Roadha Mihaaru
އޭސީސީގެ އާ ރައީސަކަށް ޝާމިލް، ނައިބަކަށް ސަލާމް

އޭސީސީގެ އާ ރައީސަކަށް ޝާމިލް، ނައިބަކަށް ސަލާމް

17 މާޗް 2022

ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ފަސް މެމްބަރުން އެ ކޮމިޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ފަސް މެމްބަރުން އެ ކޮމިޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.

އާ ކޮމިޝަނުގެ ރައީސަކަށް މެމްބަރުންގެ ވޯޓުން ކަނޑައެޅީ އެ ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ތ. ވިލުފުށި، ރަތްވިލާގޭ އާދަމް ޝާމިލް އެވެ. ނައިބަކަށް ކަނޑައެޅީ ވެސް އޭސީސީގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކަށް ކުރިން ހުންނެވި ށ. ނަރުދޫ، ހަވާ، އަބްދުއްސަލާމެވެ.

ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައަޅަން ޖެހެނީ މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.

މަޖިލީހުގެ ތެރެއިން އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމުން، އެ ކޮމިޝަންގައި ތިއްބެވި ތިން މެމްބަރަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވީ އެވެ. އަމިއްލަ ސަބަބުތަކަކާ ހެދި އޭގެ ކުރިން އިތުރު ދެ މެމްބަރަކު ވަކިވެވަޑައިގެންފައިވެ އެވެ.

އޭސީސީއަށް އާ ރައީސް މެމްބަރުން އައްޔަންކުރެއްވުމުން، އެ މެމްބަރުން މަގާމުގެ ހުވާކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޭސީސީއަށް އާ ރައީސް މެމްބަރުން އައްޔަންކުރެއްވުމުން، އެ މެމްބަރުން މަގާމުގެ ހުވާކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަން ބެލުމުގެ އެންމެ މަތީ ޒިންމާ އޮންނަ އޭސީސީ އަށް އާ މެމްބަރުން މިއަދު އައްޔަންކުރީ، އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.

އޭސީސީ އަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ފަސް ނަމަށް މަޖިލީހުން ރުހުން ދިނީ މިދިޔަ ހޯމަ ދުވަހެވެ.

އޭސީސީ އަށް އައްޔަން ކުރެއްވި މެމްބަރުންނަކީ؛

- އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި

- އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ

- ތާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި

- ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު

- ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު

އޭސީސީގައި ކުރިން މަސައްކަތް ކުރެއްވި ޝާމިލް އެންމެ ފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރަކަށެވެ. އޭނާ ވަނީ ގައުމީ ޔުނިވާސިޓީން މާސްޓާސް އޮފް ލޯ ހާސިލު ކުރައްވައިފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު އައްޔަންކުރެއްވި މެމްބަރުން ހުވާކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު އައްޔަންކުރެއްވި މެމްބަރުން ހުވާކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޭސީސީގެ އާ ނައިބު ރައީސް ސަލާމް ވަނީ ގައުމީ ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ ކިޔަވައި ވިދާޅުވެފަ އެވެ.

ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެމްބަރުކަން ކުރެއްވި ތޯހާ ވަނީ ގައުމީ ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ ފުރިހަމަކުރައްވައިފަ އެވެ. އޭނާ އަކީ "ދަ ލިޓިޖެންޓްް އެލްއެލްޕީ" ގެ ޕާޓްނަރެކެވެ.

މެމްބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަޒްނާ އެންމެ ފަހުން ހުންނެވީ ނޭޝަނަލް ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރަކަށެވެ. އޭނާ ވަނީ އަޒްހަރު ޔުނިވާސިޓީން ކޮމާސް އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ ނިންމެވި ޝިޔާމާ އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޑެޕިއުޓީ ޑިރެކްޓަރަކަށެވެ.