Roadha Mihaaru
ރެއާލް މޮޅުވި ނަމަވެސް ޒިދާންގެ ހިތްހަމަނުޖެހުންތަކެއް

ރެއާލް މޮޅުވި ނަމަވެސް ޒިދާންގެ ހިތްހަމަނުޖެހުންތަކެއް

01 އެޕްރީލް 2019

މެޑްރިޑް (އޭޕްރީލް 1) - ސްޕެނިޝް ލީގުގެ އެންމެ ފުލުގައި އޮތް ހުއެސްކާ އަތުން 3-2 އިން ފަހު ވަގުތު ރެއާލް މެޑްރިޑް މޮޅުވިއިރު، އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާންގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޭޕްރީލް 1) - ސްޕެނިޝް ލީގުގެ އެންމެ ފުލުގައި އޮތް ހުއެސްކާ އަތުން 3-2 އިން ފަހު ވަގުތު ރެއާލް މެޑްރިޑް މޮޅުވިއިރު، އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާންގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރެއާލް ކޯޗުކަމާ އަލުން ހަވާލުވި ޒިދާންގެ ބެލުމުގެ ދަށުން އެ ޓީމު ކުޅުނު ދެ ވަނަ މެޗުން މޮޅުވީ އުނދަގޫ ހާލަތެއްގަ އެވެ. ރޭގެ މޮޅާ އެކު ރެއާލް ލީގުގެ ތިން ވަނައިގައި އޮތީ 29 މެޗުން 57 ޕޮއިންޓާ އެކު އެވެ. އެއީ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެން ދެ ޕޮއިންޓް ފަހަތުގަ އެވެ. އަދި އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން 12 ޕޮއިންޓް ފަހަތުގަ އެވެ.

ޒިދާންގެ ދަރިފުޅު ގޯލްކީޕަރު ލޫކަ ޒިދާން ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު މި މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ހުއެސްކާ އިން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ހުއާން ކަމިލޯ ހެނާންޑޭޒް އެވެ. ރެއާލަށް އެއްވަރުކޮށްދިނީ މެޗުގެ 25 ވަނަ މިނިޓްގައި އިސްކޯ އެވެ.

ދެ ވަނަ ހާފް ފަށައިގެން ގާތްގާތުގައި ރެއާލުން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗުގެ 62 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު ޑެނީ ސަބާޔޯސް އެވެ. ހުއެސްކާ އިން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 74 ވަނަ މިނިޓްގައި ޒަބިއޭ އެކްސެއިޓާ ޖެހި ގޯލުންނެވެ. މެޗުގެ އެއްވަރުވެގެން ނިމެން ދަނިކޮށް ފަހު މިނިޓްގައި ރެއާލް މޮޅުކޮށްދިން ލަނޑު ޖެހީ ކަރިމް ބެންޒެމާ އެވެ.

ރެއާލުގެ ކޯޗުކަމާ ޒިދާން ހަވާލުވެ ކުޅުނު ދެ މެޗުގައި ވެސް ނިސްބަތުން ސަޕޯޓަރުން ދަނޑަށް ވަން އަދަދު މަދެވެ.

"ހަގީގަތް އެބަ ގަބޫލު ކުރަން ޖެހޭ. އަހަރެމެން މޮޅަށް ކުޅެ ގިނަ ލަނޑު ޖަހާތަން ބަލަން އެންމެން ވެސް ބޭނުންވާނެ. އެކަމަކު މި ވަގުތު ޓީމު އޮތް ހާލަތަށް ބެލުން ވެސް މުހިއްމު. މި ސީޒަނުގައި އަހަރެމެންނަށް ދެން ކާމިޔާބެއް ހޯދުމުގެ ދޮރު ބަންދުވެފައި އޮތަސް. ޓީމު ކުޅޭ މެޗުތަކުގައި ސަޕޯޓަރުން ވީހާ ވެސް ގިނައިން ތިބުމަށް އަހަރެން އެެދެން،" ރޭގެ މެޗުގައި ރެއާލް ދަނޑަށް ސަޕޯޓަރުން ވަން އަދަދު މަދުވުމުން އެކަމަށް އިޝާރާތްކޮށް ޒިދާން ބުންޏެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޒިދާނަށް 500 މިލިއަން ޔޫރޯގެ ބަޖެޓެއް ދޭން ރެއާލުން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޒިދާން ބުނީ ޓީމު ވަރުގަދަ ކުރިޔަސް މި ވަގުތު ޓީމުގައި ތިބި ކުޅުންތެރިން ރަނގަޅަށް މަސައްކަތްކުރާނަމަ އަބަދުވެސް އޭނާގެ ޓީމުން ޖާގަ އޮންނާނެ ކަމަށެވެ.

"އެެއްވެސް ކުޅުންތެރިޔަކަށް ފުރުސަތު ނުގެއްލޭ. މި ޓީމުގައި މަސައްކަތް ކުރާ ކުޅުންތެރިންނަށް އަބަދުވެސް ފުރުސަތު އޮންނާނެ،" ޒިދާން ބުންޏެވެ.