Roadha Mihaaru
ރަފާ އާއި ދީމާ ފައިނަލަށް! ރަނާއި ރިހި ވެސް ކަށަވަރުވެއްޖެ!

ރަފާ އާއި ދީމާ ފައިނަލަށް! ރަނާއި ރިހި ވެސް ކަށަވަރުވެއްޖެ!

27 ޖުލައި 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ ވިމެންސް ސިންގަލްސް ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދުމާ އެކު އެ އިވެންޓުން ރާއްޖެ އަށް ރަން މެޑެއްޔާއި ރިހި މެޑަލް ވެސް ކަށަވަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ ވިމެންސް ސިންގަލްސް ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދުމާ އެކު އެ އިވެންޓުން ރާއްޖެ އަށް ރަން މެޑެއްޔާއި ރިހި މެޑަލް ވެސް ކަށަވަރުވެއްޖެ އެވެ.

އެއާ އެކު ރާއްޖޭން މި ގޭމްސްގައި ހޯދަން ކަނޑައެޅި 15 މެޑަލުގެ އަމާޒަށް މިވަނީ ވާސިލްވެފަ އެވެ. ރާއްޖެ އަށް ޖުމްލަ ހަތަރު ރަން މެޑަލް ލިބޭއިރު އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ. އެއީ މިއަދުގެ ރަން މެޑެއްޔާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމު ރަން މެޑެއްޔެވެ. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ.

ރަފާ (ވ) އާއި ދީމާ މިއަދު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

ރަފާ (ވ) އާއި ދީމާ މިއަދު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

މިއަދުގެ ކާމިޔާބީއާ އެކު ޓޭބަލް ޓެނިސް މިވަނީ ދިވެހި ކުޅިވަރުގައި މުޅިން އައު ހަރުފަތަކަށް އަރައިފަ އެވެ. ބައިނަލްއަގްވާމީ ގޭމްސްއެއްގައި، ރާއްޖޭގެ އިންޑިވިޖުއަލް ކުޅިވަރަކުން އެއް އިވެންޓަކުން ރަން މެޑެއްޔާއި އަދި ރިހި މެޑަލް ހޯދި ހަމައެކަނި ކުޅިވަރަށްވެ ބުދަ ދުވަހު ގާއިމްކުރި ރެކޯޑަށް މިއަދު މިވަނީ ބޮޅެއް އިތުރުކޮށްފަ އެވެ.

ރަފާ ފައިނަލުން ޖާގަ ހޯދީ މޮރިޝަސްގެ ޖަލިމް ނަންޑެޝްވާރީއާ ވާދަކޮށް ހަތް ސެޓަށް ގޮސް 4-3 ސެޓުން މޮޅުވެގެންނެވެ. ރަފާ ވަނީ ފުރަތަމަ ދެ ސެޓު 11-6 އަދި 11-3 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު ޖަލިމް ވަނީ އަނެއް ދެ ސެޓު 7-11 އަދި 7-11 އިން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި ފަސް ވަނަ ސެޓު 6-11 އިން ކާމިޔާބުކޮށް ލީޑު ވެސް ނެގި އެވެ. އޭނާ އަށް ހަ ވަނަ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވާން ފުރުސަތު ލިބުނު ނަމަވެސް ރަފާ ވަނީ 11-6 އިން މި ސެޓު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެހިސާބުން ގަދަ ހިފުމަކަށް ދާން ޖެހުނެވެ. އެ ސެޓު ވަރަށް ވާދަވެރިކޮށް ގޮސް، ރަފާ 12-10 އިން ސެޓު ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ކަށަވަރުކުރި އެވެ.

ޓީޓީން ފައިނަލަށް ދިއުމާ އެކު ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

ޓީޓީން ފައިނަލަށް ދިއުމާ އެކު ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު އުފާފާޅުކުރަނީ. --އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު

ރަފާގެ މެޗާ ހިލާފަށް ދީމާގެ މެޗުގައި އޭނާ އަތުން ފުރަތަމަ ސެޓު ގެއްލުނެވެ. އެކަމަކު އޭނާ ވަނީ ފަހަތުން އަރައި އެއްވަރުކޮށް 4-3 އިން މެޗުި ކާމިޔާބުކޮށްފަ އެވެ. މޮރިޝަސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ގުކޫލް ވިދާދު ފުރަތަމަ ދެ ސެޓު ގެންދިޔައީ 8-11 އަދި 8-11 އިންނެވެ. ދީމާ އުއްމީދެއް ހޯދީ ތިން ވަނަ ސެޓު 11-5 އިން ކާމިޔާބުކޮށްގެންނެވެ. އަދި ހަތަރު ވަނަ ސެޓު 11-3 އިން ކާމިޔާބުކޮށް ދީމާ އެއްވަރުކުރި އެވެ. ދީމާ އަށް މޮޅުވާން ލިބުނު ފުރުސަތުގައި ފަސް ވަނަ ސެޓު ގުކޫލް ކާމިޔާބުކުރީ 9-11 އިންނެވެ. ދީމާ އަލުން މެޗުގެ ތެރެއަށް ވަނީ ހަ ވަނަ ސެޓު ފަސޭހަކަމާ އެކު 11-2 އިން ކާމިޔާބުކޮށްގެންނެވެ. އަދި ލިބުނު ހިތްވަރާ އެކު ހަތް ވަނަ ސެޓު 11-5 އިން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދި އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ރާއްޖޭގެ އުމުރުން 16 އަހަރުގެ ރަފާ އާއި އުމުރުން 11 އަހަރުގެ ދީމާ ތިން ރަން މެޑަލް ވެސް މި ހޯދީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރިޝަސް ތަޖުރިބާކާރު ކުޅުންތެރިން، އެ ކުޅުންތެރިންގެ އަމިއްލަ ކޯޓުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ބަލިކުރުމަށް ފަހު ކަމެވެ.