އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ މެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް، އެ ކޯލިޝަންގައި ހިމެނޭ އެެމްޑީޕީ އާއި އަދާލަތު ޕާޓީން މިރޭ ކުއްލި މަޝްވަރާތަކެއް ވަކިން ބާއްވައިފި އެވެ.
03 ފެބުރުއަރީ 2019
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ މެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް، އެ ކޯލިޝަންގައި ހިމެނޭ އެެމްޑީޕީ އާއި އަދާލަތު ޕާޓީން މިރޭ ކުއްލި މަޝްވަރާތަކެއް ވަކިން ބާއްވައިފި އެވެ.
މިއީ، މަޖިލިހުގެ އިންތިޚާބާ ދިމާކޮށް ކޯލިޝަންގެ ތެރޭގައި ކޯޅުން ބޮޑުވި ފަހުން މި ދެ ޕާޓީ ވަކިން އެއްމޭޒަކަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި މި މަޝްވަރާތަކުގައި އެ ޕާޓީގެ ފަރާތުން އިސްވެ ބައިވެރިވެވަޑައިގަތީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދާލަތު ޕާޓީ ތަމްސީލް ކުރެއްވީ އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ އިމްރާން އަބްދުﷲ އެވެ. އޭނާގެ އިތުރުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ ދެ ބޭފުޅުން ކަމަށްވާ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން ވެސް މި މަޝްވަރާގައި ބައިވެރިވެވަޑައިގަތެވެ. ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ވެސް ތިއްބެވި އެވެ.
Majlis gondithakaa behey gothun MDP aai @AdhaalathOffice mashvaraa koffi pic.twitter.com/B3MkhR7SU2
— MDP Secretariat (@MDPSecretariat) February 3, 2019
މަޝްވަރާއަށް ފަހުގައި އެމްޑީޕީން ކުރި ޓްވީޓް--
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މިރޭ ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ބައްދަލުވުމުގައި، އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާނެ ގޮތަކާ މެދު ދެ ޕާޓީން މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު، އެއްވެސް ކަމަކަށް ދެ ޕާޓީ އަށް އެއްބަސްވެވުނު ކަމެއް ނުވަތަ ނޫން ކަމެއް އަފްޝަން ހާމައެއް ނުކުރައްވަ އެވެ.
"އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނީ. އަޅުގަނޑަށް ވެސް އަދި ތަފްސީލް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން މަޖިލިސް އިންތިޚާބުގައި 86 ދާއިރާ އަކަށް ވާދަކުރުމަށް ނިންމުމުން ކޯލިޝަންގެ ތެރޭގައި ވަނީ ދެ ބަސްވުން އުފެދިފަ އެވެ. އަދާލަތު ޕާޓީން ނިންމާފައިވަނީ 13 ދާއިރާ އަކަށް ވާދަކުރުމަށެވެ. ކޯލިޝަންގެ އެއްބަސްވުމާ އެމްޑީޕީން ހިލާފު ވެފައިވާ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ އެމްޑީޕީ އަށް ހޫނު ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަން ޖެހޭނީ އެ ޕާޓީ އަށެވެ. އެކަމަކު ކޯލިޝަން ސަރުކާރެއް ދެމިއޮންނައިރު ވަކި ޕާޓީއަކަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތުމާ ޖޭޕީން ދެކޮޅެވެ. އެ ޕާޓީން ތާއީދު ކުރަނީ، ސަރުކާރުގައި ޕާޓީތައް ވެސް ހިއްސާވާ ނިސްބަތަށް މަޖިލީހުގެ ގޮނޑިތައް ވެސް ޕާޓީތަކަށް ބަހާލުމަށެވެ. އެއީ، އެމްޑީޕީ އަށް 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 17 ދާއިރާ އެވެ. މި ގޮތަށް އެއްބަސްނުވެވި ޕާޓީތަކުން ވަކިވަކިން ވާދަކުރަން މިހާރު އަންނަނީ ކެމްޕޭން ކުރަމުންނެވެ.
މަސްލަހަތު އިސްކޮށް، ދޫދޭން ތައްޔާރު: އަދާލަތު
އަދާލަތުގެ ހުށަހެޅުމަށް ގައުމީ މަޖިލީހުން ގޮތް ނިންމަނީ
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް
އަދާލަތާއި އެމްޑީޕީ އެއްބައިވީމާ ބައްޔެއް ނުކުރެވޭނެ
ހަތަރު ދާއިރާއެއްގައި އަދާލަތުގެ ތާއީދު އެމްޑީޕީއަށް
އަތްފައި ބަނުމުން ވައުދު ފުއްދަން ދުވަސް ނަގާނެ:ނަޝީދު
އެދުން ބޮޑީ ބަރުލަމާނީ ގެންނަން އުޅޭ ލީޑަރު: ގާސިމް
ދޫދޭން ޖެހޭ ތަންތަނުގައި އަދާލަތުން ދޫދޭނެ: އިމްރާން
ވަކިން ވާދަކުރުން ނޫން ގޮތެއް ނެތް!