން ތައްޔާރަށް. މިއަދު ތި ބޭފުޅުން ތި ހޮއްވެވި މެމްބަރުން، އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން އެ ބޭފުޅުންގެ މަސައްކަތުގައި ސާބިތުވެ ތިއްބަވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

"ތި ބޭފުޅުން ކޮރަޕްޓް ވެރިކަމަކަށް ނޫނެކޭ ބުނެފި. ކިލަނބުވެފައި އޮތް ރައްޔިތުން މަޖިލީސް ޒިންމާދާރު މަޖިލީހަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވައިފި. ދެން އޮތީ އަޅުގަނޑުމެންގެ ވާޖިބު."

ރައީސް އެ ޔަގީންކަން ދެއްވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވެސް ގާނޫނީ އިމުން ބޭރު ނުވާނެ ކަމެވެ. ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމާ ދެކޮޅަށް ނުކުންނަވައި، މަޖިލީސް މިނިވަންކުރަން އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް އެމަނިކުފާނެވެ.

އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

މައްޗަންގޮޅި މެދު ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދެއްވީ ރައްޔިތުން އެދުނު ގޮތަށް ވައުދުތައް ފުއްދަވައި ދެއްވާނެ ކަމުގެ ޔަގީން ކަމެވެ. ރިޝްވަތުން ނެއްޓި މަޖިލީސް ނަޒާހަތްތެރި ތަނަކަށް ހަދައި ދެއްވާނެ ކަމުގެ އުއްމީދެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތި ބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކޮށްދެއްވާފައިވާ މަސައްކަތް އަކުރުން އަކުރަށް ރަނުން ރަނަށް ކޮށްދޭނަން. އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކީ ސަރުކާރަށް ދެމެހެއްޓެނިވި އޮމާންކަން ގެނައުން، ހަމަޖެހުން ގެނައުން،" ރޭ އޮތް އުފާފާޅުކުރުމުގައި ނަޝީދު ވިދާޅުވި އެވެ.

މި އުއްމީދުތަކާ އެކު ރައްޔިތުން ތިބީ އުފަލުން ފޮޅިފަ އެވެ. ތާރީޚީ މި އުފާވެރިކަން އެމްޑީޕީގެ ތިލަފަތުން މިނެކިރޭނީ ރައްޔިތުންގެ މަޖިލީސް އާ ދައުރުގެ މަސައްކަތް ފެށުމުންނެވެ.