Roadha Mihaaru
އިނގިރޭސި ސާނަވީ ސްކޫލްތަކަށް ހިލޭ ޕެޑް

އިނގިރޭސިވިލާތުގެ ހުރިހާ ސާނަވީ ސްކޫލްތަކަށް ހިލޭ ޕެޑް ފޯރުކޮށްދޭ ސްކީމެއް ފަށަން ނިންމައިފި

11 މާޗް 2019

އިނގިރޭސިވިލާތުގެ ސާނަވީ ސްކޫލްތަކުގެ އަންހެން ދަރިވަރުންނަށް ޕެޑް ހިލޭ ދޭން ގޮވާލައި ކެމްޕޭންތަކެއް ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުން، އެ ގައުމުގެ ސަރުކާރުން އެގޮތަށް އަމަލުކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ސާނަވީ ސްކޫލްތަކުގެ އަންހެން ދަރިވަރުންނަށް ޕެޑް ހިލޭ ދޭން ގޮވާލައި ކެމްޕޭންތަކެއް ކުރަމުން އަންނަތާ ދުވަސްތަކެއް ފަހުން، އެ ގައުމުގެ ސަރުކާރުން އެގޮތަށް އަމަލުކުރަން ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި ހިންގާ ސާނަވީ ހުރީ ސްކޫލެއްގެ އަންހެން ދަރިވަރުންނަށް ހިލޭ ޕެޑް ފޯރުކޮށް ދޭނެ އެވެ. އަދި މި ޕްރޮގްރާމް ރަސްމީކޮށް ފަށަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

މިކަމަކީ މައްސަރު ކަންތަކާ ގުޅިގެން ދިމާވާ ކަންކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ހުރިހާ އަންހެން ކުދިންނަށް ވެސް ހަމަހަމަ އުސޫލެއްގެ ދަށުން ޕެޑް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.

ސާނަވީ ސްކޫލްތަކުގެ އަނހެން ދަރިވަރުންނަށް ހިލޭ ޕެޑް ފޯރުކޮށް ދޭން ނިންމި އިރު، އިނގިރޭސިވިލާތުގެ ފުރާވަރުގެ އެކްޓިވިސްޓެއް ކަމަށް އަމިކާ ޖޯޖް އިސްކޮށް ހުރެގެން #ފްރީޕީރިއަޑްސް" ގެ ނަމުގައި ޕެޓިޝަނެއް ވެސް ތައްޔާރުކޮށް ކެމްޕޭން ކުރަމުން އަންނަތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ.

އަދި މި ހަރަކާތް ވަރުގަދަ ކުރުމުގެ ގޮތުން "ރެޑް ބޮކްސް" ގެ ނަމުގައި ލީގަލް ކެމްޕޭނެއް ވެސް މިދިޔަ ޖެނުއަރީ މަހު ލޯންޗްކޮށްފައިވެ އެވެ.

އަމިކާ ބުނި ގޮތުގައި ސަރުކާރުން ހިލޭ ޕެޑް ފޯރުކޮށް ދޭން ސްކީމެއް ފެށުމަކީ އެ މީހުން ކުރި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އަމިކާ: އޭނާ އަންނަނީ ދަރިވަރުންނަށް ޕެޑް ފޯރުކޮށް ދޭން ގޮވާލައި ކެމްޕޭން ކުރަމުން.

އަމިކާ: އޭނާ އަންނަނީ ދަރިވަރުންނަށް ޕެޑް ފޯރުކޮށް ދޭން ގޮވާލައި ކެމްޕޭން ކުރަމުން.

"މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއް. މިކަމުގެ ސަބަބުން ސްކޫލްތަކުގައި ގިންތީގެ ފަރަގު ވެސް ކުޑަވެ، ޕެޑް ލިބުން ދަތިވާ ދަރިވަރުންނާއި އެ ނޫން ދަރިވަރުންގެ މެދުގައި ހަމަހަމަކަން ގާއިމުވެގެން ދާނެ،" އޭނާ ބުންޏެވެ.

އިނގިރޭސި ޗެރިޓީއެއް ކަމަށްވާ ޕްލޭން އިންޓަނެޝަނަލް އިން ބުނި ގޮތުގައި އެ ގައުމުގެ ސްކޫލްތަކުގެ ދެބައިކުޅަ އެއްބައި އަންހެން ދަރިވަރުންނަކީ މައްސަރު ކަންތަކާ ހުރެ ކޮންމެ ދުވަހަކު ސްކޫލަށް ހާޒިރު ނުވާ ދަރިވަރުންނެވެ. އަދި އިނގިރޭސިވިލާތުގެ އުމުރުން 14-21 އަހަރާ ދެމެދު އަންހެނުންގެ ތެރެއިން ކޮންމެ ދިހައަކުން އެކަކީ ޕެޑަށް އަތްނުފޯރާ މީހުންނެވެ.