Roadha Mihaaru
ކްރިމިނަލް ކޯޓު ރައްކާތެރިއެއް ނޫން، ގޮތް ހުސްވެފައި!

ކްރިމިނަލް ކޯޓުގެ އިމާރާތް ރައްކާތެރިއެއް ނޫން، އެހެން ތަނެއް ނުލިބި ގޮސް ހުސްވެފައި!

05 ސެޕްޓެމްބަރ 2022

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދަނީ ބާވުމުގެ ސަބަބުން ރައްކާތެރި ތަނެއްގައި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ލަފާ ދީފައި ވިޔަސް، އެ ކޯޓު ހިންގަން އާ އިމާރާތެއް ނުލިބި "ގޮތް ހުސްވެއްޖެ" އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދަނީ ބާވުމުގެ ސަބަބުން ރައްކާތެރި ތަނެއްގައި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ލަފާ ދީފައި ވިޔަސް، އެ ކޯޓު ހިންގަން އާ އިމާރާތެއް ނުލިބި "ގޮތް ހުސްވެއްޖެ" އެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދަނީ މާރުކޭޓް ސަރަހައްދުގައި ހުރި އެސްޓީއޯގެ ކުރީގެ އިމާރާތުގަ އެވެ. އެ އިމާރާތް ބާވެ، ފާރުތަކުގައި ރެނދު ލާފައިވާއިރު، ސީލިންގުން ފެން ފޭބުން ފަދަ އެތައް ކަމެއް ދަނީ ދިމާވަމުންނެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ، ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން މިދިޔަ އަހަރު އެންގިޔަސް، އެހެން އިމާރާތަކުން މި ވަގުތު ޖާގަ ނެތް ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އާ އިމާރާތެއް ހޯދަން ޓެންޑާ ކޮށްދޭން ޓެންޑާ ބޯޑަށް ފޮނުވުމުން، އިމާރާތެއް ނުލިބުނު ކަމަށް އެ ބޯޑުން މިދިޔަ މާޗް މަހު އަންގާފައިވާ ކަމަށް ޑީޖޭއޭ އިން ބުނެ އެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު ކުރި މަޝްވަރާތަކުގައި ވެސް، ވިނަރެސް ފްލެޓްގެ ކޮމާޝަލް ޖާގަތަކުން ޖާގައެއް ލިބެން ނެތް ކަމަށް އެ ކުންފުނިން މިދިޔަ މާޗު މަހު އަންގާފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

އެ އިދާރާ އިން ބުނިގޮތުގައި، ކްރިމިނަލް ކޯޓު ހިންގަން ހަ މަސް ތެރޭގައި ވަގުތީ އިމާރާތެއް ހުޅުމާލޭގައި އަޅައިދޭން އެޗްޑީސީން މި އަހަރު އެއްބަސްވި އެވެ. އެކަމަކު ހަތަރު ބުރީގެ އެ އިމާރާތް ހަދަން ޖެހޭނީ ޑީޖޭއޭގެ ބަޖެޓުން ކަމަށާއި އަދި 6،200 އަކަފޫޓުގެ އެ ބިން ދޫކުރެވޭނީ ފަސް އަހަރުގެ މުއްދަތަށް ކުލި ދައްކާ ގޮތަށް ކަމަށް އެޗްޑީސީން އަންގާފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކުރަން ޖެހުނީ ވެސް ޝަރީއަތްކުރާ ކޮޓަރީގެ ސީލިންގުން ފެން ފައިބާތީ އެވެ.

ކްރިމިނަލް ކޯޓު ޖަސްޓިސް ބިލްޑިންގްގައި ހިންގަމުން ދަނިކޮށް އެ ތަން އެސްޓީއޯގެ ކުރީގެ އިމާރާތަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން ދުވަސްކޮޅެއް ވަންދެން ސިވިލް ކޯޓުގެ ބައެއް ސެކްޝަންތައް ވެސް އެ އިމާރާތުގައި ހިންގި އެވެ.