Roadha Mihaaru
މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން ރައީސަށް

މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން އޭސީސީން ރައީސްގެ ސަމާލުކަމަށް ގެނެސްފި

11 މާޗް 2019

އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ހިންގެވި ފައިސާގެ މުއާމަލާތާ ގުޅިގެން ގޭގައި މަޑުކުރަން އެންގި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން އެންޓި ކޮރަޕްޝާން ކޮމިޝަން (އޭސީސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް ގެންނަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ހިންގެވި ފައިސާގެ މުއާމަލާތާ ގުޅިގެން ގޭގައި މަޑުކުރަން އެންގި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން އެންޓި ކޮރަޕްޝާން ކޮމިޝަން (އޭސީސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް ގެންނަވައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަހްލޫފްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމްގެ މައްސަލައިގައި ފާހަގަވި ކަންކަން ވެސް އޭސީސީން ވަނީ ރައީސްގެ ސަމާލު ކަމަށް ގެނެސްފަ އެވެ. ތިން ބޭފުޅުން ސަސްޕެންޑްކޮށްފައި ހުންނަތާ ގާތްގަނޑަކަށް މަހެއްވެއްޖެ އެވެ.

ސަސްޕެންޑް ކުރި ބޭފުޅުންގެ ތެރެއިން އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްގެ މައްސަލައިގައި ފާހަގަވި ކަންކަން އޭސީސީން ރައީސަށް އަދި ނުފޮނުވާ ކަމަށްވެ އެވެ.

އޭސީސީން ރައީސަށް ފޮނުވި ރިޕޯޓުގައި އޭސީސީގެ ތަހުގީގަށް އެ ބޭފުޅުން ދެއްވި ބަޔާންތަކާއި ކޮމިޝަނުން ކުރި ތަހުގީގާ ގުޅިގެން ފާހަގަވި ކަންކަން ވެސް ހިމެނެ އެވެ. އެކަމަކު، އެ ރިޕޯޓުގައި ތިން ބޭފުޅުން ކުށްވެރިވާ ކަމެއް ނުވަތަ ނުވާ ކަމެއް ވެސް ކަނޑައަޅާފައެއް ނުވެ އެވެ.

ސަސްޕެންޑް ކުރި ބޭފުޅުންގެ މައްސަލަތައް އޭސީސީން ބަލަނީ ވަކި ހާއްސަ މައްސަލަތަކެއްގެ ގޮތުގަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އޭސީސީން ހާމަކުރި އިރު، މަހްލޫފާއި އަކްރަމާއި މައުސޫމްގެ އެކައުންޓަކަށް ފައިސާ ވަދެފައިވާ ކަން ރިޕޯޓުން ދައްކަ އެވެ. އެގޮތުން މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އަކްރަމްގެ އެކައުންޓަށް ޖަމާވެފައި ވަނީ 30،000 ޑޮލަރު ކަމަށް ރިޕޯޓުގައި ބުނެ އެވެ. މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 5.7 މިލިއަން ޑޮލަރު އެސްއޯއެފްއިން ޖަމާކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ނަމަވެސް، އެ ބޭފުޅުން ފަހުން ވިދާޅުވީ އެސްއޯއެފާ އެކު ކުރީ ސައްހަ މުއާމަލާތެއް ކަމަށެވެ.

އޭސީސީގެ ތަހުގީގުގައިވާ ގޮތުން 155 ފަރާތަކަށް އެސްއޯއެފުން ވަނީ ލައްކަ އިންނާއި މިލިއަނުން ޑޮލަރު ޖަމާކޮށްފަ އެވެ. ލިސްޓުގައި ހިމެނޭ މީހުންނަށް ފައިސާ ޖަމާވި ސަބަބު ދެނެގަތުމަށް އޭސީސީން އަންނަނީ ތަހުގީގެއް ކުރަމުންނެވެ. އެކަމަކު، އެ ތަހުގީގު ނިމޭނެ އިރެއް ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.