Roadha Mihaaru
ތައިލެންޑުގެ ޕްރިންސަސް ނޮމިނޭޓްކުރި ޕާޓީ އުވާލައިފި

ތައިލެންޑުގެ ޕްރިންސަސް ނޮމިނޭޓްކުރި ޕާޓީ އުވާލައިފި

07 މާޗް 2019

ބެންކޮކް (މާޗް 7) - ބޮޑު ވަޒީރުގެ މަގާމަށް ތައިލެންޑުގެ ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް ނޮމިނޭޓްކުރި ތައި ރަކްސާ ޗާޓް ޕާޓީ އެ ގައުމުގެ އެންމެ މަތީ ކޯޓުން މިއަދު އުވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެންކޮކް (މާޗް 7) - ބޮޑު ވަޒީރުގެ މަގާމަށް ތައިލެންޑުގެ ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް ނޮމިނޭޓްކުރި ތައި ރަކްސާ ޗާޓް ޕާޓީ އެ ގައުމުގެ އެންމެ މަތީ ކޯޓުން މިއަދު އުވާލައިފި އެވެ.

ތަޖްރިބާކާރުން ބުނަނީ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަޓްރާއާ ގުޅުން އޮންނަ ޕާޓީ އުވާލުމަކީ މި މަހު ފަހުކޮޅު ބާއްވާ އިންތިޚާބުން ކާމިޔާބު ހޯދަން ތަކްސިންގެ ސަޕޯޓަރުންނަށް އުނދަގޫވާނެ ކަމެއް ކަމަށެވެ. ތައިލެންޑުގެ ސަރުކާރު މިހާރު ހިންގަނީ މީގެ ފަސް އަހަރު ކުރިން އަސްކަރީ ބަޣާވާތަކުން ވެރިކަމާ ހަވާލުވެ ތިބި ބައެކެވެ.

ތައިލެންޑުގެ އެންމެ މަތީ ދުސްތޫރީ ކޯޓުން މިއަދު ބުނެފައި ވަނީ ޝާހީ އާއިލާގެ މެންބަރަކު އިންތިޚާބުގައި ވާދަކުރުމަކީ ރަސްކަމުގެ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ގެއްލޭނެ ކަމެއް ކަމަށެވެ. ޕާޓީ އުވާލުމުގެ އިތުރުން އެ ޕާޓީގެ އެގްޒެކެޓިވް ބޯޑް މެންބަރުން ވަނީ ސިޔާސީ ކަންކަމުގައި އުޅުން 10 އަހަރަށް މަނާކޮށްފަ އެވެ.

މާޗް 24 ގައި އޮންނަ އިންތިޚާބަށް މަހިދޯލްގެ ނަން ނޮމިނޭޓް ކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަމަނާ ޑިސްކޮލިފައިކޮށްފަ އެވެ.

ބޮޑު ވަޒީރު ކަމަށް މަހިދޯލް ނޮމިނޭޓް ކުރުމާ ގުޅިގެން ރަސްގެފާން ވަޖިރަލޮންގްކޯން ވަނީ ހިތްޕުޅު ހަމަނުޖެހޭކަން ހާމަކުރައްވައިފަ އެވެ. ގަނޑުވަރުން ނެރުނު ބަޔާނެއްގައި ރަސްގެފާން ވިދާޅުވެފައި ވަނީ ޝާހީ އާއިލާގެ މެންބަރުން ބޮޑު ވަޒީރު ކަމަށް ވާދަކުރުމަކީ "ކަމާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ތައިލެންޑުގެ ސަގާފަތެއް ވެސް ނޫން" ކަމަށެވެ.

ޕްރިންސަސް މަހިދޯލް ވަނީ އެމެރިކާގެ މަޝްހޫރު މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އެމެރިކާ މީހަކާ 1972 ވަނަ އަހަރު ކައިވެނި ބައްލަވައިގަތުމަށް ފަހު ޝާހީ ހުރިހާ ލަގަބެއް ދޫކޮށްލެއްވި އެވެ. ނަމަވެސް 2001 ވަނަ އަހަރު ތައިލެންޑަށް އެނބުރި ވަޑައިގެން އަލުން ޝާހީ ދިރިއުޅުއްވުމަށް ވަޑައިގެންނެވި އެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރި ޕްރިންސަސް ވަނީ ތައިލެންޑުގެ ބައެއް ފިލްމުތައް ވެސް ކުޅުއްވައިފަ އެވެ. އެކަމަނާ އަށް ތިން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. މީގެ ތެރޭން އެއް ބޭފުޅަކު ވަނީ 2004 ވަނަ އަހަރުގެ ސުނާމީގައި އަވަހާރަވެފަ އެވެ. އަނެއް ދެ ބޭފުޅުން ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ.