Roadha Mihaaru
މުސާރައިން ކެނޑި 250ރ ހޯދަން ތިން އަހަރު!

ގަވާއިދާ ހިލާފަށް މުސާރައިން ކެނޑި 250ރ. ހޯދަން ތިން އަހަރު!

07 މާޗް 2019

ގަވާއިދާ ހިލާފަށް މުސާރައިން ކެނޑި 250ރ އަނބުރާ ހޯދަން ޒުވާނަކު ގާތްގަނޑަކަށް ތިން އަހަރު ހޭދަކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގަވާއިދާ ހިލާފަށް މުސާރައިން ކެނޑި 250ރ އަނބުރާ ހޯދަން ޒުވާނަކު ގާތްގަނޑަކަށް ތިން އަހަރު ހޭދަކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި މަސައްކަތްކުރަމުން އަންނަ ހުސެއިން ޒަމީލްގެ އަތުން ކެނޑި ފައިސާ އަނބުރާ ހަވާލުކުރަން އެންމެ ފުރަތަމަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަނަށް އަމުރުކުރީ މާޗު 2016ގަ އެވެ. އެކަމަކު އެ ފައިސާ ދޭން ފިޝަރީޒް މިނިސްޓްރީން ދެކޮޅުހެދި އެވެ. އެންމެ ފަހުން މިދިއަ އާދިއްތަދުވަހު އެ ފައިސާ ޒަމީލަށް ހަވާލުކުރި އިރު އޭނާގެ ހައްގު ނުލިބި ދެ އަހަރާއި 11 މަހާއި 21 ދުވަސް ވަނީ މާޒީވެފަ އެވެ.

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރެއްގެ ގޮތުގައި ޒަމީލް ފިޝަރީޒް މިނިސްޓްރީއަށް 2015 ގައި ގުޅުނު އިރު، ބަލިވެގެން އޮފީހަށް ނުދާ ދުވަސްތަކަށް ސާވިސް އެލަވަންސުން 50ރ. ކަނޑަ އެވެ. މުވަައްޒަފުންނަށް ގާނޫނުން ކަށަވަރުކޮށްދޭ ހައްގުތަކާ އެ އުސޫލު ފުށުއަރާތީ ހައި ކޯޓުން ބާތިލްކުރުމުގެ ކުރިން ޑިސެމްބަރު 2014 އިން ނޮވެމްބަރު 2015 އާ އޮފީސްތަކުން އެ އުސޫލަށް އަމަލްކުރި އެވެ.

އެ އުސޫލު ބާތިލްކުރުމުގެ ކުރިން ޒަމީލްގެ މުސާރައިން ވަނީ އެކި ފަހަރު މަތިން 250ރ. ކަނޑައިފަ އެވެ. މިނިސްޓްރީގައި އުޅޭ އެހެން މުވައްޒަފުންނާއި މަޝްވަރާކުރުމަށް ފަހު ޒަމީލް ނިންމީ އެ މުއްދަތުގައި އޭނާގެ އަތުން ކަނޑާފައި ހުރި ފައިސާ އަނބުރާ ހޯދަން އީޓީ އަށް ހުށަހަޅާށެވެ.

އޭނާ ބުނި ގޮތުގައި އެހާ ކުޑަ އެއްޗެއް ނަމަވެސް އެ ހޯދަން އެ މަސައްކަތްކުރީ އޭނާއަށް އެ ފައިސާ އަނބުރާ ލިބިއްޖެ ނަމަ އެހެން މީހުންގެ މުސާރައިން އެގޮތަށް ކަނޑާފައިވާ ފައިސާ ވެސް ހޯދަން ފަސޭހަ ވާނެ ކަމަށް ގަބޫލުކޮށްގެންނެވެ.

"ބައެއް މީހުން ސުވާލުކުރޭ 250ރ. ގެ މައްސަލައެއްގައި ޓްރައިބިއުނަލަށް ދިޔައިމަ. އަޅުގަނޑުގެ އަތުން އެންމެ 250ރ. [ކެނޑީ]. މިއަށް ވުރެ މާ ގިނަ އަދަދެއްގެ ފައިސާ ގާނޫނާ ހިލާފަށް ސާވިސް އެލަވަންސް އިން އުނިކުރި މުވައްޒަފުން އެބަ ތިބި. އަހަރެން މި މައްސަލަ ހިފައިގެން ނުކުތީ އެ އެންމެންގެ ވެސް ހައްގުގައި،"

"ފިޝަރީޒް މިނިސްޓްރީގެ [މުވައްޒަފަކު] ކުރި މަސައްކަތުން އެ އުސޫލު އުވާލީ ވެސް،" ޒަމީލް ބުންޏެވެ.

އޭނާ ބުނީ އޮފީހުގެ އިސް ވެރިން އަޅާނެ ފިޔަވަޅަކަށް ނުވަތަ ވަކީލެއް ހޯދަން ދަތިވުމުން ގިނަ މީހުން އެފަދަ މައްސަލަތައް ހުށަހަޅަން ޖެހިލުންވާ ކަމަށެވެ.

"އަޅުގަނޑަށް މިކަން ވީ އަޅުގަނޑުގެ ބޭބެ، ވަކީލް އިބްރާހިމް ޝަމީލް، ހިލޭސާބަހަށް ކޮށްދިނުމުން،" ޒަމީލް ބުންޏެވެ.

ހައްގު ނުދޭން ސަރުކާރުން ކޯޓަށް ވެސް ދިޔަ

ޒަމީލަށް 250ރ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަނަށް 2016 ގައި ދެ ހަފުތާގެ މުއްދަތެއް ދިނެވެ. އެކަމަކު އެ ފައިސާ ހަވާލުކުރުމުގެ ބަދަލުގައި އެޓާނީ ޖެނެރަލް އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެކަމަކު ހައި ކޯޓުން ކަނޑައެޅީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށެވެ.

"ހައި ކޯޓުން އެ އަމުރު ކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު. އޭގެ ފަހުން އަޅުގަނޑު ލިޔުނިން ފިޝަރީޒް މިނިސްޓްރީއަށް، އަޅުގަނޑަށް އެ ފައިސާ ދޭން. އެކަމަކު މިނިސްޓްރީން ދެކޮޅުހެދި. ބުނި އެ މީހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައި ވުމުން އެ ފައިސާއެއް ނުދެވޭނެ ކަމަށް،" ޒަމީލް ބުންޏެވެ.

"ކިތައްމެ ފަހަރަކު ބުނެގެން ވެސް އެދެވޭ ޖަވާބެއް ނުލިބުނީމަ އަޅުގަނޑެ ދެން އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށް."

ޒަމީލް ކުރި ޓްވީޓެއް.

ޒަމީލްގެ މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އެތައް ބަޔަކު އޭނާއަށް މަރުހަބާ ކިޔެވެ. އަދި އެއީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް، ބައެއް މީހުން ސިފަކުރި އެވެ.

"ބައެއް މީހުން ސުވާލުކުރޭ 250ރ. ގެ މައްސަލައެއްގައި ޓްރައިބިއުނަލަށް ދިޔައިމަ. އަޅުގަނޑުގެ އަތުން އެންމެ 250ރ. [ކެނޑީ]. މިއަށް ވުރެ މާ ގިނަ އަދަދެއްގެ ފައިސާ ގާނޫނާ ހިލާފަށް ސާވިސް އެލަވަންސް އިން އުނިކުރި މުވައްޒަފުން އެބަ ތިބި. އަހަރެން މި މައްސަލަ ހިފައިގެން ނުކުތީ އެ އެންމެންގެ ވެސް ހައްގުގައި،" ޒަމީލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސާވިސް އެލަވަންސްގެ ތެރެއިން އެހެން މުވައްޒަފުންގެ އަތުން އުނިކުރި ފައިސާ ވެސް ދޭން ޖެހޭނެ އެވެ.

މިވަގުތު ސްވިޑުންގަައި މެރިޓައިމް އެފެއާޒް އިން މާސްޓާޒަށް ކިޔަވަމުން އަންނަ ޒަމީލް ބުނީ އޭނާއަށް ލިބުނު ފައިސާ ސީއެސްސީގެ ޓްރެއިނިން އިންސްޓިޓިއުޓަށް ހަދިޔާކުރާނެ ކަމަށެވެ.