ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
24 ޖުލައި 2024
ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
އެމްސީބީއަށް 2.3 މިލިއަން ރުފިޔާ ދައްކަން 2018 ވަނަ އަހަރު އަލީ ޒާހިރަށް ބޭންކުން އެންގީ އޭނާ މީހަކަށް 2.3 މިލިއަން ރުފިޔާގެ ޗެކެއް ދޫކުރުމުން އެކައުންޓްގައި އެ އަދަދަށް ފައިސާ ނެތީސް، އޯވަޑްރާފްޓްގެ ގޮތުގައި ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާތީ އެވެ.
އަލީ ޒާހިރު އެ ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ލިޔުން އެ ބޭންކުން ދިނުމުންނެވެ. އެކަމަކު އޭރު އެ ފައިސާ ޖަމާވެފައެއް ނުވެ އެވެ. ނަމަވެސް ބޭންކުން ޗެކަށް ފައިސާ ދޫކުރުމަށް ފަހު އަލީ ޒާހިރަށް އެންގީ 2.3 މިލިއަން ރުފިޔާ އޭނާގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށެވެ. ބޭންކުގެ އެ އެންގުން ބާތިލްކުރަން އަލީ ޒާހިރުގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ ފައިސާ އަލީ ޒާހިރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައިވަނީ އެކައުންޓްގައި ފައިސާ ނެތަސް، ޗެކެއް ދޫކުރުމުން ފައިސާ ދޫކުރުމުގެ އިހްތިޔާރު ބޭންކްތަކަށް ގާނޫނުގެ ދަށުން އޮންނަ ކަމަށެވެ. އަދި އެކައުންޓްގައި ފައިސާ ނެތަސް، އޯވް ޑްރާފްޓްގެ ގޮތުގައި ފައިސާ ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެމްސީބީން ކަސްޓަމަރުންނާ އެކު ހެދޭ އެއްބަސްވުމުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އެ ފައިސާ އަލީ ޒާހިރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެގޮތަށް ހުކުމް ކުރެއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔަކީ އެ ފައިސާ އަލީ ޒާހިރުގެ ފަރާތުން ދައްކަން ނުޖެހޭނެ ކަމަށެވެ. އެ ރައުޔުގައިވަނީ އެކައުންޓްގައި ފައިސާ ނެތީސް، އޯވާޑްރޯކޮށްގެން ފައިސާ ދޫކުރުމުގެ ބާރު ބޭންކްތަކަށް އޮންނަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ނޫން ކަމަށެވެ. އަދި 2.3 މިލިއަން ރުފިޔާގެ ޗެކް ދޫކުރިއިރު އަލީ ޒާހިރުގެ އެކައުންޓްގައި ހުރީ އެންމެ 500ރ. ކަމަށާއި އެހެންވެ، އެ އެހާ ބޮޑު އަދަދެއް އެމްސީބީން ދޫކުރީ ބޭންކަށް އޮޅިގެން ކަމަށް ބެލެވޭ ކަމަށް އެ ރައުޔުގައިވެ އެވެ.
އެ ރައުޔުގައިވަނީ އޭރު އަލީ ޒާހިރުގެ އެކައުންޓްގައި އެންމެ 500ރ. ހުއްޓާ އޭނާގެ ހުއްދަ ނެތި 2.3 މިލިއަން ރުފިޔާ ބޭންކުން ދޫކުރުމަކީ ބޭންކަށް އޮޅިގެން ކުރެވުނު ކަމެއް ކަމަށެވެ. އެހެންވެ، އެ ހާލަތުގައި ބޭންކުން ޖެހޭނީ އެ ފައިސާ ލިބުނު މީހާގެ އަތުން ފައިސާ ހޯދަން ކަމަށް އެ ރައުޔުގައިވެ އެވެ.
ދެ މިލިއަންގެ މައްސަލާގައި އަލީ ޒާހިރު ސުޕްރީމް ކޯޓަށް
އަލީ ޒާހިރު ދެ މިލިއަން ބޭންކަށް ދައްކަން ޖެހޭނެ
އެކައުންޓުގައި ހުރި ވަރަށްވުރެ އިތުރަށް ދިނުމަކީ ދަރަނި
އެކައުންޓް ފްރީޒްކުރުން: ބެންޗުގެ ސުވާލުތައް ދައުލަތަށް
ޔާމީންގެ އެކައުންޓްތައް ދޫކޮށްލި މައްސަލަ މާދަމާ
އެކައުންޓުތައް ދޫކޮށްލި މައްސަލަ ހުކުމާ ހަމައަށް
"ޝަރޫ އާއި އެމްސީބީއަށް ކުރި ހުކުމް ރަނގަޅު"
އިމްރާންގެ ޖަލު ހުކުމް ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް
ދައުލަތް ހިންގިޔަ ނުދެނީ ރައީސް ޔާމީން: އަލީ ޒާހިރު
ކޮނޑޭ ކައުންސިލްގެ އެކައުންޓް ދޫކޮށްލަން އަންގައިފި