Roadha Mihaaru
ލަތީފް އިސްލާހެއް ނުނެގި، ފަހަތުގައި "ބާރުގަދަ" ބޭފުޅުން؟

ލަތީފް އިސްލާހެއް ނުނެގި، ފަހަތުގައި "ބާރުގަދަ" ބޭފުޅުން؟!

17 ޖެނުއަރީ 2019

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ގެންނަން ޖުމްހޫރީ ޕާޓީން އެންގުމުން ވެސް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ދެކޮޅު ހައްދަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ގެންނަން ޖުމްހޫރީ ޕާޓީން އެންގުމުން ވެސް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ދެކޮޅު ހައްދަވައިފި އެވެ.

ލަތީފް، އެ އިސްލާހު ހުށަހެޅުއްވީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރެއްވުމަށް އެ ޕާޓީގެ ޕްރައިމަރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ. އެހެންވެ ލަތީފްގެ އަމާޒަކީ ސީދާ ނަޝީދު ކަމަށް އެމްޑީޕީން ތުހުމަތު ކުރެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ބެހޭ ގާނޫނަށް، ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ލަތީފް އިސްލާހު ހުށަހެޅުއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޮއިންޓް ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕާ މަޝްވަރާ ނުކުރައްވަ އެވެ. އެހެންވެ، ބިލް އަނބުރާ ގެންދިއުމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ވެސް ލީޑަރު އަބްދުﷲ ރިޔާޒް ވަނީ އަންގައިފަ އެވެ.

އެކަމަކު، އެ ބިލް ނެގުމުގެ ވިސްނުމެއް ލަތީފް އަދިވެސް ނުގެންގުޅުއްވަ އެވެ.

ނަޝީދާ މެދު ހިތްހަމަނުޖެހުންތަކެއް!

ލަތީފް ކުރިން ވިދާޅުވެފައިވާ ގޮތުގައި އެއީ، ވަކި ބޭފުޅަކަށް ހުރަސްއެޅުމުގެ ނިޔަތެއް އޮތް ބިލެއް ނޫނެވެ. އޭނާ ގަބޫލު ކުރައްވަނީ ރައީސްކަން ކުރެއްވި ބޭފުޅުން އެއަށް ވުރެން ދަށް މަގާމަކަށް ވަޑައިގަތުމުން އިއްޒަތާއި ޝަރަފަށް އުނިކަން އަންނާނެ ކަމަށެވެ.

"އެ ބޭފުޅުންނަށް ވަރަށް ބޮޑެތި އިނާޔަތްތަކާއި ރައްކާތެރިކަމާއި ޝަރަފެއް ދީފައި އެ ތިއްބަވަނީ ޝަރަފާއި އިއްޒަތުގައި ތިއްބަވަން،" ލަތީފް ވިދާޅުވެފައި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލިހަށް ކުރީގެ ރައީސުން ވާދަކުރެއްވުމަކީ އިންތިޚާބުގައި ވެސް ހަމަހަމަކަން ގެއްލޭ ކަމެކެވެ.

އެކަމަކު، އެނގިފައިވާ ގޮތުގައި، ހަގީގީ ސަބަބާ ގުޅިފައި ވަނީ ލަތީފް މިހާތަނަށް ދެއްކެވި ވާހަކަތަކެއް ނޫނެވެ؛

"މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ލަތީފްގެ ހިތްހަމަނުޖެހުމަކީ، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ލީޑަރުން ވެވަޑައިގަން ވައުދާ ޚިލާފުވުމެވެ. އެ މެމްބަރުންގެ ތެރޭގައި އޭނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ނަޝީދާއި މެމްބަރު ލަތީފް: ނަޝީދު މެމްބަރަކަށް ވާން ހުރަސްއެޅޭ ގޮތަށް ލަތީފް ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައި.

ރައީސް ނަޝީދާއި މެމްބަރު ލަތީފް: ނަޝީދު މެމްބަރަކަށް ވާން ހުރަސްއެޅޭ ގޮތަށް ލަތީފް ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައި.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަލިކަށިކޮށްލަން އިދިކޮޅު ޕާޓީތަކުން އޭރު ކުރި މަސައްކަތުގައި، އެންމެ ބޮޑު އެހީތެރިކަމެއް އިދިކޮޅު ލީޑަރުންނަށް ވެދެއްވީ ޔާމީނާ ދެކޮޅަށް ނުކުންނެވި 12 މެމްބަރުންނެވެ. ޔާމީނަށް މަޖިލީހުގައި އޮތް ސާފު އަޣުލަބިއްޔަތު ގެއްލުނީ އެ މެމްބަރުން އިދިކޮޅު ލީޑަރުންނާ ގުޅިވަޑައިގަތުމުންނެވެ.

މަޖިލީހުގެ މިނިވަންކަން ގެއްލި ހިންގަމުން ދިޔަ ކަންކަމާއި އޭރުގެ ހާލަތު އޮތް ގޮތުން، އިދިކޮޅާ ގުޅިވަޑައިގަތުމަށް އެ މެމްބަރުން ޝަރުތެއް ކުރިމަތި ކުރުވި އެވެ. އެއީ، މި އަހަރުގެ މަޖިލީސް އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި އެ މެމްބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުން ޓިކެޓް ދިނުމެވެ.

އެ ހުށަހެޅުއްވުމަށް އޭރު ލީޑަރުން އެއްބަސްވެވަޑައިގަތް ކަމަށް 12 މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. މެމްބަރުންގެ ވާހަކަ ތެދު ކަމަށް ކުރީގެ ރައީސް މައުމޫން ވެސް ވަނީ ވިދާޅުވެފަ އެވެ.

"ނަޝީދު ފިޔަވައި އެހެން ހުރިހާ ލީޑަރުން އަދިވެސް ތިއްބެވީ މި އެއްބަސްވުމުގެ މަތީގައި. ވައުދުވި ގޮތާ އިދިކޮޅަށް ނުކުންނެވީ އެމަނިކުފާނު،" މެމްބަރަކު ކިޔައިދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ލިޔެފައި ނެތަސް އަނގަބަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެވަޑައިގަތް އެއްބަސްވުމަށް އަމަލު ނުކުރެއްވުމަކީ "ޔާމީންގެ ސަރުކާރުގައި އެތައް ހައްގެއް ނިގުޅައިގަތް މެމްބަރުން ވެވަޑައިގަތް ގުރުބާނީގެ އަގު ވަޒަން ނުކުރެއްވުމެ"ވެ.

"ލަތީފްގެ ހިތްހަމަނުޖެހުން ގުޅެނީ އެ މައްސަލައާ. އޭނަ ގަބޫލުކުރައްވާ ގޮތުގައި އަމިއްލަ އަށް މޮޅުގޮތް ހޯދަން ވާނީ، އަހުދުތަކުގައި ދެމިތިބެ ގުރުބާނީގެ ވެސް އަގުވަޒަންކޮށްގެން،" މެމްބަރު ވިދާޅުވި އެވެ.

ޕްރައިމަރީއަކާ ނުލައި 12 މެމްބަރުންނަށް ޓިކެޓް ދޭން ލީޑަރުން އެއްބަސްވި ނަމަވެސް ޑިމޮކްރަސީގައި އެއީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ބުނެ އެމްޑީޕީން ހިތްހަމަނުޖެހުންފާޅުކުރި އެވެ. އޭރު ނަޝީދު ވިދާޅުވެފައި ވަނީ އެ ޕާޓީގެ ޓިކެޓް އެއްވެސް މީހަކަށް ދެވޭނީ އޮންނަ އުސޫލުގެ ތެރެއިން ޕްރައިމަރީ ބާއްވައިގެން ކަމަށެވެ.

އެ ބިލާ ގުޅިފައިވާ އަނެއް ކަމަކީ ރައްޔިތުންގެ މަޖިލީސް މެމްބަރުކަން ހޯއްދަވައި ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ބިރެވެ. ނަޝީދު މަޖިލީހަށް ވާދަކުރެއްވުމުގެ ހަގީގީ މަގްސަދަކީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުން ނުވަތަ ކުރު މަގަކުން ވެރިކަން ހޯއްދެވުން ކަަމަށް ތުހުމަތު ކުރެ އެވެ.

އެކަމަށް ހުރަސްތައް ކުރިމަތިކުރުމަކީ މިބިލުގެ އެއް ބޭނުން ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހެޅި ބިލް ނަގަން ޖުމްހޫރީ ޕާޓީން އެންގި ފަހުން، ލަތީފް ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ނުލިބުނެވެ.

ވަކި ބޭފުޅަކަށް އަމާޒުކޮށްގެން ލަތީފް މި ބިލް ހުށަހެޅުއްވުމުން އޭނާ އަށް ވެސް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ވަކި މީހަކަށް ނުވަތަ ވަކި ކަމެއް ހާސިލްކުރަން ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހުކުރުމަކީ ލަތީފް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުކުރި މައްސަލަ އެވެ.

މިހާރު އޮތް އިސްލާހުން ނަޝީދުގެ ހައްގުތަކެއް ގެއްލޭ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ލަތީފްގެ ފަހަތުގައި ކޮން ބައެއް؟

ލަތީފްގެ ބިލުން ނުރައްކާ އޮތީ، ކޯލިޝަން ސަރުކާރުގެ އެއް ލީޑަރަށެވެ. ބިލް ފާސްވެއްޖެ ނަމަ ނަޝީދުގެ ސިޔާސީ ހަޔާތްޕުޅަށް ހުރަސްއެޅޭނެ އެވެ. އެކަން އެނގިވަޑައިގެން ހުންނަވައި ލަތީފް ވިދާޅުވެފައި ވަނީ "ބިލް ފާސްވާނެ ކަމުގެ ވަރަށް ޔަގީންކަން އެބައޮތް" ކަމަށެވެ.

ކޯލިޝަން ރޫޅިގެންދާ ފަދަ އިސްލާހެއް ލަތީފް މި ހުށަހެޅުއްވީ، އޭނާގެ އަމިއްލަ ވިސްނުމުގައި ކަމަށް ގަބޫލުކުރަން ދަތި މެމްބަރުންތަކެއް އެބަތިއްބެވި އެވެ.

"ބިލް ނަގަން ދެކޮޅު ހެއްދަވަނީ އޭނަ އަށް ހިތްވަރުދޭ، ބާރުގަދަ ފަރާތްތަކެއް ފަހަތުގައި ތިބީމާ،" މެމްބަރަކު ވިދާޅުވި އެވެ.

ދެން އޮތީ މި ބިލް ފާސްވެދާނެތޯ އުފެދޭ ސުވާލެވެ.

މަޖިލީހުގައި ޕާޓީތައް ތަމްސީލްކުރާ ގޮތް:

- ޕީޕީއެމް 26

- ޖޭޕީ 22

- އެމްޑީޕީ 19

- އެމްޑީއޭ 4

- އަދާލަތު ޕާޓީ 1

- މިނިވަން 1

- އެމްޓީޑީ 1

މި ބިލް ފާސްކުރަން ބޭނުންވާނީ މަޖިލީހަށް ހާޒިރުވި މެމްބަރުންގެ އަޣުލަބިއްޔަތެވެ. މަޖިލީސް މިހާރު އޮތް ގޮތަށް ބަލާއިރު އެމްޑީޕީން ވޯޓު ނުދިނަސް ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި މިނިވަން މެމްބަރުން ގުޅިއްޖެ ނަމަ، ބިލް ފާސްވުމުގެ ފުރުސަތު އެބައޮތެވެ.

ވަކި މީހަކަށް އަމާޒުކޮށް ބިލެއް ހުށަހެޅުން ރަނގަޅު ނޫން ކަމަށް ނުސީދާކޮށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، މި ބިލާ ގުޅޭ ގޮތުން މިހާތަނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެކަމަކު، މަޖިލީސް އިންތިޚާބާ ގުޅިގެން ގާސިމްގެ ހޫނު ހަމަލާތަކެއް ނަޝީދަށް ވަނީ އަމާޒުވެފަ އެވެ. އެއީ، މަޖިލީހުގެ އަޣުލަބިއްޔަތު ލިބެން ޖެހޭނީ އެމްޑީޕީ އަށް ކަމަށާއި މުއްސަނދިގެން އަތް ދަށަށް މަޖިލީސް ދޫކޮށްގެން ނުވާނެ ކަމަށް ނަޝީދު ދައްކަވާ ވާހަކަފުޅުތަކާ ގުޅިގެންނެވެ.

މި ބިލާ ގުޅިގެން ނަޝީދަށް އޮންނާނީ، ސިޔާސީ ފައިދާ އަށް ގާސިމާއި ޔާމީން އެކުގައި މަސައްކަތް ކުރައްވަފާނެ ކަމުގެ ތުހުމަތުތައް ހަގީގަތަކަށް ވެދާނެ ކަމުގެ ބިރެވެ.