Roadha Mihaaru
އޮޅުންބޮޅުން: މެމްބަރަކަށް ވާން ބޭނުންވަނީ ކީއްކުރަން؟

އޮޅުންބޮޅުން: މެމްބަރަކަށް ވާން ބޭނުންވަނީ ކީއްކުރަން؟

26 މާޗް 2019

މި އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަވެރިންގެ ބަހުސްގައި، ބައެއް ބައިވެރިން އަޅުގަނޑުމެން އިތުރަށް ވިސްނާލަން ޖެހޭ ކަހަލަ މައްސަލަތަކެއް ނަންގަވާފައި ވެއެވެ. ބައެއް ކެންޑިޑޭޓުން ވިދާޅުވެފައި ވަނީ، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އާދައިގެ މަސައްކަތެއް ކުރާ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަށް ކުފޫ ހަމަނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވާން ޖެހޭނީ ފުދިގެން އުޅޭ މީހުން ކަމަށެވެ. މުއްސަނދިން ކަމަށެވެ. އެއިރުން އެފަދަ މީހުން އެއްވެސް ފަރާތަކުން ނުގަނެވޭނެތީ ވެ އެވެ. ނާ ހަމަ ތެދުފުޅެއްތޯ އެވެ!

މި އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަވެރިންގެ ބަހުސްގައި، ބައެއް ބައިވެރިން އަޅުގަނޑުމެން އިތުރަށް ވިސްނާލަން ޖެހޭ ކަހަލަ މައްސަލަތަކެއް ނަންގަވާފައި ވެއެވެ. ބައެއް ކެންޑިޑޭޓުން ވިދާޅުވެފައި ވަނީ، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އާދައިގެ މަސައްކަތެއް ކުރާ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަށް ކުފޫ ހަމަނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވާން ޖެހޭނީ ފުދިގެން އުޅޭ މީހުން ކަމަށެވެ. މުއްސަނދިން ކަމަށެވެ. އެއިރުން އެފަދަ މީހުން އެއްވެސް ފަރާތަކުން ނުގަނެވޭނެތީ ވެ އެވެ. ނާ ހަމަ ތެދުފުޅެއްތޯ އެވެ!

އެކަމަކު ތާރީޚް ބުނަނީ އެހެނެއް ނޫނެވެ. އަޅުގަނޑުމެންނަށް ފެންނަން ހުންނަ މަންޒަރު ދައްކަނީ އެ ގޮތަކަށް ނޫނެވެ! ގަނެ ވިއްކުމުގެ މާރުކޭޓުގައި އެފަދަ މީހުންގެ އަގު ބޮޑުވަނީ އެވެ. އެއީ ގަންނަނީ ކަމަށް ބަލަންޏާ އެވެ. އެފަދަ މީހުންގެ ވޯޓު ބޭނުންވާ ފަރާތުން ކޮށްދޭން ޖެހޭ ކަންތައްތައް ގިނަވާނެ އެވެ. ކޮށްދޭން ޖެހޭ ކަންތައްތައް ބޮޑުވާނެ އެވެ. ބައެއް ފަހަރު އެއްގޮތަކަށް ވެސް ފައިސާ ބަދަލު ކުރެވޭތަން ނުފެނިދާނެ އެވެ. ބޮޑު ލޯނެއް ހޯދުމަށް، ސަރުކާރުން ބޭންކާ ގުޅާފައި ރަނގަޅު މީހެއް ކަމުގައި ލަފާ ދިނުމަށް އެދިފާނެ އެވެ. ބޭރުގެ މާލީ އިދާރާއަކުން ބޮޑު ލޯނެއް ހޯދުމަށް، ފައިސާ އަނބުރާ ދެއްކޭނެ ކަމުގެ ޔަޤީން ކަމެއް ހޯދުމުގެ ލިއުމަކަށް ސަރުކާރުން އެދިފާނެ އެވެ. ނުވަތަ ސަރުކާރުގެ ގެރެންޓީއަކަށް އެދިފާނެ އެވެ. ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ތަކެތި ދޫކުރުމުގެ ކުރެޑިޓް ލައިނަކަށް އެދިފާނެ އެވެ. ފަތުރުވެރިކަމުގެ ވިޔަފާރީގައި ރަށްތައް ހުރި މީހަކަށް ވާ ނަމަ އިތުރު ރަށް ލިބޭނެ މަގު ފަހިކުރުމަށް އެދިފާނެ އެވެ. ހަރުދަނާ މަސައްކަތެއް ނުކުރެވި، އެތަކެއް ސަތޭކަ ފަޅުރަށެއް، ރާއްޖޭގައި އޮތް އިރު، ފަޅެއް ހިއްކުމުގެ ހުއްދައަކަށް އެދިފާނެ އެވެ. ފިހާރައެއް ހެދުމަށް ބޮޑު ބިމަކަށް އެދިފާނެ އެވެ. ރާއްޖެ އަށް އަންނަ އިންވެސްޓަރަކާ އެކު އިސް ވެރިން ހިމެނޭ ފޮޓޯއެއް ނެގުމަށް އެދިފާނެ އެވެ. ނުވަތަ ފަސްވަރަކަށް މިނިޓުގެ ބައްދަލުވުމަކަށް އެދިފާނެ އެވެ. ނުވަތަ ތިމާ އަމިއްލަ އަށް އިސް ވެރިޔަކާ އެކު ފޮޓޯއެއް ނަގާފާނެ އެވެ.

މިކަމުގައި އުޅުއްވާ ފަރާތްތަކަށް މިކަމުގެ ފައިދާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. މުއްސަނދިންނާއި ވިޔަފާރިވެރިން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ބޭނުންވަނީ އެމީހުންގެ ވިޔަފާރި ހިޔާމަތް ކުރުމަށެވެ. ކުރީގައި ރައީސްކަމާއި، ނައިބް ރައީސް ކަމާއި، މިނިސްޓަރު ކަމާއި، ކުންފުނިތަކުގެ ޗެއަރމަންކަމާއި، މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލައްވަނީ އެބޭފުޅުންގެ އަތްޕުޅުން ބީވެގެން ގޮސްފައި އޮތް ބާރު ހޯއްދެވުމަށެވެ. ބާރު އަތުލައި ގަތުމަށެވެ. ރައްޔިތުންނަށް ހެވަކަށް ނޫނެވެ. ހަމަ އެއާ އެކު ބައެއް ބޮޑެތި ވިޔަފާރި ކުންފުނިތަކުން އެތަންތަނުގެ ވިޔަފާރި ޙިމާޔަތްކުރުމަށް ކުންފުނިން ޚަރަދު ކޮށްގެން އިންތިޚާބުގައި މީހުން ބައިވެރި ކުރެ އެވެ. އެފަދަ މީހުންނަށް އިންތިޚާބުގައި ކާމިޔާބު ވެއްޖެ ނަމަ އެ މީހުންނަށް ޚަަރަދު ކުރި ކުންފުނީގެ ވިޔަފާރި ޙިމާޔަތް ކުރެވޭ ގޮތަށް ވޯޓު ދޭ ފިތައް ފިތާލާނެ އެވެ. އޮޅިގެން ނަމަވެސް ފިތާލެވޭނީ ކުންފުންޏަށް ފައިދާވާ ގޮތަށެވެ. ޤަބޫލު ކުރެއްވިޔަސް ނުވަތަ ނުކުރެއްވިޔަސް، "ކޯޕަރޭޓް އިންޓަރަސްޓު" މިއޮތީ ރައްޔިތުންގެ މަޖިލީސް ހިފައިފަ އެވެ. ރާއްޖޭގައި މިއޮތީ ވަރަށް މުޑުދާރު "ޕޮލިޓިކްސް" އެކެވެ. ދެން ސުވާލު ކުރައްވާނީ މުޑުދާރު ނޫން ޕޮލިޓިކްސްއެއް އޮތީ ކޮން ތާކުތޯ އެވެ؟ ތެދުފުޅެކެވެ. ޕޮލިޓިކްސްގައި މުޑުދާރު ބައެއް އޮންނާނެ އެވެ. އެހެންނަމަވެސް މުޅި ތަން މުޑުދާރު ވެގެން ދިއުމަކީ މައްސަލައެކެވެ.

ގަދަ އަށް މަސައްކަތް ކޮށްގެން އަމިއްލަ ހިތްވަރާއި މިންނަތުން ކުރިއަށް ދާ މީހުންނާ މެދު ބައެއް ކެންޑިޑޭޓުން ދަށު ދަރަޖައިގެ ވިސްނުމެއް ގެންގުޅެނީ ކީއްވެ ބާވަ އެވެ؟ ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް ކޮންމެވެސް ޒަމާނެއްގައި ރޫމް ބޯއި ކަން ނުވަތަ ވެއިޓަރުކަން ކުރެއްވި ބޭފުޅުން އެބަތިއްބެވި އެވެ. އަދި ކުރިން މަސްވެރިކަން ކުރައްވާފައި އަމިއްލަ ހިތްވަރުން ކިޔަވައި ވިދާޅުވެގެން މަޖިލީހުގެ މެމްބަރުކަން ހޯއްދަވާފައި ތިއްބެވި ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އެ ބޭފުޅުންގެ މާޒީއާ މެދު އެ ބޭފުޅުން ފަޚުރުވެރި ވެވަޑައިގަންނަވަ އެވެ. އެބޭފުޅުންގެ ކުޅަދާނަކަމަށް އަޅުގަނޑުމެން ވެސް ފަޚުރުވެރި ވަމެވެ. މަޖިލީހުގެ މެމްބަރުކަން އެބޭފުޅުންނަށް ލިބިވަޑައިގަތީ ރައްޔިތުންގެ ތާއީދުންނެވެ. އެ ބޭފުޅުން ހޮވީ ރައްޔިތުންނެވެ. ރައްޔިތުން އެބޭފުޅުންނަކީ ލީޑަރުން ކަމަށް ބަލައިގެންނެވެ.

ފައިސާވެރިއަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ހޮވައިގެން އޭނާ ހޮވި ދާއިރާއަކަށް ކުރަނީ ކޮން ފައިދާއެއްތޯ އެވެ؟ އޭނާގެ އަމިއްލަ ފައިސާ އިން އޭނާ އަށް އެއްވެސް ފައިދާއެއް ނުވާނެ ގޮތަކަށް އެއްވެސް މަޝްރޫޢުއެއް އޭނާ ހިންގާނެތޯ އެވެ؟ ހިންގިދާނެތޯ އެވެ؟ ވިޔަފާރިވެރިން ކުރާ މަސައްކަތުން އެމީހުންނަށް ފައިދާ ނުވާނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމަށް ޤަބޫލުކުރަން އުނދަގުލެވެ. ބައެއް ފަހަރަށް އެމީހުންނަށް ކުރާ ފައިދާ ކުރިިމަތިން ސީދާކޮށް ނުފެނިދާނެ އެވެ. އެހެންނަމަވެސް ރަނގަޅަށް ތަޙުލީލު ކުރުމުން ފޮރުވިފައި އޮންނަ ފައިދާ ފެނިގެން ދާނެ އެވެ.

ދީނީ ކަންކަމުގައި ރާއްޖޭގައި ޙަރަކާތްތެރިވުން ވަރަށް ކުޑަކޮށް އޮތް ދުވަސްވަރެއްގައި ދީނީ ކަންކަން ކުރިއެރުވުމަށް އެންމެ ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅަކީ ސަރުކާރުގެ އޮފީހެއްގައި ވަރަށް އާދައިގެ ވަޒީފާއެއްގައި އުޅުއްވި ބޭފުޅެކެވެ. އޭނާ އަށް ޔުނިވަސިޓީގެ ތަޢުލީމު ނުވަތަ އެ ފެންވަރަށް އުނގެނިވަޑައިގަތުމުގެ ނަސީބު ލިބިވަޑައިގެންފައެއްނުވެ އެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތްޕުޅުގައި ރާއްޖޭގައި އެއިރު ތިއްބެވި ހުރިހާ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ދީނީ ހޭލުންތެރިކަން ފެތުރުމަށް އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ އޭނާ އެވެ. ދީނީ ތަޤްރީރު ދެއްވަނީ ޢިލްމުވެރިންނެވެ. އޭނާ އަކީ ހުރިހާ ކަމެއް ހަމަޖައްސާ ލީޑަރެވެ. އެބޭފުޅުންގެ ގަދަރާއި އިޙްތިރާމް ލިބިވަޑައިގެން ފައިވާ ބޭފުޅެކެވެ. ސަރުކާރުގެ އޮފީހުގައި އޭނާ އަށް އިށީދެވަޑައިގެންނެވޭ ވަރު ވަނީ ވެސް ދިގު ގޮނޑިއެއްގަ އެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ބެންޗުގަ އެެވެ. އެހެންނަމަވެސް އޭނާ އަކީ މުޖުތަމަޢުގައި ޤަދަރާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ކުރައްވާ މަސައްކަތަށާއި، އޭނާ ކޮށްދެއްވާ އިޖްތިމާޢީ ޚިދުމަތަށް މުޅި މާލޭގެ ތައުރީފާއި ސާބަހާއި އައްސަރިބަސް ލިބިވަޑައިގެންނެވި އެވެ.

ކެރިގެން އާމްދަނީ ހޯދުމަށް ކުރާ ކޮންމެ މަސައްކަތަކީ ރީތި މަސައްކަތެެކެވެ. ހުތުރު ކަމަކީ އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ހުރުމެވެ. އިނގިރޭސި ވިލާތުގެ ޕުރިމިއަ ލީގުގެ ޓީމަކަށް ކުޅޭ ފުޓްބޯޅަ ކުޅުންތެރިއަކު އޭނާގެ ތަމްރީނުތަކާއި، މެޗް ނުއޮންނަ ދުވަސް ދުވަހު ކުރާ މަސައްކަތަކީ ކުނި އުކުމެވެ. އޭނާ ކުނި ނަގާ ތަނުގެ ފޮޓޯ ވެސް ނޫހުގައި ހުއްޓެވެ. އޭނާގެ އެ މަސައްކަތުގެ ވާހަކަ ކިޔައިދެނީ ވެސް އޭނާ އަމިއްލަ އަށެވެ. ޕުރިމިއަ ލީގްގައި ކުޅޭ ޓީމެއްގެ ކުޅުންތެރިއަކަށް ކުޑަ މުސާރަ ދޭ ޓީމަކުން ވެސް ހަފްތާއަކު އެތައް ހާސް ޕައުންޑެއް ލިބޭނެ ކަމަށް ޤަބޫލުކުރެވެ އެވެ. މަތީ ފަންތީގެ ކުޅުންތެރިންގެ މުސާރަ އޮންނަނީ ހަފުތާއަކު ލައްކަ އިންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަފާތު ފެންވަރުގައި މަސައްކަތް ކޮށްގެންނެވެ. ވެއިޓަރުކަން ވެސް ކޮށްގެންނެވެ. ޖަނަރަލް މެނޭޖަރު ކަމުގެ މަޤާމާ ހަމައަށް ދެވޭ އިރު އެމީހުން އެހާ ކުޅަދާނައީ އެހެން ވެގެންނެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް ވަރަށް ޢިލްމުވެރި އަދި މަސައްކަތުގެ ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި އެވެ. އެހެެންނަމަވެސް ގިނަ ފަހަރަށް އެބޭފުޅުން މަޖިލީހުގެ ބަޙުސްތަކުގައި ދައްކަވާ ވާހަކަ އާއި އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޢިލްމާއި ތަޖުރިބާ އާއި ދިމައެއް ނުވެ އެވެ. ވަރަށް ގިނަ ފަހަރު އެ ބޭފުޅުން ދެކެވަޑައިގަންނަވަނީ ނާޒުކު މައްސަލަތަކުގެ ބަހުސްތަކުގައި ހިމޭނުން ތިއްބަވާފައި، ޕާޓީން ފިތާލަން އަންގާ ފިތަކަށް ފިތާލުމަކީ އެންމެ ރައްކާތެރި ގޮތް ކަމުގަ އެވެ. ކުރީގައި ވެއިޓަރުކަން ކޮށްފައި ހުރި މީހަކު މަޖިލީހުގެ މެމްބަރަކަށް ވެއްޖެ ނަމަ ޔަޤީނުން ވެސް އޭނާ ނުކުރާނެ ކަންތައްތަކެއް އެބަހުއްޓެވެ. އޭނާ މަޖިލީހުގެ ރައީސްގެ މޭޒުކޮޅު ދޮށަށް ގޮސް ހަޅ ނުލަވާނެ އެވެ. އޭނާ އަށް މީހުންނަށް އިޙްތިރާމް ކުރަން ދަސްކޮށްދީފައި އޮތުމުންނެވެ. އޭނާ ކޯ ދޮވެފައި މެމްބަރެއްގެ މޫނަށް ފެން ބުރުއްސައެއް ނުލާނެ އެވެ. އެއީ ގޯސް އަދަބު ކަމަށް އޭނާ އަށް ދަސްކޮށް ދީފައި އޮންނާނެތީ ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް މަންދޫބުން ހޮވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ މައްސަލަތަކުގައި ރައްޔިތުންގެ ޚިޔާލު ދިނުމަށެވެ. ބަހުސް ކުރުމުގެ މަރުޙަލާގަ އެވެ. ނުވަތަ ވޯޓުންނެވެ. މެމްބަރުންނަށް ފަރުދީ ގޮތުން ރަށުގެ ނުވަތަ އަވަށުގެ ތަރައްޤީ އަށް އެއްވެސް ކަމެއް ކޮށްނުދެއްވޭނެ އެވެ. ކަންކަން ކޮށްދެވޭނީ ވެރިކަމަށް އަންނަ ޕާޓީއަކުންނެވެ. ޕާޓީގެ މެނިފެސްޓޯގެ ތެރެއިން ނުވަތަ ޕާޓީގެ ސިޔާސަތުގެ ތެރެއިންނެވެ. މަޖިލީހުގެ ގޮނޑިއެއްގެ އުއްމީދުވާރަކު، އޭނާ ކުރިމަތިލާ ދާއިރާގެ ކެންޑިޑޭޓުންނާ އެކު، ދާދި ފަހުން ކުރި ބަހުސެއްގައި ވާހަކަ ދައްކަމުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނުހެދި ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އޭނާ މެމްބަރަކަށް ހޮވައިފި ނަމަ އެމަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކޮށްދޭނެ ކަމަށެވެ. ވާހް! ވާހް!!

ކުރިމަތިވެފައި މިއޮތް ޢާއްމު އިންތިޚާބުގައި އެންމެ ކަންބޮޑުވާ އެއް ކަމަކީ ވެރިކަމުގައި ތިއްބެވި ބައެއް ލީޑަރުންނާއި، ބައެއް އަޑު ގަދަ ލީޑަރުން ބަޣާވާތެއް ކުރާނެ ވާހަކަ ދެއްކެވުމެވެ. ރައްޔިތުންގެ މަޖިލީހުގައި ބޭނުންވާ އަޣްލަބިއްޔަތު ނުދީފި ނަމަ އެވެ. އަމިއްލަ އަށް ވެރިކަމުގައި ތިއްބަވައިގެން ބަޣާވަތް ކުރަނީ ކޮން ބަޔަކާތޯ އެވެ؟ އަމިއްލައަށްތޯ އެވެ؟ ނުވަތަ ރައްޔިތުންނާތޯ އެވެ؟ އަޖުމަ ބަލައިލަން މިފަހަރު އެއްވެސް ޕާޓީީއަކަށް އަޣްލަބިއްޔަތު ނުދެމާތޯ އެވެ؟ ޕީޕީއެމް އަށް ފުރިހަމަ އަޣްލަބިއްޔަތު ދިނުމުން ކަން ކުރި ގޮތް ބައެއް މީހުން ހަނދާން ނެތުނަސް އަޅުގަނޑުމެން ހަނދާނެއް ނުނެތެ އެވެ!