Roadha Mihaaru
ޖަމީލްގެ ސުލޫކީ މައްސަލަ ބަލައިދިނުމަށް އެދި ޖޭޕީ އަށް

ޔާމީނާ އެކު، ޖަމީލް ކެމްޕެއިނަށް ވަޑައިގަތުމުން ސުލޫކީ މައްސަލައެއް ހުށަހަޅައިފި

08 ސެޕްޓެމްބަރ 2019

ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިދިކޮޅު ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ އެކަން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް އެދި އެ ޖޭޕީ އަށް މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިދިކޮޅު ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ އެކަން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް އެދި އެ ޖޭޕީ އަށް މިއަދު ހުށަހަޅައިފި އެވެ.

ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފޮނުއްވި ސިޓީއެއްގައި ވަނީ ގާސިމްގެ އެޑްވައިޒަރެއްގެ މަގާމުގައި ޖަމީލް ހުންނަވައިގެން މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު، އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީނާ އެކު އދ. އަތޮޅުގެ ބައެއް ރަށްރަށް ވަޑައިގެން އިދިކޮޅު ކޯލިޝަން ޕްރޮމޯޓް ކުރުމަށް ދަތުރު ކުރެއްވީ ޖޭޕީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދި ޖުމްހޫރީ ފިކުރަކީ ރައްޔިތުންގެ މެދުގައި މަގުބޫލު ފިކުރަކަށް ހަދައި އެ ފިކުރު ދިރުވައި އާލާކުރުމަށާއި ޕާޓީ ވަރުގަދަކޮށް މެމްބަޝިޕް އިތުރު ކުރުމަށް ގާސިމް އިސްވެ ހުންނަވައިގެން ބުރަ މަސައްކަތްތަކެއް ފެއްޓެވި ދަނޑިވަޅުގައި ޖަމީލް އަމަލު ކުރައްވަނީ ޕާޓީގެ އިއްޒަތާއި ގަދަރަށް އުނިކަން ލިބޭ ގޮތަށް ކަމަށް ވެސް އެ ސިޓީގައި ވެ އެވެ.

އެހެންވެ، ސައީދު ވިދާޅުވި ގޮތުގައި ޖަމީލަކީ، ގާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ބަހައްޓަން އެކަށީގެންވާ ބޭފުޅެއް ނޫނެވެ. އަދި ޖަމީލްގެ މައްސަލަ ބައްލަވައި ދެއްވައި، ޖަމީލް ހުންނެވި މަގާމުން ވަކިކޮށް ދެއްވުމަށް ވެސް ގާސިމަށް ފޮނުއްވި ސިޓީގައި ސައީދު އެދިވަޑައިގަތެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޔާމީނާ އެކު، ޖަމީލް ފުރާވަޑައިގަތުމުގެ ކުރިން ވިދާޅުވީ ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުން ގޮތް ހުސްވެއްޖެ ކަމަށެވެ. ގައުމާ ދޭތެރޭ ވިސްނާ ކޮންމެ މީހަކު ވެސް ރައްޔިތުންނަށް ކަމެއް ކޮށްދޭންޖެހޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ވެސް ނުދީ، މަޖިލީހުގައި ނެގި ވޯޓުގައި ނައިބު ރައީސްގެ މަގާމުން ވަކިކުރެއްވި ޖަމީލަކީ ޔާމީނަށް ފާޑުވިދާޅުވެ، މިހާރުގެ ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޖަމީލް ޖޭޕީއާ ގުޅިވަޑައިގަތީ ނައިބު ރައީސްގެ މަގާމުން ވަކިކުރެއްވުމުން އިނގިރޭސި ވިލާތުގައި އުޅުއްވި ދުވަސްވަރު އެވެ.

ޖަމީލަކީ ވެރިކަމުގައި ޔާމީން ހުންނެވި އިރު، އިދިކޮޅުން އެންމެ ބޮޑު އެއް ހަރަކާތް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ކުރެއްވި އެއް ލީޑަރެވެ. ރާއްޖެ ދޫކުރައްވައި ޖަމީލް ވަޑައިގަތީ، ބޭސްފަރުވާއަށް ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ. ޖަމީލްގެ އަރިސް ބައެއް ބޭފުޅުން އޭރު ވިދާޅުވި ގޮތުގައި އެފަހަރު ރާއްޖެ ވަޑައިގެންނެވި ނަމަ، ކޮންމެވެސް ތުހުމަތެއްގައި ޖަމީލް ވެސް ޖަލަށް ލުން ވަރަށް ކައިރި އެވެ.