Roadha Mihaaru
ސޮސިއެޑާޑްގެ ޑައިރެކްޓާ އޮލާބެ ކަލްބް ދޫކޮށްލަނީ

ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ޑައިރެކްޓާ އޮލާބެ ސޮސިއެޑާޑް ދޫކޮށްލަނީ، ދަނީ އާސެނަލަށް؟

14 ނޮވެމްބަރ 2024

ސެން ސެބާސްޓިއަން (ނޮވެމްބަރު 14) – ސްޕެއިންގައި މަޝްހޫރު ފުޓްބޯޅަ ޑައިރެކްޓާ ރޮބާޓޯ އޮލާބެ، މި ސީޒަނަށް ފަހު ރެއާލް ސޮސިއެޑާޑް ދޫކޮށްލަން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެން ސެބާސްޓިއަން (ނޮވެމްބަރު 14) – ސްޕެއިންގައި މަޝްހޫރު ފުޓްބޯޅަ ޑައިރެކްޓާ ރޮބާޓޯ އޮލާބެ، މި ސީޒަނަށް ފަހު ރެއާލް ސޮސިއެޑާޑް ދޫކޮށްލަން ނިންމައިފި އެވެ.

ފުޓްބޯޅައިގެ ޓެކްނޮލޮޖިސްޓްގެ ނަމުން މަޝްހޫރު ވެފައިވާ އޮލާބެ، ސޮސިއެޑާޑްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ ޖޫން 2026 ގަ އެވެ. އެކަމަކު ކޮންޓްރެކްޓް ހަމަވުމުގެ އެއް އަހަރު ކުރިން އެ ކްލަބް ދޫކޮށްލަން އޭނާ ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލާ ވާހަކަ، މި ހަފުތާގައި އިއުލާން ކުރުމުން އޭނާގެ ނަން އާސެނަލްގެ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމާ، މީޑީއާތަކުން ގުޅުވަ އެވެ.

މިދިޔަ ފަސް އަހަރު އާސެނަލްގައި މަސައްކަތް ކުރި ސްޕޯޓިން ޑައިރެކްޓާ އެޑޫ ގެސްޕާ ވަނީ މިދިޔަ ހަފުތާގައި އެ މަގާމުން އިސްތިއުފާ ދީފަ އެވެ. އެކަމަކު އޭނާގެ އަދާކުރި މަގާމަށް އޮލާބެ، 57، ގެންނާނެ ކަމުގެ އެއްވެސް އިޝާރާތެއް އާސަނަލުން ދީފައެއް ނުވެ އެވެ.

ކުރިން ގޯލްކީޕަރަކަށް ކުޅުނު އޮލާބެ ވަނީ 2002 ގައި ކުޅުން ހުއްޓާލުމަށް ފަހު ސޮސިއެޑާޑްގެ ޔޫތު ޓީމާއި ސީނިއާ ޓީމަށް ވެސް ކޯޗުކޮށް ދީފަ އެވެ. އެކަމަކު އޭނާގެ މަސައްކަތް ބޮޑަށް ފާހަގަ ވީ ޓެކްނިކަލް ޑައިރެކެޓަރެއްގެ ގޮތުގަ އެވެ.

ރޮބާޓޯ އޮލާބެ

ރޮބާޓޯ އޮލާބެ

ސޮސިއެޑާޑްގެ މަގާމުގައި އެ ޓީމުގެ އެންމެ އިސް ޓްރާންފާ އޮފިޝަލްގެ ގޮތުގައި އޭނާ ވަނީ އަގު ހެޔޮކޮށް ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އެ ކްލަބަށް ސޮއި ކުރުވައިފަ އެވެ.

ބޮރޫޝިއާ ޑޯޓްމެންޑަށް ކުޅެމުން ދިޔަ ސްވިޑެންގެ ސްޓައިކުރު އެލެގްޒެންޑާ އިސާކް، 2019 ގައި ސޮސިއެޑާޑަށް، އޮލާބެ މެދުވެރިވެ ގެނައީ 16 މިލިއަން ޑޮލަރަށެވެ. ފަހުން 2022 ގައި 70 މިލިއަން ޑޮލަރަށް އޭނާ ނިއުކާސަލް ޔުނައިޓެޑަށް ވިއްކާލި އެވެ.

އެ އަހަރު އެ މަގާމު ފޫބައްދަން ސޮސިއެޑޭޑުން ގެނައީ ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓްގައި ހުރި ޖަޕާނުގެ ފޯވާޑް ޓަކފޫސޯ ކޫބޯ އެވެ. އޭނާ ލައްވައި ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރުވި އެވެ.

އޮލާބެ ވަނީ އޭނާގެ ދައުރުގައި އާސެނަލް އާއި ސޮސިއެޑާޑާ ދެމެދު ރަނގަޅު ގުޅުމެއް ދަމަހައްޓާފަ އެވެ. ދެ ކްލަބްގެ ދެމެދުގައި ކާމިޔާބު ޓްރާންސްފާތަކެއް ހެދި އެވެ. ނިއުކާސަލް އަށް 12 މިލިއަން ޑޮލަރު ދިނުމަށް ފަހު މިކެލް މެރީނޯ ސޮސިއެޑާޑަށް 2018 ގައި ސޮއި ކުރުވުމަށް ފަހު މިދިޔަ އޯގަސްޓްގައި އާސެނަލް އަށް ވިއްކާލީ 32 މިލިއަން ޑޮލަރަށެވެ. އާސެނަލްއިން ނަޗޯ މޮންރެއާލް އާއި ކީރަން ޓީނީ ވެސް ސޮސިއެޑާޑް އަށް ގެންދިޔަ އެވެ.