Roadha Mihaaru
ބާސެލޯނާ އަށް ޒިދާން މެސެޖެއް ދީފި

ބާސެލޯނާ އަށް ޒިދާން މެސެޖެއް ދީފި

25 އެޕްރީލް 2019

މެޑްރިޑް (އޭޕްރީލް 25) - އަންނަ ސީޒަނުގައި ރެއާލް މެޑްރިޑް ފެންނާނީ ވަރަށް ވަރުގަދަކޮށް ކަމަށާއި އެ ޓީމުގެ އެންމެ ބޮޑު ޓާގެޓަކީ ސްޕެނިޝް ލީގު ކާމިޔާބު ކުރުން ކަމަށް ބުނެ ވާދަވެރި ބާސެލޯނާ އަށް ރެއާލުގެ ކޯޗު ޒިނެދިން ޒިދާން މެސެޖެއް ދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޭޕްރީލް 25) - އަންނަ ސީޒަނުގައި ރެއާލް މެޑްރިޑް ފެންނާނީ ވަރަށް ވަރުގަދަކޮށް ކަމަށާއި އެ ޓީމުގެ އެންމެ ބޮޑު ޓާގެޓަކީ ސްޕެނިޝް ލީގު ކާމިޔާބު ކުރުން ކަމަށް ބުނެ ވާދަވެރި ބާސެލޯނާ އަށް ރެއާލުގެ ކޯޗު ޒިނެދިން ޒިދާން މެސެޖެއް ދީފި އެވެ.

އަންގާރަ ދުވަހުގެރޭ ބާސެލޯނާ ހޯދި މޮޅާ އެކު ބާކީ ފަސް މެޗު އޮއްވައި ރެއާލަށް ވަނީ ލީގު ހޯދުމުގެ ހުރިހާ ދޮރެއް ބަންދުވެފަ އެވެ. ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް 3-2 އިން ވެލެންސިއާ އަތުން މޮޅުވުމުން ބާސެލޯނާ އަށް ލީގު ކަށަވަރުކުރެވޭނީ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ލެވަންޓޭ ބަލިކޮށްގެންނެވެ.

ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު މިދިޔަ އަހަރު މެއި މަހު ޒިދާން ވަނީ އެ ޓީމު ކޯޗުކަމުން ވަކިވެފަ އެވެ. ޒިދާންގެ ފަހުން ރެއާލާ ހަވާލުވި ދެ ކޯޗުން ކަމަށްވާ ހުލެން ލޮޕެޓެގީ އާއި ސަންޓިއާގޯ ސޮލާރީ އަށް އެ ޓީމުގައި ކާމިޔާބު މަސައްކަތެއް ނުކުރެވުމުގެ ނަތީޖާއަކަށްވީ ސީޒަން ހުސް އަތާ ނިންމާލަން ޖެހުމުގެ ބިރު ބޮޑުވުމެވެ. ޒިދާން ހަވާލުވިއިރު ޓީމުގެ ފޯމު ގެއްލިފައި އޮތްއިރު، ސީޒަން އޮތީ އެ ޓީމަށް ނިމިފަ އެވެ. އެކަމަކު އަންނަ ސީޒަނާ މެދު ޒިދާން ހުރީ ބޮޑު އުއްމީދުތަކެއްގަ އެވެ.

"އަހަރެމެން އެންމެ ވަރުގަދަ އަށް އަންނަ އަހަރު ވާދަކުރާނީ ލީގަށް. އެއީ އެންމެ ދިގު މުބާރާތް. ޓީމަށް ގެންނަ ކުޅުންތެރިންނާއި ތިބި ކުޅުންތެރިންނަށް އަހަރެން ވިސްނައިދޭނީ ލީގަކީ އެންމެ މުހިއްމު މުބާރާތް ކަމުގައި،" ލީގުގައި މިރޭ ރަށުންބޭރުގައި ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒިދާން ބުންޏެވެ.

މިދިޔަ ހަތް އަހަރު ތެރޭގައި ރެއާލަށް ލީގު ހޯދުނީ އެއް ފަހަރު އެވެ. ބާސެލޯނާ މި ފަހަރު ލީގު ހޯދުމާ އެކު އެންމެ ފަހުން 11 އަހަރު ތެރޭގައި އެ ޓީމު އަތުގައި އަށް ތަށި ހަމަކުރެވޭނެ އެވެ. މިއާ އެކު ބާސެލޯނާ އިން ލީގު ކާމިޔާބުކުރި އަަދަދު 26 އަށް އަރާނެ އެވެ.

ޒިދާން ބުނީ ވާދަވެރިން ވަރުގަދަވުމަށް އަބަދުވެސް މަރުހަބާކިޔާނެ ކަމަށާއި އެކަމަކު ރެއާލަކީ ތާރީހަށް ބެލިޔަސް ފަހަތަށް ޖެެއްސޭނެ ޓީމެއް ނޫން ކަމަށެވެ.

"އަހަރެމެން އަތުގައި 33 ލީގު ތަށި. ބާސެލޯނާ އިން އަންނަނީ ވަރަށް މަސައްކަތްކުރަމުން ވަރަށް ހިންގުންތެރިކަމާ އެކު އެ ކްލަބް ދަނީ ކުރިއަށް. އެކަމަކު ތާރީހަކީ ފޮހެލެވޭނެ އެއްޗެއް ނޫން. ރެއާލުން ކޮށްފައިވާ ކަމެއް ތަކުރާރުކުރުމުގެ ހިތްވަރު މި ކްލަބްގެ އަބަދުވެސް ހުންނާނެ،" ޒިދާން ބުންޏެވެ.

އަންނަ ސީޒަނަށް ރެއާލަށް ގެންނާނެ ބަދަލުތަކާ ބެހޭގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވޭއިރު، ޒިދާން ވަނީ ޓްރާންސްފާ މާކެޓާ މެދު އޭނާ ބޭނުންވާ ވާހަކަތައް ދައްކާނީ ސީޒަނުގައި ކުރިއަށް ހުރި މެޗުތައް ނިމުމުން ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލުން ވަނީ ޗެލްސީގެ ތަރި އެޑެން ހަޒާޑް ގެންނަން ކުރަން ޖެހޭ ހުރިހާ މަޝްވަރާތަކެއް އޭނާގެ އޭޖެންޓާ އެކު ބާއްވައިފަ އެވެ. އަދި ވަރަށް އަވަހަކަށް އެއްބަސްވުމުގެ ކަންތައްތައް ނިމެނޭނެ ކަމަށްވެ އެވެ.