Roadha Mihaaru
މަޖިލީހުން އަދާލަތަށް އެކަށީގެންވާ ހިއްސާއެއް ލިބެންޖެހޭ

މަޖިލީހުގައި އަދާލަތަށް އެކަށީގެންވާ ހިއްސާއެއް އޮންނަންޖެހޭ: އިމްރާން

11 މާޗް 2019

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އަދާލަތު ޕާޓީ އަށް އެކަށީގެންވާ ހިއްސާއެއް އޮތުން މުހިންމު ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އަދާލަތު ޕާޓީ އަށް އެކަށީގެންވާ ހިއްސާއެއް އޮތުން މުހިންމު ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް މަގުފަހި ކުރުމަކީ އަދާލަތު ޕާޓީން ހުށަހެޅި މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި އެފަދަ އިތުރު ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އަންނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއަށް އެކަށީގެންވާ ހިއްސާއެއް އޮތުން ވަރަށް މުހިންމު ކަމަށެވެ.

އިމްރާންގެ ޓްވީޓް

ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

އަދާލަތު ޕާޓީއަށް އެކަށީގެންވާ ހިއްސާއެއް ރައްޔިތުންގެ މަޖިލީހުން ލިބެންޖެހޭ ކަމަށް އިމްރާން ވިދާޅުވިއިރު، ސަރުކާރު ކޯލިޝަންގެ މެދުގައި މަޖިލިސް ގޮނޑިތައް ބެހުމުގެ މައްސަލައިގައި ކޯލިޝަން ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން ވަނީ އުފެދިފަ އެވެ.

އެގޮތުން، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު އެކަމުގައި އެއްބަސްވުމަކަށް ނާދެވި، ޖުމްހޫރީ ޕާޓީން ވަނީ އިދިކޮޅު ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުންނަށް ވެސް ތާއީދު ކުރާނެކަން ހާމަކޮށްފަ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ދެމެދު ވެސް ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ބަދަލު ކުރަމުންނެވެ.