Roadha Mihaaru
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ

ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ

03 ޖޫން 2021

އަންހެން ކުދިންގެ ތައުލީމަށް ވަކާލާތުކޮށްގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދައި ނޯބެލް ސުލްހައިގެ އިނާމު ވެސް ހާސިލުކޮށްފައިވާ މަލާލާ ޔޫސުފްޒާއީ ވޯގް މަޖައްލާގެ ޔޫކޭ އެޑިޝަންގެ އަންނަ މަހުގެ ކަވަރުގައި ހިމަނައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންހެން ކުދިންގެ ތައުލީމަށް ވަކާލާތުކޮށްގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދައި ނޯބެލް ސުލްހައިގެ އިނާމު ވެސް ހާސިލުކޮށްފައިވާ މަލާލާ ޔޫސުފްޒާއީ ވޯގް މަޖައްލާގެ ޔޫކޭ އެޑިޝަންގެ އަންނަ މަހުގެ ކަވަރުގައި ހިމަނައިފި އެވެ.

މަލާލާގެ ކަވަ އިންޓަވިއުއަކާ ގެނެސްދޭ އިޝޫގެ ކަވަރު ވެސް މިހާރު ދައްކާލާފައިވާ އިރު އޭގެ މައި ސުރުހީ އަކީ "ދި އެކްސްޓްރާއޯޑިނަރީ ލައިފް އޮފް މަލާލާ: ސަވައިވާ، އެކްޓިވިސްޓް. ލެޖެންޑް" އެވެ. ކަވަރު އަމިއްލަ އިންސްޓަގްރާމްގައި ޕޯސްޓްކޮށް މިހާރު 23 އަހަރުގެ މަލާލާ ބުނީ އެ ކަވަރަކީ އެ ފެންނަ ކޮންމެ އަންހެން ކުއްޖަކަށް ވެސް އުންމީދުތަކެއް އާލާވާނެ އެއްޗަކަށްވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޕާކިސްތާނަށް އުފަން މަލާލާ މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަނީ އޭނާގެ އުމުރުން 17 އަހަރުގައި ތާލިބާނުންގެ ބަޔަކު ދިން ހަމަލާއެއްގައި ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ހޯދަން ދިޔަ ގޮތަށެވެ. މަލާލާ އަށް ދިން އެ ހަމަލާ އަކީ އަންހެން ކުދިންނަށް ތައުލީމު ދޭން ގޮވާލައި މަސައްކަތްކުރާތީ ދިން ހަމަލާއެކެވެ.

އެކަމަކު އެ ހަމަލާ އިން ލިބުނު އަނިޔާ އާއި ޒަހަމްތަކާ އެކު މަލާލާ ފަހުން ނުކުތީ މާ ވަރުގަދަކޮށެވެ. ސުލްހައިގެ އިނާމު ވެސް 2014 ގައި އޭނާ އަށް ލިބުނީ ހިތްވަރާ އެކު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ.

ވޯގް މަޖައްލާގެ ޔޫކޭ އެޑިޝަންގެ އަންނަ މަހުގެ އަދަދު މަލާލާގެ ހާއްސަ އިންޓަވިއުއަކާ ގެނެސްދޭ އިރު އެ އިންޓަވިއާ އެކު އޭނާ އަށް ޓްރިބިއުޓްދެއްވާފައިވާ ހައި ޕްރޮފައިލްގެ ބައެއް މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝެލް އޮބާމާގެ އިތުރުން އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ހިމެނެ އެވެ. އެ ބޭފުޅުން ވިދާޅުވެފައި ވަނީ ހަމަ ހަގީގަތުގައި ވެސް މަލާލާ އަކީ "އާދަޔާހިލާފު ޝަހުސިއްޔަތެއް" ކަމަށެވެ.

އޮކްސްވޯޑް ޔުނިވަސިޓީން ފިލޯސަފީ، ޕޮލިޓިކްސް އެންޓް އިކޮނޮމިކްސް އިން ތައުލީމު ހާސިލުކޮށްފައިވާ މަލާލާގެ ވަރަށް ގިނަ ވާހަކަތައް ވޯގްގެ އިންޓަވިއުގައި ކިޔައި ދީފައި ހުންނާނެ އެވެ.