Roadha Mihaaru
ޗެލްސީ އާއި އާސެނަލް ކުއާޓާ އަށް، އިންޓަ ކަޓައިފި

ޗެލްސީ އާއި އާސެނަލް ކުއާޓާ އަށް، އިންޓަ ކަޓައިފި

15 މާޗް 2019

ލަންޑަން (މާޗް 15) - ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ އާއި އާސެނަލް ޖާގަ ހޯދިއިރު، އިންޓަ މިލާން މުބާރާތުން ކަޓައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 15) - ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ އާއި އާސެނަލް ޖާގަ ހޯދިއިރު، އިންޓަ މިލާން މުބާރާތުން ކަޓައިފި އެވެ.

އާސެނަލް ވަނީ ފުރަތަމަ ލެގުގައި ބަލިވި ނަމަވެސް އަމިއްލަ ދަނޑުގައި ރޭ ފްރާންސްގެ ރެނެސް 3-0 އިން ބަލިކޮށްފަ އެވެ. ރަށުންބޭރުގައި ޗެލްސީ ކުޅުނު މެޗުން ޔޫކްރޭނުގެ ޑިނަމޯ ކިއޭވް އަތުން މޮޅުވީ 5-0 އިންނެވެ. އިންޓަ ކެޓީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 1-0 އިން ބަލިވުމުންނެވެ.

ފުރަތަަމަ ލެގުގައި މިދިޔަ ހަފްތާގައި ރެނެސް ދަނޑުގައި އާސެނަލް ބަލިވީ 3-1 އިންނެވެ. ރޭގެ މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ މިނިޓުން ފެށިގެން ރެނެސް އަށް ޕްރެޝަރުކޮށްފަ އެވެ. އާސެނަލް ކުއާޓާ އަށް ދަތުރުކުރީ އެގްރިގޭޓަށް ބަލާއިރު 4-3 އިން ރެނެސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މެޗުގެ 15 ވަނަ މިނިޓްގައި އެއިންސްލީ މެއިޓްލަންޑް-ނައިލްސް އާސެނަލަށް ދެ ވަނަ ލަނޑެއް ޖަހައިދިންއިރު، ދެ ވަނަ ހާފްގައި އާސެނަލަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އޮބާމަޔަން އެވެ.

ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެންނަ ރޫހަށް ބަލާއިރު މި މުބާރާތް އެ ޓީމަށް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާކަމަށެވެ. އެމެރީ ވަނީ ސެވިއްޔާ ގޮވައިގެން މި މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ޑިނަމޯ ކިއޭވްގެ މައްޗަށް ދެ ލެގަށް ބަލާއިރު ޗެލްސީން ކުރިހޯދީ 8-0 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ރޭގެ މެޗުގައި ޗެލްސީ އަށް ކުޅޭ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ޒުވާން ކުޅުންތެރިޔާ ކަލުމް ހަޑްސަން އޮޑޯއި އާއި މާކޮސް އަލޮންސޯ އެވެ.

ޗެލްސީގެ ކޯޗު ސާރީ ބުނީ ކުއާޓާ ފައިނަލުގައި ވަކި ޓީމަކާ ކުޅެން ބޭނުން ނުވި ނަަމަވެސް އެންމެ ބޮޑަށް ހިތްހަމަ ޖެހޭނީ އޭނާ ކޯޗުކޮށްދިން ނަޕޯލީއާ މުބާރާތުގެ ފައިނަލުގައި ކުޅެން ޖެހިއްޖެ ނަމަ ކަމަށެވެ. ރޭ ދެ ވަނަ ލެގުގައި ޖަރުމަނުގެ އާރްބީ ލިޕްޒިގު އަތުން 3-1 އިން ބަލިވި ނަމަވެސް އެގްރިގޭޓުން 4-3 އިން ކުރިހޯދައިގެން ނަޕޯލީ ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ.

މި ފަހަރުގެ ޔޫރޮޕާ ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އައި އިންޓަ ރޭ ކެޓީ އަމިއްލަ ދަނޑުގައި ބަލިވުމުންނެވެ. ފްރޭންކްފާޓަށް ރޭގެ މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު މެޗުގެ ފަސް ވަނަ މިނިޓްގައި ކާމިޔާބުކުރީ ލޫކަ ޖޮވިޗް އެވެ.

ފްރޭންކްފާޓާއި އާސެނަލް، ޗެލްސީ އަދި ނަޕޯލީގެ އިތުރުން ދެން ކުއާޓާ އިން ފުރުސަތު ހޯދީ ބެންފީކާ، ވެލެންސިއާ، ވިޔަރެއާލް އަދި ސްލަވިއާ ޕްރާގް އެވެ.