Roadha Mihaaru
ޔޫރަޕުގައި އާސެނަލާއި ޗެލްސީ އަށް ކާމިޔާބު ރެޔެއް

ޔޫރަޕުގައި އާސެނަލާއި ޗެލްސީ އަށް ކާމިޔާބު ރެޔެއް

12 އެޕްރީލް 2019

ލަންޑަން (އޭޕްރިލް 12) – ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ރޭ އިޓަލީގެ ނަޕޯލީ އަތުން 2-0 އިން އިންގްލެންޑުގެ އާސެނަލް މޮޅުވިއިރު، ޗެކް ރިޕަބްލިކުގެ ސްލާވިއާ ޕްރާގް އަތުން 1-0 އިން އިންގްލެންޑުގެ އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (އޭޕްރިލް 12) – ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ރޭ އިޓަލީގެ ނަޕޯލީ އަތުން 2-0 އިން އިންގްލެންޑުގެ އާސެނަލް މޮޅުވިއިރު، ޗެކް ރިޕަބްލިކުގެ ސްލާވިއާ ޕްރާގް އަތުން 1-0 އިން އިންގްލެންޑުގެ އުނދަގޫ މޮޅެއް ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި އާސެނަލް ހޯދި މޮޅާ އެކު، އަންނަ ބުރާސްފަތި ދުވަހުގެރޭ ނޭޕްލްސްގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ނުވަތަ ހަނި ގޮތަކަށް މޮޅުވެގެން ވެސް އެ ޓީމަށް ސެމީ ފައިނަލް ކަށަވަރުކުރެވޭނެ އެވެ. މި މެޗުގެ 14 ވަނަ މިނެޓުގައި އާސެނަލަށް ފުރަތަމަ ގޯލް ޖަހައިދިނީ އާރޮން ރަމްސީ އެވެ. ދެ ވަނަ ގޯލަކީ 25 ވަނަ މިނެޓުގައި ނަޕޯލީގެ ކަލިދޫ ކޫލިބަލީ އަތުން ބައިކޮލަށް ވަން ގޯލެކެވެ.

'އަހަރެން ދެކޭ ގޮތުގައި މި ނަތީޖާ އަހަރެމެންނަށް ހައްގު. އަހަރެމެން މެޗު ކޮންޓްރޯލްކުރިން ބޯޅައާ އެކު އަދި ޕޮޒިޝަނިންގައި ވެސް،" އާސެނަލްގެ ކޯޗު އުނާއީ އެމެރީ ބުންޏެވެ. 'އެކަމަކު އަހަރެމެންނަށް އެނގޭ އެކޮޅުގައި އުނދަގޫވާނެކަން. އަމިއްލަ ދަނޑުގައި އެ ޓީމުގެ ކުޅުން ވަރަށް ވަރުގަދަ."

އަނެއް ބުރަށް ދިއުމަށް ނަޕޯލީ އަށް ހަނި ފުރުސަތެއް އޮތް ނަމަވެސް އެމެރީ ބުނީ އޮތީ 50-50 ފުރުސަތެއް ކަމަށެވެ. މި މޮޅުން ފައިދާތަކެއް އޮތް ނަމަވެސް އަމިއްލަ ދަނޑުގައި ނަޕޯލީ ވަރަށް ވަރުގަދަވާނެތީ ސަމާލުވާން ޖެހޭނެ ކަމަށް އެމެރީ ބުންޏެވެ.

ރަށުން ބޭރުގައި ޗެލްސީ އަށް ލިބުނީ އުނދަގޫ މޮޅެކެވެ. އެ ޓީމުގެ ހަމައެކަނި ގޯލް ކާމިޔާބުކުރެވުނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. މި ގޯލް ޖެހީ މާކޮސް އޮލޮންސޯ އެވެ. އުނދަގުލުން ވިޔަސް ރަށުން ބޭރުގައި މޮޅުވުމަކީ ޗެލްސީ އަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މީގެ ކުރިން އުނދަގޫ މެޗުތަކުގައި ޗެލްސީން ލަނޑެއް ވައްދާނުލައި ފަރުނުޖައްސާ ކަމަށާއި އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ ކަމަށެވެ. އެއީ ސީޒަނުގެ ކުރީކޮޅާ ބަލާއިރު ކުރިއެރުމެއްގެ ގޮތުގައި ސާރީ ސިފަކުރި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ ރޭ ސްޕެއިނުގެ ވެލެންސިއާ އިން ވަނީ ރަށުން ބޭރުގައި އެ ގައުމުގެ ވިޔަރެއާލް އަތުން 3-1 އިން މޮޅުވެފަ އެވެ. އަދި ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން ޕޯޗުގަލްގެ ބެންފީކާ ވަނީ އަމިއްލަ ދަނޑުގައި 4-2 އިން މޮޅުވެފަ އެވެ.