Roadha Mihaaru
ފާތުންގެ މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން!

ކުރީގެ ފަސްޓް ލޭޑީ ފާތުންގެ މައިންބަފައިންގެ ހަނދާނުގައި އެޅި މިސްކިތަށް މޯލްޑިވް ގޭހުން 2.5 މިލިއަން ހޭދަކުރި!

05 މާޗް 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމްގެ މައިންބަފައިންގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތްކުރި މިސްކިތަށް މޯލްޑިވް ގޭހުން އޮޅުވާލައިގެން 2.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން ފަޅާއަރައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމްގެ މައިންބަފައިންގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތްކުރި މިސްކިތަށް މޯލްޑިވް ގޭހުން އޮޅުވާލައިގެން 2.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން ފަޅާއަރައިފި އެވެ.

ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އިމާރާތްކޮށްފައިވާ މަސްޖިދުލް ވާލިދައިން، އޮގަސްޓް، 20، 2018 ގައި ހުޅުއްވައިދެއްވީ ޔާމީނެވެ. ދެ ބުރި އަށް ހަދާފައިވާ އެ މިސްކިތުގައި އެއްފަހަރާ 700 މީހުންނަށް ނަމާދު ކުރެވެ އެވެ.

އެ މިސްކިތަށް މޯލްޑިވް ގޭހުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރިކަން ފަޅާއެރީ، އެ ކުންފުނީގެ އެހެން މަޝްރޫއެއްގެ ނަމުގައި ގަނެފައިވާ ގިނަ އަދަދެއްގެ ސާމާނު، މިސްކިތް އިމާރާތްކުރި ސައިޓަށް ގެންގޮސްފައިވާ ކަމުގެ ލިއުންތަކަކުންނެވެ.

މި ސަރުކާރުން މޯލްޑިވް ގޭހަށް އައްޔަންކުރި މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް ވަނީ، އެ ލިއުންތަކާ ގުޅިގެން މިދިޔަ އަހަރު އެ ކުންފުނިން ހޭދަކުރި ގޮތުގެ އޮޑިޓެއް ހަދަން ހަވާލުކޮށްފަ އެވެ.

ތިނަދޫ ޕްރޮޖެކްޓުގެ ނަމުގައި ނަގާފައިވާ ސާމާނުތައް ޑައިވާޓްކޮށްފައި ހުރީ މިސްކިތް އަޅާ ހުޅުމާލޭ ސައިޓަށް. ސާބިތު ހެކި ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. -- ޝަޒައިލް

މޯލްޑިވް ގޭހާ ގުޅުމެއް ނެތް ގިނަ ކަންކަމަށް އެތަނުގެ ފައިސާ ހޭދަކޮށްފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޝަޒައިލް "މިހާރު" އަށް މިއަދު ވިދާޅުވީ ފަސްޓު ލޭޑީ ފާތުންގެ މައިންބަފައިންގެ ހަނދާނުގައި އިމާރާތް ކުރި މިސްކިތަކަށް މޯލްޑިވް ގޭހުން ހޭދަކުރަން ޖެހޭ އެއްވެސް ސަބަބެއް އެ ކުންފުނީގެ އެއްވެސް ލިއުމަކުން ސާފުވާން ނެތް ކަމަށެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުގައި ވެސް މިސްކިތަށް ހޭދަކުރަން ބޯޑުން ނުވަތަ ކުންފުނީގެ މެނޭޖްމެންޓުން ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުﷲ މައުމޫން (ގޭސް މާނު) އެވެ. އޭނާ އަކީ ފާތުން ހިންގެވި ސޮދަގާތު ފައުންޑޭޝަންގައި ވެސް އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ އެވެ.

މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުމޫން. މިސްކިތަށް މޯލްޑިވް ގޭހުން ހޭދަކުރިއިރު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އޭނާ. --ފޮޓޯ/މިހާރު

މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުމޫން. މިސްކިތަށް މޯލްޑިވް ގޭހުން ހޭދަކުރިއިރު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އޭނާ. --ފޮޓޯ/މިހާރު

ޝަޒައިލް ވިދާޅުވި ގޮތުގައި ހުޅުމާލޭ މިސްކިތަށް މޯލްޑިވް ގޭހުން ހަރަދުކޮށްފައި ވަނީ ގދ. ތިނަދޫގައި އެ ކުންފުނިން ހިންގި ގޭސް ޕްލާންޓް މަޝްރޫއުގެ ނަމުގަ އެވެ. ތިނަދޫގައި ހަދަން ނިންމި އެ ކުންފުނީގެ އެންމެ ބޮޑު ގޭސް ޕްލާންޓުގެ ނަމުގައި ތަކެތި ގަނެފައިވީ ނަމަވެސް އެ ތަކެތި ތިނަދު އަށް ގެންގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިނަދޫ ޕްރޮޖެކްޓުގެ ނަމުގައި ނަގާފައިވާ ސާމާނުތައް ޑައިވާޓް ކޮށްފައި ހުރީ މިސްކިތް އަޅާ ހުޅުމާލޭ ސައިޓަށް. ސާބިތު ހެކި ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" ޝަޒައިލް ވިދާޅުވި އެވެ.

މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ.

މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ.

އޭގެ ތެރޭގައި، އޭނާ ވިދާޅުވި ގޮތުގައި، މިސްކިތް ނަމުގައި މޯލްޑިވް ގޭހުން ހަދާފައިވާ ކޯޓޭޝަންތަކާއި ސާމާނުތައް މިސްކިތު ސައިޓަށް ގެންގޮސްފައިވާ ކަމުގެ ލިއުންތައް ވެސް އެބަހުއްޓެވެ.

"ފެންނަން ހުރި ލިއުންތަކަށް ބަލާއިރު، 2.5 މިލިއަނަށް ވުރެ ބޮޑު ހޭދައެއް މި ކުންފުނިން ކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވް ގޭހުގެ ހޭދަތަކާ ގުޅޭ އޮޑިޓް ފަށައި ފާހަގަވި މައްސަލަތަކާ ގުޅިގެން ކުންފުނީގެ މެނޭޖަރަކު މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ މި ހަފުތާގަ އެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފާތުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ޕީއެސްއެމް

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފާތުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ޕީއެސްއެމް

ޝަޒައިލް ވިދާޅުވި ގޮތުގައި، މިސްކިތަށް އެ ކުންފުނިން ކުރި ހަރަދާ ގުޅޭ ގޮތުން މޯލްޑިވް ގޭހުގެ ބޯޑު މެމްބަރުންނަށް ވެސް މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަން އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. ކުންފުނީގެ ކަންކަމުގައި އަމަލީ ގޮތުން އުޅުއްވީ އޭރުގެ މެނޭޖިން ޑިރެކްޓަރު މާނު ކަމަށް، މިހާތަނަށް ލިބިވަޑައިގެންނެވި މައުލޫމާތަށް ބިނާކުރައްވައި، ޝަޒައިލް ވިދާޅުވި އެވެ.

"ބައެއް މުވައްޒަފުންނާ ސުވާލުކުރުމުން އެބަ ބުނޭ، އެމްޑީގެ އިންސްޓްރަކްޝަނާ އެއްގޮތަށޭ މަސައްކަތް ކުރީ. އަންގާ ގޮތަކާ ދެކޮޅަށް ބަސް ބުނެފި ނަމަ ރެޒިގްނޭޝަން ލެޓާ މޭޒު މަތީގައި ބާވާށޭ ފަދަ ގޮތަކަށޭ ޖަވާބު ލިބޭނީ،" ޝަޒައިލް ވިދާޅުވި އެވެ.

ދެ ވަނަ ދައުރަކަށް ޔާމީން އިންތިޚާބު ކުރުމުގެ ކެމްޕޭނަށް މޯލްޑިވް ގޭހުން ބޮޑު ހޭދައެއް ކުރި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އިންތިޚާބުން ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމާ އެކު މާނު ވަނީ އާއިލާއާ އެކު ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ.

މިސްކިތް އަޅަން މޯލްޑިވް ގޭހުން ހަރަދުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމާ ގުޅުން ހުރި ލިޔެކިޔުންތަކެއް ވެސް އެ ކޮމިޝަނަށް ވަނީ ގެންގޮސްފަ އެވެ.