Roadha Mihaaru
މަލާލާ އޮކްސްފޯޑްގައި ޑިގްރީ ފުރިހަމަކޮށްފި

މަލާލާ އޮކްސްފޯޑް ޔުނިވަސިޓީގައި ޑިގްރީ ފުރިހަމަކޮށްފި

19 ޖޫން 2020

މިހާތަނަށް އެންމެ ހަގު އުމުރެއްގައި ނޯބެލް ޕީސް ޕްރައިޒް ހާސިލުކުރި ޕާކިިސްތާންގެ މަލާލާ ޔޫސުފްޒާއީ އޭނާ ތައުލީމު ހާސިލުކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ޑިގްރީ ފުރިހަމަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް އެންމެ ހަގު އުމުރެއްގައި ނޯބެލް ޕީސް ޕްރައިޒް ހާސިލުކުރި ޕާކިިސްތާންގެ މަލާލާ ޔޫސުފްޒާއީ އޭނާ ތައުލީމު ހާސިލުކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ޑިގްރީ ފުރިހަމަކޮށްފި އެވެ.

އުމުރުން 22 އަހަރުގެ މަލާލާ، ދުނިޔޭގެ އެންމެ ޝަރަފުވެރި ޔުނިވަސިޓީތަކުގެ ތެރޭގައި ހިމެނޭ އޮކްފޯޑްގައި ޑިގްރީ ހާސިލުކުރީ ފިލޯސަޕީ، ޕޮލިޓިކްސް އެންޑް އިކޮނޮމިކްސްގެ ދާއިރާއިންނެވެ. އޭނާ ތައުލީމު ހާސިލުކުރި އެ ޔުނިވަސިޓީގެ ލޭޑީ މާގްރެޓް ހޯލް ކޮލެޖްގަ އެވެ.

ޑިގްރީ ނިންމައިލި ވާހަކަ ޓްވިޓާގައި ހުކުރު ދުވަހު ހިއްސާކުރަމުން މަލާލާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ނަމަވެސް ދެން ކުރާނެ ކަމެއް އަދި ނޭނގޭ ކަމަށް ބުންޏެވެ.

"މި ވަގުތަށް ދެން އޮންނާނީ ވީހާ ވެސް ގިނައިން ނެޓްފްލިކްސް ބެލުމާއި ކިޔުމާއި ނިދުން." މަލާލާ ބުންޏެވެ.

އޭނާގެ އެ ޓްވީޓާ ގުޅިގެން ވަރަށް ގިނަ ބަޔަކު މަރުހަބާ އާއި ތަހުނިޔާ ކިޔާފައިވެ އެވެ. މަލާލާ އޮކްސްފޯޑް ޔުނިވަސިޓީއާ ގުޅުނީ 2017 ގަ އެވެ.

އޭނާ އަށް ދުނިޔޭގެ ސަމާލުކަން ލިބުނީ އަންހެން ކުދިންގެ ތައުލީމަށް އޭނާ ކުރަމުން ދިޔަ މަސައްކަތްތަކާ ގުޅިގެން ތާލިބާނުންގެ ބަޔަކު 2012 ވަނަ އަހަރު ދިން ބަޑީގެ މަރުގެ ހަމަލާއާ އެކީގަ އެވެ. އޭރު މަލާލާގެ އުމުރުން 15 އަހަރެވެ. އެ ހަމަލާއާ ގުޅިގެން ފަރުވާ އަށް އިނގިރޭސިވިލާތަށް އާއިލާއާ އެކު ދިޔަ ގޮތަށް މަލާލާ ދިރިއުޅެނީ އެތަނުގަ އެވެ.

އަންހެނުންގެ ތައުލީމާއި ދުނިޔޭގެ ސުލްހަ އަށް މަލާލާ އުފުލަމުން ދިޔަ އަޑުތަކާއި އޭނާގެ މަސައްކަތްތައް ފާހަގަކޮށް ނޯބެލް ސުލްހައިގެ އިނާމު ދީފައި ވަނީ 2014 ގަ އެވެ. އެއީ އޭނާގެ އުމުރުން 17 އަހަރުގަ އެވެ. މަލާލާ އަކީ މިހާރު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ހިމެނޭ ޝަހުސިއްޔަތަކެވެ.