Roadha Mihaaru
ނިޒާމުގެ ވާހަކަ ދެއްކުމަކީ ކޮޅުފައިން ޖެހުން: ޖަމީލް

ނިޒާމު ބަދަލު ކުރުމުގެ ވާހަކަ ދެއްކުމަކީ ރައްޔިތުންގެ ނިންމުމެއްގައި ކޮޅުފައިން ޖެހުން: ޖަމީލް

28 މާޗް 2019

ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިންމުމެއް ކަމަށާއި މި ވަގުތު އެ ވާހަކަ ދެއްކުމަކީ އެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިންމުމެއް ކަމަށާއި މި ވަގުތު އެ ވާހަކަ ދެއްކުމަކީ އެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ވާދަ ކުރައްވާ މެމްބަރުންގެ މެދުގައި ޓީވީއެމުން ބާއްވާ ބަހުސްގައި، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ޖަމީލް ވިދާޅުވީ ރައްޔިތުން ނިންމާފައިވާ ކަމެއް ބަދަލުކުރުމުގެ ފުރުސަތު ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެއީ ޑިމޮކްރެޓިކް ހަމަތަކާ ހިލާފުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މި ވަގުތު އޮތް ނިޒާމާ ގުޅޭ ވާހަކަދެއްކުމަށް ވުރެ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. ވަޒީފާ ނެތް އެތައް ހާސް ބަޔަކު އެބަ އުޅޭ ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ އިންތިހާ އަށް ގޮސްފައިވާ އިރު ގެވެށި އަނިޔާގެ މައްސަލައިގައި އުޅޭ މީހުންނަށް ހައްލެއް ނެތް ކަމަށް ވިދާޅުވި އެވެ. މަޖިލީހުގައި ދައްކަވަންވީ ވާހަކަތައް ކަމަށް ވިދާޅުވި އެވެ.

"ބޯހިޔާވަހިކަމާއި އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ދައްކަން މަޖިލިސް ބޭނުންކުރަންވީ. މި ދަނޑިވަޅަކީ އެއްވެސް ހާލެއްގައި ރާއްޖޭގެ ނިޒާމު ބަދަލުކުރަންވާ ވަގުތެއް ނޫން. މި ވަގުތު ރާއްޖޭގައި ތިއްބެވި ހުރިހާ ވެރިން ވެސް ވިސްނަންވީ ކަމަކީ ރާއްޖޭގައި އޮތް ނިޒާމު އިތުުރަށް ހަރުދަނާކުރަން ކަންތައް ކުރަންވީ،" ޖަމީލް ވިދާޅުވި އެވެ. "ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ކަމަކާ ބެހޭގޮތުން މި ވަގުތު ވާހަކަ ދެއްކުމަކީ އެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް އަޅުގަނޑު ދެކެނީ. އެފަދަ ކަމަކަށް ފުރުސަތު ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫން. ޑިމޮކްރެޓިކް ހަމަތަކާ ހިލާފުކަމެއް ކަމަށް އަޅުގަނޑު ދެކެނީ."

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަސައްކަތް ކުރާނީ ރައްޔިތުން ގެނައި ޑިމޮކްރަސީ ހިފެހެއްޓުމަށް ކަމަށާއި ފާއިތުވި ދުވަސްތަކުގައި ވެސް އެ ގުރުބާނީ ވެފައިވާނެ ކަމަށް ވިދާޅުވި އެވެ.

މުޖުތަމައުގެ ނާރެހަކީ އަދުލް އިންސާފުގެ ދާއިރާ ކަމަށާއި އަދުލު އިންސާފުގެ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެރިކަން ކުރާ ފަރާތުގެ ނުފޫޒު ޝަރުއީ ދާއިރާ އަށް ވަނުން ކަމަށް ވިދާޅުވި އެވެ. އަމާނާތްތެރިވެ، މޮޑޭ ފުށްގަނޑެއް ފަދައިން ޝަރުއީ ނިޒާމުގެ ތެރެއިން އަތް ނުބާނާ ނަމަ ޝަރުއީ ދާއިރާ ހިންގަން ފަސޭހަވާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ޝަރުއީ ދާއިރާގައި ތިއްބަވާ ބޭފުޅުން ވެސް އެބަޖެހޭ ޖަވާބުދާރީވާން. ފާއިތުވި ފަސް އަހަރު ހިނގާދިޔަ ކަންތައްތަކުގައި ޝަރުއީ ދާއިރާ އިސްވެ އެބަޖެހޭ އެކަންތައް ތަހުގީގުކުރަން... ޖޭއެސްސީ އެކުލަވާލާފައިވާ ގޮތާމެދު ބައިވަރު މައްސަލަތައް އެބަހުރި ކަމަށެވެ. ސިޔާސީ ފަރާތެއް އެތަނުގައި ހިމެނުމަކީ ވަރަށް ބޮޑު މައްސަލައެއް. ޝަރުއީ ދާއިރާގެ މިނިވަންކަމަށް ވަރަށް މުހިއްމު ކަމެއް ޖުޑީޝަލް ސާވިސް މިނިވަންވުން. ފަނޑިޔާރުން މުސްތަގިއްލުކަމާއެކު ހަރަކާތްތެރިވުން،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ. ވަކި ބައެއްގެ ތާށިވެފައި ހުރުމަކީ ހަގީގަތުގައި މަސައްކަތަށް އެޅޭ ހުރަހެއް ކަމަށާއި ރާއްޖެ އަށް މިހާރު ދިމާވާ މައްސަލައަކީ އަމާނާތްތެރި ގާބިލް މީހުން ނެތުން ކަމަށް ވިދާޅުވި އެވެ.

ފުރަތަަމަ ދިރާސާކުރަންވީ ގޭންގުތައް އުފަންވި ސަބަބު ދެނެގަތުން ކަމަށާއި އޭގެ ފަހުން އެ ސަބަބުތައް ނައްތާލުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ގޭންގުތައް އެހާ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އަނެއް ސަބަބަކީ، އޭނާ ވިދާޅުވިގޮތުގައި، ސިޔާސީ އެކިއެކި ފަރާތްތަކުން ގޭންގުތައް ގެންގުޅުމެވެ.

ރާއްޖޭގައި މި ވަގުތު ވެސް އިސްލާމީ ޝަރީއަތް ތަންފީޒުކުރާ ކަމަށާއި ނަމަވެސް އެ ހަރުދަނާކޮށް މިންގަނޑުތަކަށް ފެތެންޖެހޭ ކަމަށް ވިދާޅުވި އެވެ.

އެޑިޓަރުގެ ނޯޓު: މިއީ އާންމު އިންތިހާބަށް "މިހާރު"ން ތައާރަފުކުރި ހާއްސަ ޕެކޭޖްގެ ތެރޭގައި ހިމެނޭ ކަވަރޭޖެކެވެ.