Roadha Mihaaru
ރާއްޖޭން 15 މެޑަލް ހޯދައި ޓާގެޓް ހާސިލްކޮށްފި!

ރާއްޖޭން 15 މެޑަލް ހޯދައި ޓާގެޓް ހާސިލްކޮށްފި!

27 ޖުލައި 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ހޯދަން އަމާޒުކުރި 15 މެޑަލުގެ ޓާގެޓް ހާސިލްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ހޯދަން އަމާޒުކުރި 15 މެޑަލުގެ ޓާގެޓް ހާސިލްކޮށްފި އެވެ.

މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހެދި ޓާގެޓެކެވެ. ރާއްޖޭން 2015 ވަނަ އަހަރު 10 މެޑެއްޔަށް ޓާގެޓްކޮށް ހޯދުނީ ނުވަ މެޑެއްޔެވެ.

މި ފަހަރުގެ ޓާގެޓް ރާއްޖެ އަށް ހާސިލްވީ ޓޭބަލް ޓެނިހުގެ ވިމެންސް ސިންގަލްސްގެ ފައިނަލަށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް މިއދު ދަތުރުކުރުމާ އެކު، އެ އިވެންޓުން ރަން މެޑެއްޔާއި ރިހި މެޑަލް ވެސް ކަށަވަރުވުމުންނެވެ.

ރާއްޖޭން 2015 ވަނަ އަހަރު އެންމެ ރަން މެޑެއްޔެއް ލިބުނު ނަމަވެސް މި ފަހަރު މިވަނީ ހަތަރު ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ. އެއީ މިއަދުގެ ރަން މެޑެއްޔާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމު ރަން މެޑެއްޔެވެ. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ.

ރާއްޖޭން މި ފަހަރު ވަނީ ހަތަރު ރިހި މެޑަލް ހޯދައިފަ އެވެ. އެއީ ޓޭބަލް ޓެނިހުގެ ވިމެންސް ޑަބަލްސް އިން މުއީނާ އާއި ޖުމާނާ ހޯދި ރިހި މެޑެއްޔާއި މިއަދު ވިމެންސް ސިންގަލްސް އިން ލިބޭ ރިހި މެޑެއްޔާއި ބެޑްމިންޓަނުގެ ވިމެންސް ޑަބަލްސް އިން ނަބީހާ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ހޯދި ރިހި މެޑެއްޔާއި ބީޗް ވޮލީބޯޅައިން ޓީމު އިވެންޓުން ހޯދި ރިހި މެޑެއްޔެވެ.

މި ފަހަރު ވަނީ ހަތް ލޯ މެޑަލް ހޯދައިފަ އެވެ. އެތުލެޓިކްސްގެ 200 މީޓަރު ދުވުމުން ހަސަން ސާއިދު، ޕެރެ 100 މީޓަރު ދުވުމުން މުހައްމަދު މާޒިން އަދި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި އެވެ. އަނެއް ހަތަރު ލޯ މެޑެއްޔަކީ ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓުންނާއި ފިރިހެން ޓީމު އިވެންޓުން އަދި މިކްސް ޑަބަލްސް އިވެންޓުން މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ހޯދި ލޯ މެޑަލް އަދި ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް އިވެންޓުން ޝިއުނާޒް އަބްދުލްވާހިދު (މަންކޭ) އަދި އާދަމް ނަސީމް (އެޑަމް) ހޯދި ލޯ މެޑެއްޔެވެ.