Roadha Mihaaru
ހުޅުމާލޭ އިންޖީނުގޭގެ މަސައްކަތް އަންނަ މަހު ނިމޭނެ

ހުޅުމާލޭގައި ހަދާ އިންޖީނުގޭގެ މަސައްކަތް އަންނަ މަހު ނިމޭނެ: ސްޓެލްކޯ

13 މާޗް 2019

ސްޓެލްކޯއިން ކުރިއަށްގެންދާ ފިފްތު ޕަވާ ޕްލާންޓު މަޝްރޫއު އަންނަ މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްޓެލްކޯއިން ކުރިއަށްގެންދާ ފިފްތު ޕަވާ ޕްލާންޓު މަޝްރޫއު އަންނަ މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި ހިންގާ ފަސް ވަނަ ޕަވާ ޕްލާންޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިޓެންޑެންޓް އިންޖީނިއަރު އިބްރާހިމް ރައޫފު ވިދާޅުވީ ޕަވަޕްލާންޓުގެ މަސައްކަތް ނިމުމުން މުޅި ހުޅުމާލެއަށް ކަރަންޓް ދޭނީ އެ ޕްލާންޓުން ކަމަށެވެ.

މިހާރު ހުރި ކެޕޭސިޓީ އަށް ބަލާއިރު ހުޅުމާލެއަށް ބޭނުންވަނީ 13 މެގަވޮޓްގެ ކަރަންޓެވެ. އެ މަޝްރޫއު ނިމުމުން އެ އަދަދު 50 އަށް އިތުރުވާނެ ކަމަށް ރައޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ޖަނަރޭޓަރާއި ސާމާނު ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތައް އެއްކޮށް ނިމުމުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހުޅުމާލެއަށް ކަރަންޓުގެ މައްސަލައެއް ދިމާނުވާނެ ކަމަށާއި މިހާރު ދިމާވާ މައްސަލަތައް ވެސް ހައްލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ދެ ވަނަ ފިޔަވަހީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

ޑޮންފެން އިން ހުޅުމާލޭގައި ކުރިއަށް ގެންދާ ސްޓެލްކޯގެ ފަސް ވަނަ ޕަވާ ޕްރޮޖެކްޓްގެ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރުގެ އިތުރުން ފިއުލް ފާމަކާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.