Roadha Mihaaru
ދެ ޑޮކްޓަރަކަށް މަތީ ދަރަޖައިގެ ވަޒީފާ ދޭން އަންގައިފި

ހިތުގެ ދެ ޑޮކްޓަރަކަށް މަތީ ދަރަޖައިގެ ވަޒީފާއެއް ދޭން އަމުރު ކޮށްފި

01 މާޗް 2017

ހިތުގެ ބަލިތަކުން ޚާއްސަވެވަޑައިގެންފައިވާ ދެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަބްދުލްއަޒީޒް އަހްމަދާއި ޑރ. މުހައްމަދު ހަނީފަށް، އެ ދެ ބޭފުޅުންގެ ތައުލީމީ ގާބިލުކަމާ އެކަށީގެންވާ ގޮތުން، މިހާރަށް ވުރެ މަތީ ދަރަޖައިގެ ވަޒީފާއެއް ހަމަޖައްސައިދިނުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ހައި ކޯޓުން އިއްޔެ އަމުރު ކޮށްފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ހިތުގެ ބަލިތަކުން ޚާއްސަވެވަޑައިގެންފައިވާ ދެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަބްދުލްއަޒީޒް އަހްމަދާއި ޑރ. މުހައްމަދު ހަނީފަށް، އެ ދެ ބޭފުޅުންގެ ތައުލީމީ ގާބިލުކަމާ އެކަށީގެންވާ ގޮތުން، މިހާރަށް ވުރެ މަތީ ދަރަޖައިގެ ވަޒީފާއެއް ހަމަޖައްސައިދިނުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ހައި ކޯޓުން އިއްޔެ އަމުރު ކޮށްފި އެވެ.

ބަނގްލަދޭޝްގެ ޑާކާ ޔުނިވަސިޓީން ތައުލީމު ހާސިލު ކުރައްވާފައިވާ މި ދެ ޑޮކްޓަރުންނަށް ދިނުމަށް ހައި ކޯޓުން އަމުރު ކުރީ، ސިވިލް ސާވިސް އިން އަމަލު ކުރަމުން އަންނަ "ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު"ގެ އެންމެ މަތީ ރޭންކު ކަމުގައިވާ ސީއެސް16-2ގެ ވަޒީފާއެކެވެ. މިއީ ސުޕަ-ސްޕެޝަލިސްޓުންނަށް ހަމަޖައްސާ ވަޒީފާގެ ރޭންކެވެ.

ހައި ކޯޓުން މި ގޮތަށް އަމުރު ކުރީ، ސިވިލް ސާވިސް ކޮމިޝަނުން އެ ދެ ޑޮކްޓަރުންނަށް ސީއެސް-15-1 ރޭންކުގެ ވަޒީފާ ހަމަޖައްސާފައިވަނީ، ސިވިލް ސާވިސް އިން އަމަލު ކުރަމުން އަންނަ "ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު"ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކަމަށްވާތީ އެވެ. ހައި ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުގައި ސީއެސްސީން އެ ދެ ޑޮކްޓަރުންނަށް ހަމަޖައްސާފައިވަނީ އެ ދެ ޑޮކްޓަރުންގެ ތައުލީމީ ފެންވަރަށް ވުރެ ދަށް މަގާމެކެވެ.

އެހެންކަމުން އިއްޔެ އިން ފެށިގެން 15 ދުވަހުގެ ތެރޭގައި، އެ ދެ ޑޮކްޓަރުންނަށް ސީއެސްގެ ވަޒީފާގެ އޮނިގަނޑުގެ އެންމެ މަތީ ރޭންކު ކަމުގައިވާ ސީއެސް16-2ގެ ވަޒީފާއެއް ހަމަޖައްސައި އެ ރޭންކުގެ ވަޒީފާއާ ގުޅިގެން ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެ ދެ ޑޮކްޓަރުންނަށް ދިނުމަށް ސީއެސްސީގެ މައްޗަށް ކުރި އަމުރުގައި އަންގާފައިވެ އެވެ.

ހައި ކޯޓުން މި ގޮތަށް އަމުރު ކުރީ، އެ ދެ ޑޮކްޓަރުންނަށް އައިޖީއެމްއެޗުން ހަމަޖެއްސި ވަޒީފާއަކީ، އެ ދެ ބޭފުޅުންގެ ތައުލީމީ ފެންވަރަށް ވުރެ ދަށުގެ މަގާމެއް ކަމަށް ބުނެ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެއީ އެކަށީގެންވާ ވަޒީފާއެއް ކަމަށް ޓްރައިބިއުނަލުން ކުރި ހުކުމް އެ ދެ ޑޮކްޓަރުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

މި ދެ ޑޮކްޓަރުން ވެސް ވަނީ ޑޮކްޓަ އޮފް މެޑިސިން (ކާޑިއޮލޮޖީ)ގެ ފަސް އަހަރު ދުވަހުގެ ކޯހެއް ފުރިހަމަ ކުރައްވައިފަ އެވެ. އަދި މި ދެ ޑޮކްޓަރުންނަކީ މެޑިކަލް ސަބް-ސްޕެސިލިޓީއެއް ކަމަށްވާ ކާޑިއޮލޮޖީން ޕްރެކްޓިސް ކުރުމުގެ ހުއްދަ، ރާއްޖޭގެ މެޑިކަލް ކައުންސިލުން ދީފައިވާ ދެ ޑޮކްޓަރުންނެވެ.

އޭގެ އިތުރުން، ހައި ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުގައި މި ދެ ޑޮކްޓަރުންނަށް އެ ބޭފުޅުންގެ ތައުލީމީ ފެންވަރަށް ވުރެ ދަށުގެ މަގާމެއް ސީއެސްސީން ހަމަޖައްސާފައިވަނީ، އެ ދެ ބޭފުޅުންގެ ޑޮކްޓަ އޮފް މެޑިސިން (ކާޑިއޮލޮޖީ) ސެޓްފިކެޓަކީ ގައުމީ ސަނަދުގެ އެންމެ މަތީ ދަރަޖަ ކަމަށްވާ ލެވެލް 10ގެ ސެޓްފިކެޓެއް ކަމަށް، މޯލްޑިވަސް ކޮލިފިކޭޝަން އޮތޯރިޓީން ބަލައިގެންފައިވަނިކޮށެވެ.

ކޮލިފިކޭޝަން އޮތޯރިޓީން އެ ގޮތަށް ބަލައިގެންފައި ވަނިކޮށް، އެ ދެ ބޭފުޅުންގެ ސެޓްފިކެޓަކީ މާސްޓާސް ލެވެލްގެ ސެޓްފިކެޓެއް ކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ގަބޫލުކުރުމުގެ މައްޗަށް ބިނާކޮށް، އެ ދެ ބޭފުޅުންނަށް ދަށް ރޭންކެއްގެ ވަޒީފާއެއް ދީފައިވާތީ، އެއީ ބާތިލު ނިންމުމެއް ކަމަށް ހައި ކޯޓުގެ ހުކުމްގައި ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން ހައި ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުގައި ޑާކާ ޔުނިވާސިޓީން އެ ދެ ބޭފުޅުންނަށް ދީފައިވާ އެމްޑީ (ކާޑިއޮލޮޖީ) ޑިގްރީއަކީ ބަނގްލަދޭޝްގައި އެ ރޮނގުން ދޭ އެންމެ މަތީ ފާސް ކަމަށާއި އޭޝިޔާގެ ބައެއް ގައުމުތަކުގައި އެ ޑިގްރީއަކީ، ޑީއެމް (ކާޑިއޮލޮޖީ)އާ އެއް ފެންވަރުގެ ފާހެއް ކަން، ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން ސާބިތުވެ އެވެ. އަދި އެކަން ނަފީކުރެވޭ ވަރުގެ ހަރުދަނާ ހުއްޖަތެއް ސީއެސްސީގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް އަދި ހައި ކޯޓަށް ވެސް ހުށަހަޅާފައިނުވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.

މި ދެ ބޭފުޅުން، ސީނިއާ މެޑިކަލް އޮފިސަރުންގެ ގޮތުގައި އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރައްވަން ފެއްޓެވީ، މެއި 12، 2013ގަ އެވެ. އަދި ސީއެސް15-1ގެ ރޭންކުގައި ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީގެ މަގާމަށް އެ ދެ ބޭފުޅުން ބަދަލުކުރީ އޮކްޓޫބަރު 12، 2015ގަ އެވެ.