Roadha Mihaaru
އާސެނަލަށް ނާކާމިޔާބު، ޗެލްސީ ކުއާޓާއާ ގާތަށް

އާސެނަލަށް ނާކާމިޔާބު، ޗެލްސީ ކުއާޓާއާ ގާތަށް

08 މާޗް 2019

ލަންޑަން (މާޗް 8) - ޔުރޮޕާ ލީގުގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން ފްރާންސްގެ ރެެނެސް އަތުން އާސެނަލް 3-1 އިން ބަލިވިއިރު، އަމިއްލަ ދަނޑުގައި ޑިނަމޯ ކިއޭވް އަތުން 3-0 އިން ހޯދި މޮޅާ އެކު ޗެލްސީ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 8) - ޔުރޮޕާ ލީގުގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން ފްރާންސްގެ ރެެނެސް އަތުން އާސެނަލް 3-1 އިން ބަލިވިއިރު، އަމިއްލަ ދަނޑުގައި ޑިނަމޯ ކިއޭވް އަތުން 3-0 އިން ހޯދި މޮޅާ އެކު ޗެލްސީ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ރެނެސް ދަނޑުގައި ރޭ ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގީ ނައިޖީރިއާގެ ވިންގް އަލެކްސް އިވޯބީ ޖެހި ގޯލުންނެވެ. އާސެނަލަށް މި މެޗުގައި އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 42 ވަނަ މިނިޓްގައި ގްރީސްގެ ޑިފެންޑަރު ސޮކްރަޓިސް ޕަޕަސްތޮލަސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.

އާސެނަލްގެ ކުޅުންތެރިއަކު މަދުވިތާ މިނިޓެއްގެ ތެރޭގައި ރެނެސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ ބެންޖަމިން ބޯރިގުޑް އެވެ. ރެނެސް އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ މެޗުގެ 65 ވަނަ މިނިޓްގައި އާސެނަލްގެ ނަޗޯ މޮންރެއާލް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ދެ ވަނަ ލެގުގައި އާސެނަލް ދަނޑަށް ދިއުމުގެ ކުރިން ދެ ގޯލުގެ ލީޑެއްގައި މެޗު ނިންމާލުމަށް ރެނެސް އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ޖެހީ އިސްމާއިލް ސާ އެވެ.

ދެ ވަނަ ބުރުގައި ވެސް އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. މި ފަހަރު ވެސް އެކަން ކުރެވިދާނެ ކަމަށް އާސެނަލްގެ ކޯޗު އުނާއި އެމެރީ ގަބޫލުކުރެ އެވެ. އޭނާ ބުނީ ރޭގެ މެޗު ބަދަލުވެގެންދިޔައީ ރަތް ކާޑަށް ފަހު ކަމަށެވެ.

އަމިއްލަ ދަނޑުގައި ޔޫކްރޭނުގެ ޑިނަމޯއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޗެލްސީން ވަނީ ފުރިހަމަ ފައިދާ ނަގައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ޕެޑްރޯ އާއި ވިލިއަންގެ އިތުރުން ޒުވާން ކުޅުންތެރިޔާ ކަލުމް ހަޑްސަން-އޮޑޯއި އެވެ. މި ސީޒަނުގައި ހަޑްސަން-އޮޑޯއި ހަތަރު ލަނޑު ޖަހާފައިވާއިރު، ތިން ގޯލު ޖެހީ ޔުރޮޕާ ލީގުގަ އެވެ.

މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ނަޕޯލީ ވަނީ 3-0 އިން ސަލްޒްބާގް ބަލިކޮށްފަ އެވެ. ފްރޭންކްފާޓާއި އިންޓަ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ސެވިއްޔާ އާއި ސްލަވިއާ ޕްރާގް އެއްވަރުވީ 2-2 އިންނެވެ. ކްރަސްނޯޑާ އަތުން 2-1 އިން ވެލެންސިއާ މޮޅުވިއިރު، ރަށުން ބޭރުގައި ޒެނިޓު އަތުން ވިޔަރެއާލް ވަނީ 3-1 އިން މޮޅުވެފަ އެވެ.