Roadha Mihaaru
އޭޑީކޭ ދުނިޔޭގެ ފެންވަރަށް އެކްރެޑިޓް ކުރަނީ

އޭޑީކޭ ހޮސްޕިޓަލް ދުނިޔޭގެ ފެންވަރަށް އެކްރެޑިޓް ކުރުމަށް އަމާޒު ހިފައިފި

30 އޯގަސްޓް 2016

އޭޑީކޭ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް އިންޑިއާގެ ކުންފުންޏަކާ ގުޅިގެން އެކްރެޑިޓް ކުރުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އޭޑީކޭ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް އިންޑިއާގެ ކުންފުންޏަކާ ގުޅިގެން އެކްރެޑިޓް ކުރުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޑީކޭ އެކްރެޑިޓް ކުރަން އިންޑިއާގެ "ކޮލިޓޭޓް މެޑިކެއާ"އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީ ރާއްޖޭގައި ހޮސްޕިޓަލެއް އެކްރެޑިޓް ކުރަން ނިންމައި އަމަލީ ގޮތުން މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މިއީ އިންޑިއާގެ ނެޝަނަލް ބޯޑް އޮފް އެކްރެޑިޓޭޝަން ހޮސްޕިޓަލް އެންޑް ހެލްތު ކެއާ ފެސިލިޓީޒް (އެންއޭބީއެޗް)ގެ އެކްރެޑިޓޭޝަން އޭޑީކޭ އަށް ހޯދުމުގެ މަސައްކަތް ފެށުމަށް ވެވުނު އެއްބަސްވުމެކެވެ.

"މިއީ އަޅުގަނޑުމެން މި ކަމުގައި އަޅާ ފުރަތަމަ ފިޔަވަޅު،" އަފްއާލް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ އެކްރެޑިޓޭޝަން ސިސްޓަމެއް ރާއްޖޭގައި ގާއިމުކޮށްފައި ނެތަސް، ދާދި އަވަހަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން އެކްރެޑިޓޭޝަން ސިސްޓަމެއް ތައާރަފް ކުރާނެ ކަމަށެވެ. އަދި އޭޑީކޭ އިން ވަންނަ ސިސްޓަމަކީ ބައިނަލްއަގުވާމީ ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެންއޭބީއެޗުން ވަނީ އިންޑިއާގެ ހޮސްޕިޓަލްތަކުގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި ވެސް އެކްރެޑިޓޭޝަން ސިސްޓަމްތައް ތައާރަފްކޮށްފަ އެވެ. އެންއޭބީއެޗުގެ ސެޓްފިކެޓް ފެންނަން ހުންނަ ހޮސްޕިޓަލްތަކަކީ ސަރުކާރުތަކުން ގަބޫލުކުރާ ހޮސްޕިޓަލްތަކެވެ.

އަފްއާލް ވިދާޅުވި ގޮތުގައި އޭޑީކޭ އެކްރެޑިޓްވުމަކީ ރާއްޖޭގޭ ސިއްހީ ނިޒާމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރާ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން އޭޑީކޭ ފިޔަވައި ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކުގެ މުވައްޒަފުން ވެސް ތަމްރީނު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ. އަދި އޭޑީކޭ އެކްރެޑިޓް ވިޔަސް، ސަރުކާރަށާއި އެހެނިހެން މީހުންނަށް ފައިދާ ލިބޭނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ އެކްރެޑިޓޭޝަން ސިސްޓަމެއް ހޯދުމަށް އަށެއްކަ މަސްދުވަސް ނަގާނެ ކަމަށެވެ. އަދި ސެޓްފިކެޓެއް ލިބުނަސް، ކޮންމެ އަހަރަކު އެއް ފަހަރު އިންޑިއާގެ އެންއޭބީއެޗުން އޭޑީކޭގެ ފެންވަރު ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލުގެ އެނދުތައް ގިނަވެ ދޭ ހިދުމަތްތައް އިތުރުވާ ވަރުން އެސެސް ކުރަންޖެހޭ ކަންތައްތައް އިތުރުވާނެ. މިއީ އެންމެ ފަހަރަކުން ނިމޭނެ ކަމެއް ނޫން. ދާއިމީކޮށް ވަރަށް ބޮޑު ކޮމިޓްމަންޓެއް ދީގެން ކުރަން ޖެހޭނެ ކަމެއް،" އަފްއާލް ވިދާޅުވި އެވެ.