16 މާޗް 2019
ބ. އޭދަފުށިން މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފައްދައި އެތައް ކާމިޔާބީތަކެއް ހޯދައިފި އެވެ. ގައުމީ ޓީމުގައި ވެސް އެ ރަށުގެ ހިއްސާ ބޮޑެވެ. އެކަމަކު ނުވެ އޮތް ކަމަކީ ފެންވަރުގެ ރަނގަޅު ދަނޑެއްގެ ނަސީބެވެ މިއަދު ހަވީރު އެ ރަށުގައި ހުޅުވި މަތީ ފަންތީގެ ޓާފް ދަނޑާ އެކު އެ އުއްމީދު ވެސް ހާސިލްވެއްޖެ އެވެ.
ބ. އޭދަފުށިން މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފައްދައި އެތައް ކާމިޔާބީތަކެއް ހޯދައިފި އެވެ. ގައުމީ ޓީމުގައި ވެސް އެ ރަށުގެ ހިއްސާ ބޮޑެވެ. އެކަމަކު ނުވެ އޮތް ކަމަކީ ފެންވަރުގެ ރަނގަޅު ދަނޑެއްގެ ނަސީބެވެ މިއަދު ހަވީރު އެ ރަށުގައި ހުޅުވި މަތީ ފަންތީގެ ޓާފް ދަނޑާ އެކު އެ އުއްމީދު ވެސް ހާސިލްވެއްޖެ އެވެ.
އޭދަފުށީގެ ޓީމަކާއި އެފްއޭއެމްގެ ޓީމެއްގެ މެދުގައި ކުޅުނު ހާއްސަ މެޗަކުން ހުޅުވި މި ދަނޑަކީ އޭދަފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު ވެވަޑައިގެންނެވި ވައުދެކެވެ. މި ދަނޑަކީ މިހާތަނަށް ރާއްޖޭގެ ކުޅިވަރުގައި އެއް ރަށެއްގައި ކުރެވުނު އެންމެ ބޮޑު އެއް ހޭދަ އެވެ. އެކަމުގެ ފަހަތުގައި އޭދަފުށީ މީހަކު ހުރުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބުނު އުފާވެރިކަން ބޮޑުވި ސަބަބެކެވެ.
"މިކަން މި ކުރެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު ސްޕޯޓްސް މިނިސްޓްރީ އާއި އޭދަފުށީ ކައުންސިލްގެ އިތުރުން އަޅުގަނޑުގެ ފަރާތުން މި މަސައްކަތުގައި ޝާމިލުވެ އުޅުނު ހުރިހާ ފަރާތްތަކުގެ އެހީގައި. ހަގީގަތުގައި އޭދަފުށީގައި ރަނގަޅު ދަނޑެއް އޮންނަން ޖެހޭ. އަޅުގަނޑުގެ އުއްމީދަކީ މި ދަނޑުގެ ބޭނުން އެންމެން ހެޔޮ ގޮތުގައި ކުރުން. މިއީ އަޅުގަނޑުގެ އެއް ނޫން ތިޔަ ރައްޔިތުންގެ ދަނޑެއް،" ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޒީރު ވިދާޅުވި އެވެ.
ބ. އޭދަފުށީ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަޒީރު ވިދާޅުވީ ދަނޑު އެޅުމުގެ މަސައްކަތުގައި ވަކިވަކި ގިނަ ބަޔެއްގެ އެއްބާރުލުން ލިބުނު ކަމަށާއި އޭގެ ތެރެއިން އިބްރާހިމް އާމިރު (ސަލްސާ އާމިރު) ދަނޑުތަކުގެ ކުރެހުންތަކެއް ހިފައިގެން އައިސް އުއްމީދީ ވާހަކަތަކެއް ދެއްކެވި ކަމަށެވެ. އެ ހިސާބުން އިތުރަށް މަސައްކަތައިގެން ކުރިއަށް ދިއުމަށް ހިތްވަރު ލިބިގެންދިޔަ ކަމަށް ވިދާޅުވި އެވެ.
ވަރުގަދަ އަށް ލެވެލްކޮށް ފީފާ އިން ބަލާ މިންގަނޑަށް ފެެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފު އަޅާފައިވާ ދަނޑު ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު މެޗުން އޭދަފުށީ ޓީމުގެ މައްޗަށް އެފްއޭއެމް ޓީމުން ކުރިހޯދީ 6-2 އިންނެވެ. އާންމުކޮށް މި ފަދަ ރަސްމިއްޔާތުތަކުގައި ކުޅޭ މެޗުތަކުގައި މާ ބޮޑު ވާދަވެރިކަމެއް ނުފެނެ އެވެ. އެކަމަކު މި މެޗު ތަފާތެވެ. ދެ ޓީމުން ވެސް ކުޅުނީ މޮޅުވާން ބޭނުންވެގެންނެވެ. މެޗުގެ ފޯރި އޮތީ ވަރަށް ބޮޑަށް ހިފައިފަ އެވެ.
އޭދަފުށީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ މިދިޔަ އަހަރުގެ ސާފް ތަށި ރާއްޖޭން ގެނައިއިރު، ފައިނަލުގައި އިންޑިއާ ކޮޅަށް ދެ ވަނަ ލަނޑު ޖެހި ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި އެ ޓީމުގައި ދެން ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ދާދި ފަހުން މާޒިޔާ އަށް ސޮއިކުރި ގައުމީ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޝާން އިބްރާހިމް (ސައްޓު) އެވެ. އަދި ގައުމީ ޓީމުގައި ގިނަ މެޗުތަކެއް ކުޅުނު ޝާފިއު އަހުމަދު (ޝާފީ) ވެސް އެ ޓީމުގައި ހިމެނެ އެވެ. މީގެ އިތުރުން ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ.
އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު (ވ) އާއި ނަޒީރު (ކ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަލީ އަޝްފާގު (ދަގަނޑޭ)ގެ ކެޕްޓަންކަމުގައި އެފްއޭއެމް ޓީމު ކުޅުނުއިރު، މި މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ މުހައްމަދު އުމެއިރު، ޔަސްފާދު ހަބީބު (މުލަކޭ)، އިބްރާހިމް ވަހީދު (އިއްބެ)ގެ އިތުރުން އަސްހަދު އަލީ (އަޑުބަރޭ) އެވެ. އޭގެ އިތުރުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަނަވަސްކުރި އެވެ.
މި މެޗުގެ ދެ ވަނަ ހާފްގައި ބޯ ވިއްސާރައިގައި ދެ ޓީމު ކުޅެމުންދިޔައިރު، އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު ވެސް ކުޅުއްވި އެވެ. އަލީ ވަހީދު ކުޅުއްވީ އަލީ ނާޝިދު (އޮގަރު އައްޔަ)ގެ އިރުޝާދުގެ ދަށުން ކުޅުނު އެފްއޭއެމްގެ ޓީމަށެވެ.
"އެއްވެސް ސަރުކާރަކަށް ނުކުރެވި އޮތްކަމެއް އޭދަފުށީގެ ބޭފުޅެއް ނަޒީރު މިކަން ކޮށްދެއްވީތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އޭދަފުށްޓަކީ ފުޓްބޯޅައިގައި ދެގޮތެއްނުވާ ބްރެޒިލް. މިއީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލައި ގުޅޭނެ ދަނޑެއް. މި ދަނޑުން ގިނަ ކުޅުންތެރިންތަކެއް މުސްތަގުބަލުގައި އުފެދިގެން ރާއްޖޭގެ މަތީ ފަންތީގައި ކުޅޭނެ. އުއްމީދަކީ މިއީ މުޅި ރާއްޖެއިން މިސާލުނަގާނެ ދަނޑެއް ކަމުގައިވުން،" އަލީ ވަހީދު ވިދާޅުވި އެވެ.
މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅުނު އޭދަފުށީ ޓީމަށް މި މެޗުގައި ލަނޑު ޖަހައިދިނީ ސެންޓޭގެ އިތުރުން މި ރަށު ގިނަ ބަޔަކު އެ ކުޅުންތެރިޔަކާ މެދު ފަހުރުވެރިވާ އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓެ) އެވެ. މަޖިއްޓެ ލަނޑު ޖެހީ ސެންޓޭ ދިން ބޯޅައަކުންނެވެ. ލަނޑު ޖަހަން ސައްޓު ފޮނުވާލި ބޯޅައެއް އެފްއޭއެމް ޓީމުގެ ގޯލުގައި ހުރި ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ.
އޭދަފުށީ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭދަފުށީ ޓީމުން ދިވެހި ފުޓްބޯޅައިގައި އެންމެ ވިދުންގަދަވި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަބްދުލްމަޖީދު ބުނީ އެ ރަށަކީ ފުޓްބޯޅައިގެ ހުނަރު އޮތް ރަށެއް ކަމަށާއި މިވީހާ ތަނަށް ނެތީ ރަނގަޅު ފެންވަރުގެ ދަނޑެއް ކަމަށެވެ. އެކަމަކު ޓާފް ދަނޑެއް ލިބުމުން އާ ހިތްވަރެއްގައި މަސައްކަތް ފަށާނެ ކަމަށާއި އުއްމީދަކީ މިހާރަށް ވުރެން ބޮޑަށް ދިވެހި ފުޓްބޯޅައިގައި އޭދަފުށީގެ ބައިވެރިވުން ބޮޑުކުރުން ކަމަށެވެ.
އޭދަފުށީގެ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހުމާން ވިދާޅުވީ ވެލީގައި ކުޅުމުގެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިއްބައި ލިބިގެންދިޔައީ އެންމެން އުއްމީދުކުރި ވަރަށް ވުރެ ވެސް ފެންވަރު ރަނގަޅު ދަނޑެއް ކަމަށެވެ. އެކަމަށްޓަަކައި ނަޒީރަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށާއި މިއީ އޭދަފުށި ފުޓްބޯޅައިން ދެން އޮތް ހަރުފަތަށް ގެންގޮސްދޭނެ ދަނޑެއް ކަމަށް ވިދާޅުވި އެވެ.
މިއަދުގެ މެޗަށް ރާއްޖޭގެ ފުޓްބޯޅައިގެ އެހާރާއި މިހާރުގެ މަޝްހޫރު ކުޅުންތެރިން ދިޔަ އެވެ. އޭގެ ތެރޭގައި އޭދަފުށްޓައް ނިސްބަތްވާ ކުޅުންތެރިންގެ އިތުރުން އެހެން ރަށްތަކުގެ ކުޅުންތެރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖެ ފުޓްބޯޅައިން އެންމެ ފުރަތަމަ މެޑެއްޔެއް ހޯދައިދިން ކެޕްޓަން އިބްރާހިމް ނޫރައްދީން ހިމެނެ އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް މި ވަގުތު ބަލާލިޔަސް އެއް ރަށަކުން އެންމެ ގިނަ ކުޅުންތެރިން ނެގޭނެ ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނޭނެ އެވެ. އެފްއޭއެމުން އިސްނަގައިގެން ފެށި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް އޭދަފުށްޓައް ގެނައި އެންމެ ބޮޑު ސަބަބަކީ ވެސް ހުނަރާއި ވަސީލަތުގެ ގޮތުންނާއި ކުޅުންތެރިން އުފެދޭނެ ނިސްބަތް މި ރަށުގައި ބޮޑުވުމެވެ. އަލަށް މި ހުޅުވުނު ދަނޑަކީ ހަމައެކަނި އޭދަފުށްޓައް ލިބުނު ވަސީލަތެއް ނޫނެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ވެސް ލިބިގެންދިޔަ ވަސީލަތެއްގެ ގޮތުގައި ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު ސިފަކުރެ އެވެ.
އޭދަފުށީ ދަނޑު އިތުރަށް ތަރައްގީކުރަން ފަށައިފި
ވެލި ދަނޑުން ޓާފަށް: ހުވަފެން ހަގީގަތަކަށް
ސައުތު އެފްރިކާގެ ފުޓްބޯޅަ ރައީސަށް ކޮރަޕްޝަނުގެ ދައުވާ
ސޮސިއެޑާޑްގެ ޑައިރެކްޓާ އޮލާބެ ކަލްބް ދޫކޮށްލަނީ
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ގާޑިއޯލާއަށް ފަހުވެސް ސިޓީ ގޮތުގައި ކުރިއަށްދާނެ
މާލޭން ވަރުގަދަ ޓީމެއް ނެރެ، ޗެލެންޖް ދޭނެ