Roadha Mihaaru
ދައްތަ ބޮޑު ވަޒީރު ކަމަށް، ރަސްގެފާނުގެ ނުރުހުން

ދައްތަ ބޮޑު ވަޒީރު ކަމަށް ކުރިމަތިލުމުން ރަސްގެފާން ނުރުހިއްޖެ

09 ފެބުރުއަރީ 2019

ބެންކޮކް (ފެބްރުއަރީ 9) - ތައިލެންޑުގެ ރަސްގެފާން ވަޖިރަލޮންގްކޯންގެ ދައްތާފުޅު ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް، އަންނަ މާޗް މަހު އޮންނަ އިންތިޚާބުގައި ބޮޑު ވަޒީރުގެ މަގާމަށް ވާދަކުރައްވަން ނިންމެވުމުން ރަސްގެފާން ނުރުހުންވެވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެންކޮކް (ފެބްރުއަރީ 9) - ތައިލެންޑުގެ ރަސްގެފާން ވަޖިރަލޮންގްކޯންގެ ދައްތާފުޅު ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް، އަންނަ މާޗް މަހު އޮންނަ އިންތިޚާބުގައި ބޮޑު ވަޒީރުގެ މަގާމަށް ވާދަކުރައްވަން ނިންމެވުމުން ރަސްގެފާން ނުރުހުންވެވަޑައިގެންފި އެވެ.

ގަނޑުވަރުން ނެރުނު ބަޔާނެއްގައި ރަސްގެފާން ވިދާޅުވެފައި ވަނީ ޝާހީ އާއިލާގެ މެންބަރުން ބޮޑު ވަޒީރު ކަމަށް ވާދަކުރުމަކީ "ކަމާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ތައިލެންޑުގެ ސަގާފަތެއް ވެސް ނޫން" ކަމަށެވެ. ޕްރިންސަސް މަހިދޯލް، 67، ނޮމިނޭޓްކޮށްފައި ވަނީ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަޓްރާއާ ގުޅިފައިވާ ޕާޓީއަކުންނެވެ.

ތަޖްރިބާކާރުން ބުނަނީ މި މައްސަލާގައި ރަސްގެފާނުގެ ހިތްޕުޅުހަމަނުޖެހުން އޮތުމުން މާޗް މަހު 24 ގައި ބާއްވާ އިންތިޚާބުން މަހިދޯލް ޑިސްކޮލިފައި ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުން ވަރަށް ގާތް ކަމަށެވެ. މި އިންތިޚާބަކީ ފަސް އަހަރުގެ އަޝްކަރީ ވެރިކަމަކަށް ފަހު ތައިލެންޑް އަލުން ޑިމޮކްރެސީގެ ތެރެއަށް ވަނުމަށް ލިބޭ ފުރުސަތެކެވެ.

ތައިލެންޑުގެ ރަސްގެފާން ވަޖިރަލޮންގްކޯން. --ފޮޓޯ:އޭއެފްޕީ

ތައިލެންޑުގެ ރަސްގެފާން ވަޖިރަލޮންގްކޯން. --ފޮޓޯ:އޭއެފްޕީ

ރަސްގެފާން ވަޖިރަލޮންގްކޯންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ޝާހީ އާއިލާގެ މެންބަރަކު ސިޔާސީ ކަންކަމުގައި އުޅުމަކީ ތައިލެންޑުގެ ކާދަކާދައެއް އަދި ސަގާފަތެއް ވެސް ނޫން ކަމަށެވެ.

ބޮޑު ވަޒީރުކަމަށް ވާދަކުރެއްވުމަށް ނިންމެވުމާ އެކު ޕްރިންސަސް މަހިދޯލް ވަނީ އޭނާ އަށް ލިބިވަޑައިގަންނަވާ ޝާހީ ހުރިހާ ލަގަބެއް ދޫކޮށްލައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ އަކީ މިހާރު އާދައިގެ މީހެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޕްރިންސަސް މަހިދޯލް ވަނީ އެމެރިކާގެ މަޝްހޫރު މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އެމެރިކާ މީހަކީ 1972 ވަނަ އަހަރު ކައިވެނި ބައްލަވައިގަތުމަށް ފަހު ޝާހީ ހުރިހާ ލަގަބެއް ދޫކޮށްލެއްވި އެވެ. ނަމަވެސް 2001 ވަނަ އަހަރު ތައިލެންޑަށް އެނބުރި ވަޑައިގެން އަލުން ޝާހީ ދިރިއުޅުއްވުމަށް ވަޑައިގެންނެވި އެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރި ޕްރިންސަސް ވަނީ ތައިލެންޑުގެ ބައެއް ފިލްމުތައް ވެސް ކުޅުއްވައިފަ އެވެ. އެކަމަނާ އަށް ތިން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. މީގެ ތެރޭން އެއް ބޭފުޅަކު ވަނީ 2004 ވަނަ އަހަރުގެ ސުނާމީގައި އަވަހާރަވެފަ އެވެ. އަނެއް ދެ ބޭފުޅުން ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ.