އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) ގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ސިންގަލް ވިންޑޯ މަޝްރޫއުގައި މިސް ޕްރޮކިއުމެންޓެއް ހިނގާފައި އޮތަސް ކޮރަޕްޝަނެއް ނުވަތަ އެ ބޭންކުގެ އެންޓި ކޮރަޕްޝަން ޕޮލިސީއާ ޚިލާފު ކަމެއް ހިންގާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
07 ސެޕްޓެމްބަރ 2020
އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) ގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ސިންގަލް ވިންޑޯ މަޝްރޫއުގައި މިސް ޕްރޮކިއުމެންޓެއް ހިނގާފައި އޮތަސް ކޮރަޕްޝަނެއް ނުވަތަ އެ ބޭންކުގެ އެންޓި ކޮރަޕްޝަން ޕޮލިސީއާ ޚިލާފު ކަމެއް ހިންގާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެކި މަޝްރޫއުތައް ހިންގަން މީގެ 40 އަހަރު ކުރިން ފެށިގެން ރާއްޖެ އަށް މާލީ ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ އޭޑީބީން ފަންޑުކުރާ މި މަޝްރޫއު، ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައި ހަވާލުކުރީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ވެބް ފޮންޓެއިން އޭޝިއާ އިންކޯޕަރޭޓެޑާ އެވެ. މި ކުންފުނި ހޮވީ، ބީލަމަށް ހުޅުވައިލުމުން މިދިޔަ ޖޫން މަހު ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅިތާ ވެސް ގާތްގަނޑަކަށް ފަސް މަސް ފަހުންނެވެ. އެހާ ލަސްވީ ފަންނީ ގޮތުން ބަލަން ޖެހޭ ބެލުންތައް ހުރުމުން ކަމަށް ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.
އަގު ބޮޑު މި މަޝްރޫއު ވެބް ފޮއިންޓެއިން އިން ހޯދީ ފިލިޕީންސްގައި ހުންނަ އެ ކުންފުނީގެ ރިސާޗު ޔުނިޓެއްގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިން ކުންފުނިން ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ގޮތަށެވެ. މި މަޝްރޫއުގައި ބައިވެރިވާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީއެއް ނުހިމެނެ އެވެ. އެކަމަކު ޕިލިޕީންސް އެ ލިސްޓުގައި އޮތެވެ.
ބީލަމުގައި ބައިވެރިވި އެހެން ކުންފުނިތަކުން، ހެއްކާ އެކު، ބުނަމުން އައީ ވެބްފޮންޓެއިންއާ އެ މަޝްރޫއު ހަވާލުކުރީ އާއްމުކުރި ޓެންޑާގެ ޝަރުތުތަކާ މުޅިން ޚިލާފަށް ކަމަށެވެ.
މި މައްސަލަ "މިހާރު"ން ރިޕޯޓު ކުރުމުން ފިނޭންސް މިނިސްޓްރީން ވަނީ މަޝްރޫއު ހަވާލުކުރި ގޮތުގެ ރިވިއުއެއް ހަދައިފަ އެވެ. ފިނޭންސުން އިސްވެ މި ރިވިއު ހެދީ ގޯހެއް ހަދާފައިވާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅަން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ހުސެއިން ހަމީމް ވިދާޅުވީ އެ މިނިސްޓްރީން ބެލިއިރު، ބީލަމަށް ފިލިޕީންސްގެ ކުންފުނި ޝަރުތު ހަމަވާ ކަމަށެވެ. މައްސަލައަކަށް ދިމާވީ ފިލިޕީންސްގެ ކުންފުނީގެ ނަމުގައި ކުރިމަތިލައި މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޔޫއޭއީގެ ކުންފުނީގެ ލިއުންތައް ހުށަހެޅުމެވެ.
"އެކަމަކު އިވެލުއޭޝަން ޕްރޮސެސްގައި ޓެކްނިކަލް އިވެލުއޭޝަން ޓީމަށް އެކަން ފާހަގަ ނުވެ އޮތް ކަމަށް އަޅުގަނޑުމެންނަށް ފާހަގަވަނީ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ބިޑް ޑޮކިއުމެންޓުގައިވާ ގޮތުން ބިޑުގައި ބައިވެރިވާ ކުންފުނިތަކުން މަދުވެގެން ހަތަރު މިލިއަން ޑޮލަރަށް ވުރެ ދަށް ނޫން ދެ މަޝްރޫއު ހިންގާފައި ހުރުމަކީ ޝަރުތެކެވެ. އެކަމަކު ފިލިޕީންސްގެ ވެބް ފޮންޓެއިންގައި މި ޝަރުތު ހަމައެއް ނުވެ އެވެ. ޔޫއޭއީ ކުންފުނީގެ ލިއުންތައް ހުށަހެޅީ މި ޝަރުތު ބީލަމަށް ހުށަހެޅި ފިލިޕީންސް ކުންފުނީގެ ހަމަނުވާތީ އެވެ.
ސިންގަލް ވިންޑޯ ޕްރޮޖެކްޓު އެވޯޑު ކުރުމުގައި ހުރި ކަންބޮޑުވުންތައް މިދިޔަ މާޗު 3 ގައި ސަމާލުކަމަށް އައުމުން، އެކަން ބަލަން ފެށީ ހަމަ އެ ދުވަހު އެކަން އޭޑީބީ އަށް ވެސް އަންގާފައި ކަމަށް ހަމީމް ވިދާޅުވި އެވެ.
ވެބްފޮންޓެއިނަށް މަޝްރޫއު އެވޯޑުކުރި ގޮތުގެ ރިވިއު ޕްރޮސެސްއެއް ފެށީ އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް މަޑުޖައްސާލުމަށް ފަހު އެވެ.
ހަމީމް ވިދާޅުވީ، މަޝްރޫއު ކާމިޔާބުކުރި ވެބްފޮންޓެއިން ބިޑިން ޑޮކިއުމެންޓްސް 4،2 ގައި ބުނާ ޝަރުތު ހަމަވާ ކަމަށެވެ. މައްސަލައަކަށް ވީ އެ ކުންފުނިން، ބީލަމުގެ މަސައްކަތުގެ ތަޖުރިބާ އަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ޔޫއޭއީގައި ހުންނަ އެ ކުންފުނީގެ ލިއުންތަކަކަށް ވުމެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެއްވެސް ދައުރެއް ނެތި ހުރިހާ ބިޑްތަކެއްގައި ވެސް މިނިވަންކޮށް ކުރިއަށްދާ ޓެކްނިކަލް އިވެލުއޭޝަން ކޮމިޓީގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ކަސްޓަމްސް އާއި އެންސީއައިޓީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ފަންނީ މުވައްޒަފުން ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
"ދެން ހަމައެއާއެކު ވެބްފޮންޓެއިން އޭޝިއާ އިން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާފައިވާ ލިއުންތަކަކީ ވެބްފޮންޓެއިންގެ ޔޫއޭއީގެ ލިއުންތަކެއް ކަމަށް ވިޔަސް އެއީ ފިލިޕީންސް ކުންފުނީގެ ތަޖުރިބާ ކަމަށް ޑޮކިއުމެންޓްސްގެ ގޮތުގައި އެ ބޭފުޅުން ދައްކާފައެއް ނެތް. ވާހަކަ އަކީ ޑޮކިއުމެންޓްސް އޮޅުވާލައިފައެއް ނޫނޭ އިނީ. އިވެލުއޭޝަނަށް އޭތި ފާހަގަނުވީ އޯވަލުކްވެފައި އިނީމަ،" ހަމީމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ވެބްފޮންޓެއިންގެ އެއްބަސްވުން އުވައިލައި އަލުން ބީލަމަށް ހުޅުވާލަން އޭޑީބީން އަންގާފައި އޮތް ނަމަވެސް، އެ ބޭންކުގެ އިންޓެގްރިޓީ ވަޔަލޭޝަނެއް ނުވަތަ އޭޑީބީގެ އެންޓި ކޮރަޕްޝަން ޕޮލިސީއާ ޚިލާފު ކަމެއް ހިނގާފައި އޮތް ކަމަކަށް އެ ބޭންކަކުން ނާންގަ އެވެ.
އެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގިކަން ފާހަގަވެފައި ނުވާ ކަމަށް ބޭންކުން އަންގާފައިވާ ކަމަށް ހަމީމް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރިވިއުގައި ވެސް އޭޑީބީގެ އެންޓި ކޮރަޕްޝަން ޕޮލިސީއާ ޚިލާފު ކަމެއް ގަސްތުގައި ކޮށްފައި އޮތް ކަމަކަށް ފާހަގަވެފައެއް ނެތް. ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ހިނގާފައެއް ނުވާކަން ފާހަގަކުރަން،" ހަމީމް ވިދާޅުވި އެވެ.
"އޭޑީބީ ސައިޑުން ވެސް ހަގީގަތުގައި ހުއްދަ ދިންއިރު މީތި އޯވަލުކް ކުރެވިފައި އިނީމާ އެ ބޭފުޅުން ވެސް އަޅުގަނޑުމެންނަށް އަންގާފައި އެބައޮތް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ނޫނޭ މި މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތީކީ."
ހަމީމް ވިދާޅުވި ގޮތުގައި އޭޑީބީން ހަމައެކަނި އަންގާފައި އޮތީ އަލުން ބީލަމަށް ހުޅުވާލައިގެން ބަޔަކާ ހަވާލުކުރުމުން ނޫނީ މަޝްރޫއަށް ފަންޑް ނުކުރެވޭނެ ކަމެވެ. އެއީ އެ މައްސަލައާ ހުރެ ފަންޑުކުރުމުގެ ގަވާއިދުގެ ތެރެއަށް ނުފެތޭތީ ކަމަށް ވެސް އެ ބޭންކުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެބްފޮންޓެއިނާ އެކު ކުރިއަށް ދާން ޖެހޭނީ ދިވެހި ސަރުކާރުގެ ހަރަދުގަ އެވެ.
"އޭޑީބީން އެންގީ އެކޮޅުގެ ފަންޑިން ދެވޭނީ ބިޑިން ޕްރޮސެސް އަލުން ކުރިއަށް ގެންގޮސްގެންނޭ. ދެން ހަމައެއާއެކު މި ޕްރޮޖެކްޓް އިތުރަށް ކުރިއަށް ގެންދިއުމަށް އިއުތިރާޒެއް އޭޑީބީގެ ނެތް. އެކަމަކު ފަންޑިން ހުއްޓޭނެ. އެހެންވީމާ ދައުލަތަށް ވެސް އެހާ ފައިދާ ހުރި ގޮތެއް ނޫން ފަންޑިން ހުއްޓުމަކީ،"-- ހަމީމް
މަޝްރޫއު އަލުން ހުޅުވާލައި ކުރިއަށް ގެންދަން ސަރުކާރުން ނިންމީ އެހެންވެ އެވެ.
ހަމީމް ވިދާޅުވީ އަލުން ބީލަމަށް ހުޅުވައިލުމުން ވެސް ވެބްފޮންޓެއިނަށް ކުރިމަތިލެވޭނެ ކަމަށެވެ. އެކަން އޭޑީބީން އަންގާފައި އޮތް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
100 މިލިއަން ރުފިޔާގެ މަޝްރޫއު އޭޑީބީން ހުއްޓުވައިފި
އެއްބަސްވުން އުވާލަން ޖެހުނުއިރު ވެސް އޭސީސީ ބަލަން!
އައިޖީއެމްއެޗާއި ޕީޖީ އޮފީހުގެ ބިޑް ކޮމިޓީ ސަސްޕެންޑްް
ހުއްދަ ނުހޯދާ 120 ބިޑް ކޮމިޓީއެއް ސަސްޕެންޑް!
ޕްރޮޖެކްޓްތައް ލަސްވުމުން ދެ ކުންފުންޏެއް ސަސްޕެންޑް!
ނަމްބަރު ޕްލޭޓް މައްސަލަ: 3މިލިއަންގެ ބަދަލެއް ނުދިން
އަގު ބޮޑު މަޝްރޫއު އަލުން ހުޅުވާލުމުން ހަ ކުންފުންޏެއް
ވަސާޖިއޯއަށް ނަމްބަޕްލޭޓް ދިނުން ގަވާއިދާޚިލާފު:ފިނޭންސް
ނަމްބަރުޕްލޭޓް ދިން ގޮތް: ކޮރަޕްޝަންގެ ބޮޑު އަދަދެއް؟
މާލީ ކަންކަން ބަލަހައްޓަން ހާއްސަ މަގާމެއް އުފައްދައިފި