Roadha Mihaaru
އަނިޔާ އާއި ޚިޔާނާތް ދެކެން ބޭނުމެއް ނޫން: މައުމޫން

އަނިޔާ އާއި ޚިޔާނާތް އަލުން ދެކޭކަށް ބޭނުމެއް ނޫން: މައުމޫން

30 ނޮވެމްބަރ 2020

ކުރީގެ ސަރުކާރުގައި ރައްޔިތުންނަށް ލިބުނު އަނިޔާ އާއި ޚިޔާނާތާއި ހައްގުތައް ނިގުޅައިގަތުމުގެ މާޒީއެއް މި ގައުމުގައި އަލުން އިޔާދަވާން ބޭނުންނުވާ ކަމަށާއި ގައުމު އިސްކޮށް މަސައްކަތްކޮށްދިނުމުގައި ދެމިތިބެން ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުގައި ރައްޔިތުންނަށް ލިބުނު އަނިޔާ އާއި ޚިޔާނާތާއި ހައްގުތައް ނިގުޅައިގަތުމުގެ މާޒީއެއް މި ގައުމުގައި އަލުން އިޔާދަވާން ބޭނުންނުވާ ކަމަށާއި ގައުމު އިސްކޮށް މަސައްކަތްކޮށްދިނުމުގައި ދެމިތިބެން ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ގޮވާލައްވައިފި އެވެ.

މައުމޫން އިސްވެ އުފެއްދެވި އެމްއާރުއެމް އަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ވާޗުއަލް ޖަލްސާގައި އެމަނިކުފާނު ވަނީ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލުގައި ކުރެއްވި ތަޖުރިބާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީތައް ގުޅިގެން ކޯލިޝަން ވެރިކަމެއް އުފެއްދީ އެ މާޒީ އަށް ރުޖޫއަ ނުވާން ކަމަށެވެ. ކޯލިޝަން ބައިވެރިންގެ އެންމެ މުހިއްމު ވާޖިބަކީ ކޯލިޝަން ވަރުގަދަކުރަން މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް. ހަމަގައިމު ވެސް އަޅުގަނޑުމެން ނުކުރަން. ނުވެސް ކުރާނަން،" މައުމޫން ވިދާޅުވި އެވެ.

އެކަމަކު ކޯލިޝަންގެ ބައެއް ބައިވެރިންގެ ފަރާތުން އެމްއާރުއެމަށް ބޭއިންސާފު ބަސްތަކެއް އަޑުއިވިވަޑައިގަންނަވާ ކަމަށާއި އެއީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ. އެފަދަ ކަންކަމަކީ ކޯލިޝަން ބަލިކަށިވުމަށް މެދުވެރިވެދާނެ ކަންކަން މައުމޫން ހަނދާންކޮށްދެއްވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ކުރިން ދެކުނު އަނިޔާވެރި ދުވަސްތަކަކަށް އެނބުރިދާކަށް. ކުރިން ލިބުނު ނިކަމެތި ގޮތްތަކެއް ވާކަށެއް. ރައްޔިތުންގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވި މަންޒަރު ދެކެން ތިބޭކަށް. ވަރަށް ގިނަ ޚިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް ވަނީ ހިނގާފައި،" މައުމޫން ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ އިސްލާހަށް މަސައްކަތުގައި ކުރިއަށް ދެވޭނީ، މައުމޫން ވިދާޅުވި ގޮތުގައި، ކޯލިޝަން އުފެއްދި މަގްސަދުގައި ދެމިތިބެގެންނެވެ.

ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާ އެކު މައުމޫން ހަތް މަހާއި 28 ދުވަސް ވަންދެން ޖަލުގައި އޮންނެވި އެވެ. އެ މުއްދަތުގައި އެކި ގޮތްގޮތުން އެކަމަށް އެއްބަސްވޭތޯ މަސައްކަތްތަކެއް ކުރި ކަމަށް މައުމޫން ވިދާޅުވި އެވެ.

ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއިރު މައުމޫން ދެއްކެވީ ހިތްވަރުގަދަކަން ކަމަށް އެ ޖަލްސާގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ފާހަގަކުރެއްވުމުން އެކަމަށް އިޝާރާތް ކުރައްވައި މައުމޫންގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވީ ވަކި ކަހަލަ ކަންތައްތަކެއް ގިނަ ފަހަރަށް ތަޖުރިބާކުރައްވަން ޖެހިވަޑައިގަތުމުން މާބޮޑު ކަމަކަށް ނުވާ ކަމަށެވެ. އެކަމަށް ހުންނާނީ އާދަވެފައި ކަމަށް ހިނިފުޅުވަޑުވަމުން ވިދާޅުވި އެވެ.

"އަޅުގަނޑަށް ބަންދުގެ ހުރިހާ ގޮތްތަކެއް ވަނީ ތަޖުރިބާ ކުރެވިފައި. މާކުރިއްސުރެން ފެށިގެން ވެސް. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ވެސް އަޅުގަނޑު ގޭގައި ބަންދުކުރި. ޖަލުގައި 55 ދުވަސް ވަންދެން ކުޑަކޮޅީގައި ބަންދުކޮށްފައި ބޭއްވި. އޭގެ ފަހުން ޝަރީއަތްކޮށްފައި އަޅުގަނޑު އަރުވާލި ހަތަރު އަހަރަށް މަކުނުދު އަށް. މި ކަހަލަ ހުރިހާ ކަމެއް ވަނީ ދިމާވެފައި،" މައުމޫން ވިދާޅުވި އެވެ.

މި ތަޖުރިބާ ކުރައްވާފައި ވަނިކޮށް ޖަލަށް ލިޔަސް ކުރިމަތިވެވަޑައިގަންނަވާނެ އުނދަގުލެއް ނޯންނާނެ ނޫންތޯއޭ މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެއްވެސް ހާލެއްގައި ނުކުރާ ކަމަކަށް އެއްބަސްވާނެ މީހެއް ނޫން. ފަހަރެއްގައި އުނި ސިފައަަކަށް ވެސް ވެދާނެ. އެކަމަކު އަޅުގަނޑަކަށް ނުކުރާ ކަމަކަށް އެއްބަހެއް ނުވެވޭނެ،" މައުމޫން ވިދާޅުވި އެވެ.

ޖަލުގައި އޮންނަވަނިކޮށް ބައްދަލުކުރައްވަން ވަޑައިގެންނެވި އޭރުގެ މިނިސްޓަރުން އެމަނިކުފާނުގެ އުމުރުފުޅާއި ސިއްހީ ހާލުކޮޅު ހުރި ގޮތުން ގިނަ ދުވަހު ޖަލުގައި އޮންނެވުމުން ރަނގަޅު ނުވާނެ ކަމަށާއި ސަލާމަތްގޮތް ހޯއްދަވަން ދެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ. ޔާމީންގެ ފަރާތްޕުޅުން މައުމޫނާ ބައްދަލުކުރެއްވި އެއް ބޭފުޅަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

މައުމޫން ވިދާޅުވީ ސަލާމަތްވެވެން އޮތް ގޮތަކީ ނުކުރައްވާ ކުށަކަށް އެއްބަސްވެވަޑައިގަތުން ނުވަތަ އަނިޔާދޭ ފަރާތަށް ތާއީދުގެ ބަހެއް ހޯދުން ކަަމަށް ވާތީ އެކަމަށް ދެކޮޅު ހެއްދެވީ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްއާރުއެމްގެ އެންމެ މުހިއްމު އަސާސަކީ ހުރިހާ ކަމަކަށް ވެސް ގައުމީ ނަޒަރަކުން ބެލުމުގެ އާދަ އަށަގެންނެވުމެވެ. އެ ޕާޓީން ވަކި ބައެއްގެ ފައިދާ އަށް ނުވަތަ ދެކޮޅަށް މަސައްކަތް ނުކުރާނެ ކަމަށާއި އަމާޒަކީ އެންމެންގެ ފައިދާއަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ކަމެއް ދިމާވިއަސް އަޅުގަނޑުމެން ބަލާނީ އެކަމުގައި ގައުމަށް އޮތީ ކޮން ފައިދާއެއްތޯ. ގައުމަށް އޮތީ ކޮން ގެއްލުމެއްތޯ. ގެއްލުމާއި ފައިދާ އަށް ރިއާޔަތްކޮށްފައި ގޮތް ނިންމާނީ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޕާޓީ އުފެދި މަސައްކަތް ކުރަމުން އަންނަނީ ވަކި އުސޫލްތަކަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ. އޭގެތެރޭގައި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި އެއްވެސް އިސްތިސްނާއެއް ނެތި ރައްޔިތުންގެ ހައްގުތއް ރައްކާތެރިކޮށް، ގައުމަށް ބޭނުންވާ އިސްލާހުތައް ގެނައުމާއި އަންހެނުންނާއި ޒުވާނުން ބައިވެރިކޮށް، ފުރުސަތުތައް ހޯދައިދިނުމާއި ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކޮށް ހައްލަށް މަސައްކަތްކުރުން ހިމެނެ އެވެ.

އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި އެ  ޕާޓީގެ ބައެއް މެމްބަރުން ވޯޓަކަށް އަތް ނަގައިގެން.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ބައެއް މެމްބަރުން ވޯޓަކަށް އަތް ނަގައިގެން.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެއް އަހަރުގެ ތެރޭގައި އެމްއާރުއެމް ކާމިޔާބީތަކެއް ހޯދާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ސަރުކާރުގެ ވަރަށް ގިނަ މަގާމްތަކެއް އެ ޕާޓީގެ މެމްބަރުން ފުރުއްވަމުން އަންނަ ކަމަށެވެ. އޭގެތެރޭގައި ކެބިނެޓުގެ ބައެއް މަގާމާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ ހިމެނޭ ކަމަށާއި މި މަގާމްތަކުގައި ތިއްބެވި މެމްބަރުން ގެންދަވަނީ އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެމުން ކަމަށެވެ.

މައުމޫން ވިދާޅުވީ އެ ޚިދުމަތުގައި ދެމިތިއްބަވައި ކުރައްވާ މަސައްކަތުން ގައުމަށް ކުރިއެރުން ލިބޭ ކަމަށާއި އެއީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެމްއާރުއެމްއަކީ، ޚިދުމަތްތެރި، މިނިވަން، ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ގިނަ ރައްޔިތުން ގަބޫލުކުރަމުން އެބަދާ ކަމަށް ވިދާޅުވި އެވެ.

"ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި އަޅުގަނޑުމެން ދެކޭ ގޮތް ވަރަށް ސަރީހަކޮށް ސަރުކާރަށް ދެންނެވުމުގެ ފުރުސަތު އޮތީ ލިބިފައި،" ކޯލިޝަނަކުން އުފެއްދި މި ވެރިކަމުގެ އެއް ލީޑަރު ވިދާޅުވި އެވެ.

މައުމޫން ވަނީ އެމްއާރުއެމް ހަރުދަނާކޮށް މެމްބަރުން އިތުރުކުރަން މަސައްކަތްކޮށްދެއްވާ އެންމެންނަށް ޝުކުރުއަދާކުރައްވައިފަ އެވެ.