Roadha Mihaaru
މިނިވަން ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ހަދަނީ ދޮގު:އުޝާމް

މިނިވަން ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަ: އުޝާމް

04 އެޕްރީލް 2019

އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ސިޔާސީ ލީޑަރުން ދައްކާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލުން ކަމަށް ވިލިމާލެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ސިޔާސީ ލީޑަރުން ދައްކާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލުން ކަމަށް ވިލިމާލެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.

އަމިއްލަ މެމްބަރުންނަށް މަޖިލީހުގެ ތެރެއިންނާއި ބޭރުން ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ބައެއް ލީޑަރުން ދަައްކަވާ ވާހަކަތަކަށް ރައްދު ދެއްވައި އުޝާމް ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާ 35 މާއްދާގެ ތެރެއިން އެއްވެސް މާއްދާއެއްގައި ޕާޓީތަކުގެ ވާހަކަ ނޯންނަ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރަން ޖެހެނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ގާނޫނު އަސާސީގައި މެމްބަރުންގެ ދައުރަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި ތިބި މީހުންނަށް. އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސީ ލީޑަރުން އެފަދަ ވާހަކަ އެ ދައްކަވަނީ އެކަމުގެ ހަގީގަތް އޮޅުވާލުމަށްޓަކައި،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވި އެވެ.

"މިނިވަން މެމްބަރެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރާނީ ތިޔަ ބޭފުޅުންގެ ހައްގުގައި. ތިޔަ ބޭފުޅުންނަށް ދަތިވެފައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހަށް ގެންގޮސް ރައްޔިތުންގެ މަޖިލީހުން އެކަންކަމަށް ހައްލު ހޯދައި ދިނުމަށް."

މަޖިލީހުގައި އިހުލާސްތެރި މެމްބަރުން ތިއްބަވާ ނަމަ މިނިވަން މެމްބަރުން ހުށަހަޅުއްވާ ރަނގަޅު ބިލްތަކަށް ވޯޓު ދޭން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ. އެއާ ހިލާފު ވާ ނަމަ އެއީ މެމްބަރުން ކޮށްފައިވާ ހުވަޔާ ހިލާފުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޯޓު ލާން ޖެހެނީ ވަކި ޕާޓީއަކަށް ގޮނޑި ހޯދައިދޭން ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.

"ވަކި ސިޔާސީ ލީޑަރަކަށްޓަކައި ވަކި ސިޔާސީ ލީޑަރުންނަށް ގޮނޑި ހޯދައިދޭން މަސައްކަތްތަކެއް ކުރަން ޖެހޭ ދުވަހެއް ނޫން [ވޯޓުލާ ދުވަހަކީ]. އެއީ ރައްޔިތުންގެ މަޖިލީހުގައި ތިޔަ ބޭފުޅުން ތަމުސީލު ކުރާނެ މެމްބަރެއް ހޮވުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ދުވަސް،" އުޝާމް ވިދާޅުވި އެވެ.

ވޯޓު ލާއިރު ރައްޔިތުން ތަމްސީލު ކުރައްވާނެ އަދި ވިލިމާލޭގެ ހާލަތު އެނގޭ މީހަކު އިންތިޚާބުކުރަން ޖެހޭކަ މަށް ވިދާޅުވެ އުޝާމް ވަނީ ސިޔާސީ ލީޑަރުންނަށް ވުރެ ވިލިމާލޭ ރައްޔިތުންނަށް އިސްކަންދެއްވާނީ އޭނާ ކަމަށް ވާތީ އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑުމެންނާ ދޭތެރޭގައި އިހުލާސްތެރިކަމެއް ބޭއްވި އަދި ކުރިއަށް އޮތް ތަނުގައި ވެސް އިހުލާސްތެރިކަން ބާއްވާނެ މީހަކަށް ވޯޓު ދޭން ޖެހޭ،" އުޝާމް ވިދާޅުވި އެވެ.