Roadha Mihaaru
ޔުނައިޓެޑް ބަލިކޮށް އާސެނަލް ގަދަ ހަތަރަކަށް

ޔުނައިޓެޑް ބަލިކޮށް އާސެނަލް ގަދަ ހަތަރަކަށް

11 މާޗް 2019

ލަންޑަން (މާޗް 11) – ފަހަތުން އަރައި 4-2 އިން ބާންލީ ބަލިކޮށް ލިވަޕޫލުން ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ރޭ ޕްރެޝަރު ބޮޑުކުރިއިރު، ތަފާތު ފޯމެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑް 2-0 އިން ބަލިކޮށް އާސެނަލުން ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަދެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (މާޗް 11) – ފަހަތުން އަރައި 4-2 އިން ބާންލީ ބަލިކޮށް ލިވަޕޫލުން ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ރޭ ޕްރެޝަރު ބޮޑުކުރިއިރު، ތަފާތު ފޯމެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑް 2-0 އިން ބަލިކޮށް އާސެނަލުން ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަދެއްޖެ އެވެ.

ސިޓީ 74 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ ވަޓްފޯޑް އަތުން 3-1 އިން މޮޅުވެގެންނެވެ. ލިވަޕޫލް ދެ ވަނައިގައި އޮތީ 73 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 61 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމް ހޮޓްސްޕާސްގެ ފަހަތުގައި ވާދަވެރި އާސެނަލް ވިއްދާލީ 60 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުނައިޓެޑް އޮތީ 58 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެއް މެޗު މަދުން ކުޅެފައިވާ ޗެލްސީ ރޭ ވުލްވްސްއާ ފަހު ވަގުތު 1-1 އިން އެއްވަރުކޮށް ހޯދި ޕޮއިންޓާ އެކު އޮތީ 57 ޕޮއިންޓް ހަމަކޮށް ހަ ވަނައިގަ އެވެ.

ރޭގެ އާސެނަލް އަތުން ޔުނައިޓެޑް ބަލިވި މެޗަކީ އެ ޓީމުގެ ވަގުތީ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި އިނގިރޭސި މުބާރާތެއްގައި ބަލިވި ފުރަތަމަ މެޗެވެ. އެހެން މުބާރާތެއްގައި ވެސް ބަލިވީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޕީއެސްޖީ އަތުން 2-0 އިން އެކަންޏެވެ. އެކަމަކު މިދިޔަ ހަފުތާގައި އެ ޓީމު 3-1 އިން ބަލިކޮށް ޔުނައިޓެޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެމިރޭޓްސްގައި ރޭ ކުޅުނު މެޗުގައި އާސެނަލަށް ލަނޑު ޖަހައިދިނީ 12 ވަނަ މިނެޓުގައި ގްރަނިޓް ޝަކާ އާއި 69 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޕިއެރޭ އެމެރިކް އޯބަމަޔަން އެވެ.

'ނަތީޖާއާ މެދު ހިތްހަމަނުޖެހޭ. އެކަމަކު ކުޅުން ރަނގަޅު. ފުރަތަމަ ގޯލަކީ އަބަދުވެސް މެޗު ކުރިއަށްދާނެ ގޮތް ނިންމާނެ ގޯލެއް. އަހަރެމެންނަށް ވެސް ފުރުސަތުތައް ލިބުނު. ބޮޑެތި ފުރުސަތުތައް،" ޔުނައިޓެޑުގެ ދާއިމީ ކޯޗުކަން ވަރަށް އަވަހަށް ލިބޭނެ ކަމަށް ބެލެވޭ ސޯލްޝެއާ ބުންޏެވެ.

ލިވަޕޫލާއި ބާންލީ އެންފީލްޑުގައި ކުޅުނު މެޗުގައި ބާންލީގެ އޭޝްލީ ވެސްޓްވުޑް ވަނީ ހަ ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. ލިވަޕޫލް ފަހަތުން އަރައި ކުރި ހޯދީ ރޮބާޓޯ ފިރްމީނިއޯ ޖެހި ދެ ގޯލާއި ސަޑިއޯ މާނޭގެ ގޯލުންނެވެ. މެޗުގެ ފަހު މިނެޓުގައި ބާންލީގެ ގޯމަންސަން ތަފާތުކުޑަކޮށްފައިވަނިކޮށް ލިވަޕޫލަށް މިނެޓެއްގެ ތެރޭ އަނެއްކާ ވެސް ތަފާތު ބޮޑުކޮށްދިނީ މާނޭ އެވެ.