Roadha Mihaaru
ނަޝީދުގެ އަމަލުތައް ހުއްޓުވައިދޭން އެމްޑީޕީގައި އެދިއްޖެ

ބޮޑެތި ތުހުމަތުތަކާ އެކު، ނަޝީދަށް ފިޔަވަޅު އަޅައިދޭން އެދިއްޖެ

10 ސެޕްޓެމްބަރ 2020

ބޮޑުވަޒީރު ކަމަށް ވެވަޑައިގަތުމުގެ ނިޔަތާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައި އަމިއްލަ މަސްލަހަތު އިސްކުރައްވައި، ވަޒީރުންނަށް ނުފޫޒު ފޯރުއްވުމާއި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލު ކުރައްވާ ކަމުގެ ތުހުމަތުކޮށް އެކަން ހުއްޓުވައިދޭން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުއައިބު އަލީ އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޮޑުވަޒީރު ކަމަށް ވެވަޑައިގަތުމުގެ ނިޔަތާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައި އަމިއްލަ މަސްލަހަތު އިސްކުރައްވައި، ވަޒީރުންނަށް ނުފޫޒު ފޯރުއްވުމާއި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލު ކުރައްވާ ކަމުގެ ތުހުމަތުކޮށް އެކަން ހުއްޓުވައިދޭން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުއައިބު އަލީ އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ކަމަށް ސޯޝަލްމީޑިއާގައި އާއްމުކޮށްފައިވާ ދެ ސޮފްހާގެ ސިޓީގައި އޭނާގެ ތުހުމަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ތެރެއަށް ނަޝީދު ވަދެވަޑައިގަތުމެވެ. މިއީ، އެއް މޭޒު ދޮށުގައި ތިބެ ސުލްހަވެރި ހައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

ޝުއައިބު ވިދާޅުވި ގޮތުގައި، ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެއީ ހަސަން ކުރައްވަން މަޖުބޫރުވެވަޑައިގަންނަވާ ގާނޫނީ ވާޖިބެކެވެ.

"ހިޔާލު ތަފާތުވިޔަސް ގައުމަށާއި ރައްޔިތުންނަށް ގެއްލުން ލިބި ޕާޓީގެ ވެރިން އެކަކު އަނެކަކަށް ދެފުރަގަސް ޖައްސާ ހިސާބަށް މައްސަލަތައް ގެންދިއުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ހާސްކަމެއްގެ ތެރެއަށް ވެއްޓޭނެ ކަމެކެވެ. އެމްޑީޕީގެ ވެރިންގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ގެއްލޭނެ ކަމެކެވެ،" ޝުއަައިބުގެ ސިޓީގައިވެ އެވެ.

ނަޝީދަށް ބޮޑެތި ތުހުމަތުތަކަކާ އެކު ފިޔަވަޅު އަޅައިދޭން އެދި އެމްޑީޕީގައި ޝުއައިބު މި އެދިވަޑައިގަތީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނަޝީދު މަސައްކަތްޕުޅު ފައްޓަވާފައި ވަނިކޮށެވެ. އެމްޑީޕީގައި "ބްރޯ ހެދިގެން" އުޅުއްވުމުގެ ފުރުސަތު ފައްޔާޒަށް ނުދެއްވާނެ ކަމަށް ވިދާޅުވެ މެމްބަރުންގެ ސޮއި ހޯއްދެވުމުގެ އިތުރުން ގައުމީ މަޖިލީހަށް ވެސް އެ މައްސަލަ ހުށަހަޅުއްވަން ނަޝީދު ވަނީ ނިންމަވައިފަ އެވެ.

ކެބިނެޓުގައި ރައީސް އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރުގެ ދިފާއުގައި އެމަނިކުފާނު ވަނީ ނަޝީދާ ދެކޮޅަށް ނުކުންނަވައިފަ އެވެ. އިތުބާރު ނެތް ކަމުގެ ވޯޓުން ފައްޔާޒް ސަލާމަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ޝުއައިބު ގުޅުވީ، ނަޝީދު ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅާ އެވެ. އެމްޑީޕީ މައި ޕާޓީގެ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރައްވާ ގޮތަށް އުފެއްދެވި ކޯލިޝަން ސަރުކާރު، ދައުރުގެ މެދުތެރެއިން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްލައި މަޖިލީހުގެ މެމްބަރުން ވަޒީރުކަން ފުރުއްވާ ގޮތަށް ހަމަޖެއްސުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝުއައިބުގެ ސިޓީގައިވެ އެވެ.

އެ ސިޓީގައިވާ ގޮތުގައި ވަޒީރުން ޖަވާބުދާރީކުރުވާނެ ގޮތް ގާނޫނުއަސާސީގައި އޮވެ އެވެ. އަދި އެކަމުގައި ޕާޓީން އަމަލުކުރާނެ ގޮތް ވެސް އޮތީ ލިޔެފައި ކަމަށް ވިދާޅުވި އެވެ. ހަމައެގޮތަށް މަޖިލީހުގެ މެމްބަރުން އަމަލުކުރައްވަން ޖެހޭ އުސޫލްތައް، ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދުން ސާފު ކަމަށް ޝުއައިބު ވިދާޅުވި އެވެ.

"މިހެން މިކަން އޮއްވައި، އަޅުގަނޑުމެންގެ ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ގުރުބާން ކުރުމަކީ ގައްދާރުވުން ކަމުގައި އަޅުގަނޑު ދެކެމެވެ،" ޝުއައިބުގެ ސިޓީގައިވެ އެވެ.

"ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ރައީސް ނަޝީދު ބޮޑުވަޒީީރަަކަށް ވުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ އެވެ. އެކަން ކުރަން، އަޅުގަނޑުމެން ނުހަނު މަސައްކަތުން އުފެއްދި ޕާޓީ ގުރުބާންކުރާކަށް އަޅުގަނޑުގެ ޒަމީރާއި ފިކުރު ޖާގައެއް ނުދެ އެވެ."

ޝުއައިބު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ވަޒީރުންނަށް ފިޔަވަޅު އެޅުއްވުމަށާއި ގާނޫނީ މަސްއޫލިއްޔަތުން އެކަހެރިކުރައްވަން ކުރާއްވާ މަސައްކަތް ފެންނަނީ ބަދަލު ހިފުމުގެ ރޫހުގައި ކުރައްވާ ކަންކަމުގެ ގޮތުގައި ކަަމަށެވެ. އެއީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހަސަން ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ޝުއައިބު ވިދާޅުވެފައިވެ އެވެ.