Roadha Mihaaru
ޖަވާބުދާރީވާން ޖެހޭ ސިޔާސީ ލީޑަރެއް ނުހުންނާނެ: އުޝާމް

އަޅުގަނޑު ޖަވާބުދާރީވާން ޖެހޭ ސިޔާސީ ލީޑަރެއް، މަހުޖަނެއް ނުހުންނާނެ: އުޝާމް

31 މާޗް 2019

މަހުޖަނުންގެ ނުފޫޒު ދަށުވެގެން ރައްޔިތުންގެ މަސްލަހަތު ހިމާޔަތެއް ނުކުރެވޭނެ ކަމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަހުޖަނުންގެ ނުފޫޒު ދަށުވެގެން ރައްޔިތުންގެ މަސްލަހަތު ހިމާޔަތެއް ނުކުރެވޭނެ ކަމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

ވިލިމާލެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް އޭނާގެ ކެމްޕެއިން ޖަލްސާގައި ވިދާޅުވީ މަޖިލިހަށް ރައްޔިތުން ތަމްސީލުކުރާނެ މެމްބަރުން ހޮވަނީ، މިނިވަންކަމާ އެކު އެ މެމްބަރުން ހޮވާ ދާއިރާ އަށް އެއްވެސް ނުފޫޒެއް ނެތި ސަރުކާރާއި މުއައްސަސާތައް ޒިންމާދާރުކުރުވަން ކަމަށެވެ. ޕާޓީގެ ވެރިން ހިމާޔަތް ކުރާކަށް ނޫން ކަމަށާއި މަހުޖަނުންނާއި އެމީހުންގެ ވިޔަފާރިތައް ހިމާޔަތް ކުރާކަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ޖަވާބުދާރީވާންޖެހޭ ސިޔާސީ ލީޑަރެއް އަދި މަހުޖަނެއް ނުހުންނާ ނެކަމަށް، ވިލިމާލޭގެ ބަނދަރު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި އުޝާމް ވިދާޅުވި އެވެ.

"ޕާޓީގެ ލީޑަރުގެ ގޮނޑި ކޮއްކޮއަކަށް ވެގެން މަހުޖަނުންގެ ނުފޫޒުގެ ދަށުވެގެން، ތިޔަ ބޭފުޅުންގެ މަސްލަހަތު ހިމާޔަތްކުރެވިދާނެތޯ؟ ނުކުރެވޭނެ،" އުޝާމް ވިދާޅުވި އެވެ.

ވިލިމާލެ ބަނދަރު ސަރަހައްދުގައި މިރޭ ބޭއްވި އުޝާމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވިލިމާލެ ބަނދަރު ސަރަހައްދުގައި މިރޭ ބޭއްވި އުޝާމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"...އަޅުގަނޑު ޖަވާބުދާރީވާނީ ތިޔަ ބޭފުޅުންނަށް. މެމްބަރެއްގެ ގޮތުގައި ހުރިހާ ހިނދަކު އަޅުގަނޑު ޖަވާބުދާރީވާނީ ވިލިމާލޭގެ ރައްޔިތުންނަށް."

ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތުން ރައްޔިތުންގެ ހައްގުގައި އިހުލާސްތެރިކަމާ އެކު ވަކާލާތު ކުރެވޭނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތް، މިނިވަން މެމްބަރަކަށް ކަން އުޝާމް ފާހަގަކުރެއްވި އެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖެ ދެކެފައިވަނީ ވަރަށް ހަލަބޮލި ދުވަސްތަކެއް ކަމަށާއި ރައްޔިތުންނަށް އެތައް މަންޒަރަކާއި އެތައް ފިލާވަޅުތަކެއް ދަސްވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ތަފާތު ނަންނަމުގައި ތަފާތު ކުލަކުލައިގެ އެތައް އެތައް މަގާމަކަށް އައިސް، ރައްޔިތުންނަށް ވީ ވައުދު ހަނދާން ނައްތާލާ މީހުން ފެނިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހަށް ހޮވަންޖެހޭނީ ޑިމޮކްރަސީގެ އުސޫލުތައް ގަބޫލުކުރާ، ފުރިހަމަ ސިޔާސީ އަހުލާގު ހުންނަ މީހުންނެވެ. އުޝާމް ވިދާޅުވީ، މި އާންމު އިންތިޚާބުގައި ވިލިމާލެ ދާއިރާގެ މީހުން އޭނާ ޚިޔާރު ކޮށްފި ނަމަ ފަސް އަހަރު ވަންދެން މިނިވަން މެމްބަރެއްގެ ގޮތުގައި ދެމި ހުންނަވާނެ ކަމަށެވެ.

ވިލިމާލެ ބަނދަރު ސަރަހައްދުގައި މިރޭ ބޭއްވި އުޝާމްގެ ކެމްޕެއިން ޖަލްސާގައި އޭނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވިލިމާލެ ބަނދަރު ސަރަހައްދުގައި މިރޭ ބޭއްވި އުޝާމްގެ ކެމްޕެއިން ޖަލްސާގައި އޭނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑު ވަކާލާތު މި ކުރަނީ މި ދެންނެވި ސިޔާސީ އަޚުލާގު ގެންނަން. އަޅުގަނޑު ދެމިހުންނާނީ މި ދެންނެވި އަޚުލާގުގެ މަތީގައި. ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑު އެއްވެސް ސިޔާސީ ޕާޓީ އަކަށް ސޮއެއް ނުކުރާނަން. އަޅުގަނޑު ހުންނާނީ މިނިވަން މެމްބަރެއްގެ ގޮތުގައި، ތިޔަ ބޭފުޅުންގެ މެމްބަރެއްގެ ގޮތުގައި. ހަމައެކަނި ވިލިމާލެ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައި،" އުޝާމް ވިދާޅުވި އެވެ.

ކޮންމެ އިންތިޚާބަކާ ދިމާކޮށް ފައިސާގެ ނުފޫޒުން މީހުންގެ ވޯޓު ހޯދަން އުޅޭ ވާހަކަ އަކީ ދެއްކެވޭ ވާހަކައެއް ކަމަށާއި ނަމަވެސް ރައްޔިތުން އުޅެނީ ދަތި ހާލުގައި ކަމަށް ގަބޫލު ކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އެކަމަކު ފައިސާ އަށް ވޯޓު ގަނެގެން ރައްޔިތުންނަށް ފައިދާވާނެ އެއްވެސް ކަމެއް މަޖިލީހުގައި ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"އަމުދުން މަޖިލީހަށް ނުވެސް ދޭ. މި ގޮތަށް މެމްބަރުން ފިލައިގެން ދިއުމުން ގެއްލެނީ ރައްޔިތުންގެ އަޑު. ގެއްލެނީ ރައްޔިތުންގެ ހައްގު. އަޅުގަނޑު ތިޔަ ރައްޔިތުންގެ ފަރާތުން މި އެދެނީ މި ކަމުގައި ވިސްނުންތެރިކަން އިސްކުރެއްވުމަށް،" އުޝާމް ވިދާޅުވި އެވެ.

ވިލިމާލެ ބަނދަރު ސަރަހައްދުގައި މިރޭ ބޭއްވި އުޝާމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވިލިމާލެ ބަނދަރު ސަރަހައްދުގައި މިރޭ ބޭއްވި އުޝާމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ވިލިމާލޭގެ ހައްގުގައި އަޅުގަނޑުމެން މަޖިލީހަށް މެމްބަރެއް ހޮވާއިރު، ތިޔަބޭފުޅުންގެ ފަރާތުން އަޅުގަނޑު އެދޭ އެންމެ ބޮޑު އެދުމަކީ، ތިޔަ ބޭފުޅުން ލާ ވޯޓަކީ ވިސްނުންތެރިކަމާ އެކު ލާ ވޯޓަކަށް ހައްދަވާށޭ. އެކަމަށްޓަކައި ބަލަންވީ، ސިޔާސީ ލީޑަރުންނާއި މަހުޖަނުންގެ ނުފޫޒެއް ނެތް އިހުލާސްތެރިއަކު ހޮވަން. ފުރިހަމަ ސިޔާސީ އަޚުލާގު ހުރި މީހަކު ހޮވަން އަދި މަޖިލީހުގައި އަދާކުރަންޖެހޭ ޒިންމާ އަށް ގާބިލް މީހަކު އިހުތިޔާރުކުރަން އަދި ތިޔަބޭފުޅުންނާ ގުޅޭ، ދެން ވެސް ގުޅުން ބާއްވާނެ މަންދޫބެއް އިންތިޚާބުކުރަން،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ލީޑަރެއްގެ ނިވަލުގައި މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެ ފުރުސަތަށް ނޫނެކޭ ވިދާޅުވެ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގަތީ ވަރަށް މުހިއްމު ސަބަބުތަކެއް އޮވެގެންކަން އުޝާމް ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ މަސައްކަތްތަކަކީ އާ މަސައްކަތެއް ނޫން ކަމަށާއި ފާއިތުވި 10 އަހަރު ކުރެއްވި ކަންތައްތަކުގެ ބޮޑު ބައެއް ބިނާވެފައިވަނީ މަޖިލީހަށް ބިލްތައް ހުށަހެޅުމާއި ގައުމަށް ދިމާވި ބޮޑެތި ދުސްތޫރީީ މައްސަލަތައް ހައްލު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ފަހުގެ ތާރީޚެއް ގައި އައި އެންމެ ހަލަބޮލި ދުވަސްތައް ކަމަށާއި އޭނާ މަސައްކަތް ކުރެއްވީ ރައްޔިތުންނާއި ގައުމަށް އެންމެ ފައިދާހުރި ހައްލުތަކެއް ގެނެސްދެވޭތޯ ކަމަށް ކަމަށް ވިދާޅުވި އެވެ.