Roadha Mihaaru
ޖިއާން މަރުވި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

ޖިއާންގެ މަރާ ގުޅިގެން ދައުވާކުރާ ހަ މީހުންގެ ޝަރީއަތް މާދަމާ ފަށަނީ

20 މާޗް 2019

މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ބަންގްލަދޭޝްގެ، ހަތް އަހަރުގެ ކުއްޖެއް ކަމަށްވާ ރަވްޝަން ޖިއާން މިދިޔަ ޑިސެމްބަރު މަހު މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އެވެ. މައިންބަފައިންނާ އެކު ރައުޝަން މަގުމަތިން ހިނގާފައި ދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއިން ޖެހި، އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ އިންޑިއާ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ. އެ މައްސަލާގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު އެވެ.

އޭގެ ތެރެއިން އެއް ބިދޭސީއެއްގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ ދަށުން، މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަ އަހަރަށް ޖަލަށްލުމެވެ.

ދެވަނަ މީހާގެ މައްޗަށް ދައުލަތުން ކުރަނީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ.

ދެން ތިބި ދެ ބިދޭސީންގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނުލް އުގޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި، ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރާ ދެ ދިވެހިންނަކީ ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގެވެ. އެ ދެ މީހުންގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ ދަށުން މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހާދިސާއަށް ފަހު ސަރުކާރުން ވަނީ އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.