Roadha Mihaaru
"ޝަރޫ އާއި އެމްސީބީއަށް ކުރި ހުކުމް ރަނގަޅު"

ޝަރޫ އާއި އެމްސީބީ އަށް 3.8 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ރަނގަޅު: ސުޕްރީމް ކޯޓު

27 މާޗް 2019

ޝަރޫ ލޯންޗް ސާވިސް ކުންފުނިން ދެ މީހަކަށް ދޫކުރި ދެ ޗެކެއް ބައުންސްވި މައްސަލާގައި އެ ފައިސާ އެ ދެ މީހުންނަށް އަނބުރާ ދިނުމަށް ޝަރޫ އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރޫ ލޯންޗް ސާވިސް ކުންފުނިން ދެ މީހަކަށް ދޫކުރި ދެ ޗެކެއް ބައުންސްވި މައްސަލާގައި އެ ފައިސާ އެ ދެ މީހުންނަށް އަނބުރާ ދިނުމަށް ޝަރޫ އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި އެވެ.

ދެ މީހަކަށް 3.8 މިލިއަން ރުފިޔާ ދައްކަން ޝަރޫ އާއި އެމްސީބީގެ މައްޗަށް ސިވިލް ކޯޓުން 2017 ގައި ވަކިވަކިން ހުކުމްކުރީ އެ ދެ މީހުން އަތުން ޝަރޫ އިން ނަގާފައިވާ ފައިސާ އަނބުރާ ދިނުމުގެ ގޮތުން ޝަރޫ އިން ދޫކުރި ޑޮލަރު ޗެކްތަކަށް ފައިސާ ދޫނުކުރުމުން އެ މީހުން އެ ފައިސާ ހޯދަން ދައުވާ ކުރުމުންނެވެ. އެމްސީބީގައި ޝަރޫ އިން ހުޅުވާފައިވާ އެކައުންޓަކުން ދޫކުރި އެ ދެ ޗެކްގައި އެމްސީބީގެ ބޭންކް ގެރެންޓީ ތަތްގަނޑު ޖަހާފައި އޮތަސް، އެ ދެ ޗެކަށް ފައިސާ ދުލެއް ނުކުރި އެވެ.

އެ ފައިސާ އެ ދެ މީހުންނަށް ދެއްކުމަށް ކުރި ދެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ މިދިޔަ އަހަރު ތާއީދުކޮށްފަ އެވެ. އެ މައްސަލަ އެމްސީބީ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ހޯމަ ދުވަހު އެ ކޯޓުން ވެސް ނިންމީ ދަށު ކޯޓާއި ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށާއި އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން ވަކިވަކިން ނިންމި އެ ދެ ނިންމުމުގައި ވެސް ވަނީ ޝަރޫ އިން ދޫކުރި ދެ ޗެކްގައި ޖަހާފައިވާ އެމްސީބީގެ ބޭންކް ގެރެންޓީ ތައްގަނޑުގެ ސައްހަކަމާ މެދު އެ ބޭންކުން ސުވާލު އުފެއްދިޔަސް، އެ ތަތްގަނޑަކީ ސައްހަ ތައްގަނޑެއް ކަމަށް ބަލަންޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ނިންމުމުގައިވަނީ ފުލުހުން ކުރި ތަހުލީލުތަކަށް ފަހު، އެ ޗެކްތަކުގައިވާ ތައްގަނޑުތަކާއި ނަމޫނާ ތައްގަނޑުގެ ނިޝާން ދިމާވާ ކަމަށާއި ތަފާތުވަނީ ހަމައެކަނި ދެލި އެކަނި ކަމަށް ފުލުހުންގެ ރިޕޯޓުގައި ބުނެފައި އޮތުމެވެ.

އެހެންވެ، އެ ދެ ޗެކްގައިވާ އަދަދަށް ފައިސާ ދިނުމުގެ ގެރެންޓީ އެމްސީބީ އިން ދީފައިވާ ކަން އެނގެން އޮތުމުން އެ ފައިސާ އަނބުރާ ދެއްކުމުގެ ޒިންމާ ޝަރޫއާ އެކު އެމްސީބީ އިން ވެސް އުފުލަން ޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ޝަރޫ އިން ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކަން ހިންގި މުއާމަލާތްތަކާ ގުޅިގެން އެ ދެ ކުންފުންޏަށް 20 މިލިއަން ރުފިޔާ ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.