Roadha Mihaaru
އައިއޯއައިޖީގެ ކުރިން ޝިފާޒް ޕްރާގުގައި ދުވަނީ

އައިއޯއައިޖީގެ ކުރިން ޝިފާޒް ޕްރާގުގައި ދުވަނީ

06 މާޗް 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހު ޗެކް ރިޕަބްލިކުގެ ޕްރާގުގައި ހާފް މެރެތަން ރޭހެއް ޖަހަން ނިންމާފައިވާ ކަމަށާއި އެ ރޭހުގައި ވެސް ގައުމީ ރެކޯޑް އާކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޝިފާޒް މުހައްމަދު ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހު ޗެކް ރިޕަބްލިކުގެ ޕްރާގުގައި ހާފް މެރެތަން ރޭހެއް ޖަހަން ނިންމާފައިވާ ކަމަށާއި އެ ރޭހުގައި ވެސް ގައުމީ ރެކޯޑް އާކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޝިފާޒް މުހައްމަދު ބުނެފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑެއްޔެއް ހޯދަން އަމާޒުކޮށް ސްޕޯޓްސް މިނިސްޓްރީން ދިން ފުރުސަތެއްގައި ޝިފާޒް އަންނަނީ މިދިޔަ މަހުން ފެށިގެން ކެންޔާގައި ތަމްރީން ހަދަމުންނެވެ. އޭނާ ބުނީ މިހާތަނަށް ވެސް ހެދުނު ތަމްރީންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"މިހާރު ވެސް އިތުބާރު ލިބިއްޖެ. ޕްރާގް މެރެތަންގައި ރެކޯޑް އާކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް،" މެރެތަން ދުވުންތެރިން އުފެއްދުމުގައި އެންމެ ކާމިޔާބު އެއް ގައުމުގައި މިވަގުތު ހުރި ޝިފާޒް ބުންޏެވެ.

އާއްމުކޮށް ބައެއް ކޯޗުން ދުވުންތެރިޔާގެ ފެންވަރު ވަޒަންކުރުމަށް ވާދަވެރި އިވެންޓެއްގައި ބައިވެރިކުރުވަނީ މައި އިވެންޓާ ކައިރިކޮށްފަ އެވެ. އެކަމަކު ޝިފާޒް ޕްރާގް މެރެތަންގައި މިދުވަނީ ގޭމްސްގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. ޝިފާޒް ބުނީ މައި އިވެންޓާ ކައިރިކޮށް ދުވުމުން އަނިޔާގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ޕްރާގް މެރެތަން އަކީ ދުނިޔޭގެ އެންމެ ފަސޭހައެއް ރޫޓް އޮންނަތަން. އެތަނުގައި މިދުވެލަނީ ސީދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުން. އެންމެ މަތީ މިނެއްގައި ނޫން ދުވާނީ. އެކަމަކު ގައުމީ ރެކޯޑާ މެދު އުއްމީދު އެބައޮތް،" މެރެތަން ޝޮޕުގެ ބްރޭންޑް އެމްބެސެޑަރު އަދި އެތަނުގެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ދުވުންތެރިޔާ ބުންޏެވެ.

ޝިފާޒަކީ މެރެތަން އަށް ހާއްސަ ދުވުންތެރިޔެކެވެ. ވަނީ އަމިއްލަ ގޮތުން ހޯދި ފުރުސަތެއްގައި މިދިޔަ ނޮވެމްބަރުން ފެށިގެން ދެ މަސް ދުވަހު ކެންޔާގައި ތަމްރީން ހަދައި، ގައުމީ މެރެތަން ރެކޯޑް މިދިޔަ ޖެނުއަރީ މަހު ހަތަރު ވަނަ ފަހަރަށް މުގުރާލައިފަ އެވެ. އެކަމަކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޮތީ ހާފް މެރެތަން ކަމަށްވާތީ މި ފަހަރު ކެންޔާގައި އޭނާ ތަމްރީން ހަދާނީ އެ އިވެންޓަށް ހާއްސަވެގެންނެވެ.

"އަޅުގަނޑުގެ ސިކުނޑީގައި އޮތް ހަމައެކަނި ކަމަކީ ޖުލައި ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 6 ޖަހާއިރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހާފް މެރެތަން. އެކަމަށް ސަތޭކަ ޕަސެންޓް ފޯކަސްކޮށްގެން މިހިރީ،" ޝިފާޒް ޔަގީންކަންދިނެވެ.

ހާފް މެރެތަންގައި ވެސް އޭނާ އަކީ ކާމިޔާބު ދުވުންތެރިޔެކެވެ. މިދިޔަ އަހަރު އޭނާ ހާފް މެރެތަން ރެކޯޑް ދެ ފަހަރު އާކުރި އެވެ. އެންމެ ފުރަތަމަ އާކުރީ މާޗު މަހު އޮތް ވޯލްޑް ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 14:23 މިނެޓުން ރޭސް ނިންމައިގެންނެވެ. އަދި އެ ދުވުމުގެ ތެރެއިން އޭނާ 15 ކިލޯމީޓަރާއި 20 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް ހެދި އެވެ. ހާފް މެރެތަން ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ މޭ މަހު ނޭޕާލުގައި އޮތް ކަންޓިޕޫރް ހާފް މެރެތަންގައި 1 ގަޑި 14:01 މިނެޓުން ދުވެގެންނެވެ.