Roadha Mihaaru
ދިވެހި އަންހެނުންނާއި ފިރިހެނުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީސް: ދިވެހި އަންހެނުންނާއި ފިރިހެނުންގެ މަޖިލީސް

03 އެޕްރީލް 2019

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އާދައިގެ މަތިން ބޯމަތި ވެއްޖެ އެވެ. ގިނަ ރައްޔިތުންތަކެއް ޝާމިލުވެ އެ ތިބީ ފޯރިގަދަ ކެމްޕޭން ހަރަކާތްތަކުގެ ތެރޭގަ އެވެ. އެއްބަޔަކު މަޖިލީސް ބަހުސް ޔޫޓިއުބުން ބަލަނީ އެވެ. އަނެއް ބަޔަކު އެ މީހަކު ވޯޓު ދޭނެ ކެންޑިޑޭޓަކީ ކާކުތޯ ބަލައި އަންދާޒާ ކުރަނީ އެވެ. ސިޔާސީ އަދި އިޖްތިމާއީ ރޫހު އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން އުންމީދު ކުރަންވީ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އާދައިގެ މަތިން ބޯމަތި ވެއްޖެ އެވެ. ގިނަ ރައްޔިތުންތަކެއް ޝާމިލުވެ އެ ތިބީ ފޯރިގަދަ ކެމްޕޭން ހަރަކާތްތަކުގެ ތެރޭގަ އެވެ. އެއްބަޔަކު މަޖިލީސް ބަހުސް ޔޫޓިއުބުން ބަލަނީ އެވެ. އަނެއް ބަޔަކު އެ މީހަކު ވޯޓު ދޭނެ ކެންޑިޑޭޓަކީ ކާކުތޯ ބަލައި އަންދާޒާ ކުރަނީ އެވެ. ސިޔާސީ އަދި އިޖްތިމާއީ ރޫހު އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން އުންމީދު ކުރަންވީ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ.

އެއީ، މި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އެންމެ ބޭނުންވާ، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކޮށްދޭނެ މަޖިލީހަކަށް ވުމެވެ. ނަހަމަކަން ނައްތާލުމާއި މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަދި އަމާން، އަދުލު އިންސާފުގެ ގޮވައްޗެއް ގާއިމްކޮށްދޭނޭ މުއައްސަސާތައް ހަރުދަނާ ކުރުމުގެ މުހިންމު މަސައްކަތްތައް ކުރާ ބަޔަކަށް އަޅުގަނޑުމެން އިންތިހާބު ކުރާ މެމްބަރުން ވުމެވެ. މި އުންމީދު ފުރިހަމަ ކުރުމުގައި މަޖިލީހުގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ބައިވެރިވުން ވަރަށް މުހިންމެވެ.

ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުމުގައި އަންހެނުންގެ ދައުރަކީ ފިރިހެނުންގެ ވެސް ދައުރެވެ. އަންހެނުންނާއި ފިރިހެނުން ތަފާތު ކަންކަންކަމަށް އިސްކަންދޭލެއް ބައެއް ފަހަރު ތަފާތު ވެދާނެ އެވެ. މިސާލަކަށް ބުނާ ނަމަ، ދަރިމައިވުމުގެ ސިއްހީ ހިދުމަތްތައް ކުރިއެރުވުމަށް ގާނޫނު ހަދާ މަޖިލީހުގެ ފިރިހެން މެންބަރުންނަށް ވުރެ އަންހެން މެންބަރުން ހާއްސަ އިސްކަމެއް ދީފާނެ އެވެ. އެއާ ޚިލާފަށް، އަންހެން މެންބަރުންނަށް ވުރެ ފިރިހެން މެންބަރުން ހާއްސަ އިސްކަމެއް ދޭ ކަންކަން ވެސް ހުރެދާނެ އެވެ. އެ ކަހަލަ ފަރަގުތަކެއް ހުއްޓެއް ކަމަކު، ގައުމުގެ ކުރިއެރުމާއި ތަރައްގީގެ އުސް ކުރިބޯށިތަކަށް ވާސިލްވުމުގައި އަންހެނުން ވެސް އަދި ފިރިހެނުން ވެސް ކުރަނީ އެއްކަހަލަ އުންމީދެކެވެ. ގައުމަށް ޚިދުމަތް ކުރުމުގައި، ފަންނާއި ހުނަރުގެ ގޮތުން އަންހެނުންގެ ގާބިލިއްޔަތު ކަމަކީ އެކަކު ވެސް ދެބަސްވާނެ ކަމެއް ނޫނެވެ. މައްސަލަ އަކީ އިންތިހާބީ މަގާމުތަކުން ފެންނަ އަންހެނުންގެ އަދަދު މަދުވުމެވެ.

ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި އަންހެނުން ނިސްބަތްވާ އަދަދަކީ އެންމެ ފަސް ޕަސެންޓެވެ. ލޯކަލް ކައުންސިލް އިދާރާތަކުގައި އެ ނިސްބަތަކީ ހަ ޕަސެންޓެވެ. އެކަން އެހެން އޮއްވައި، މި ފަހަރުގެ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އަންހެން ކެންޑިޑޭޓުން ނިސްބަތްވާ އަދަދަކީ އެންމެ ނުވަ ޕަސެންޓެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާނޫނު ހަދާ މަޖިލީސްތަކުގައި އަންހެނުން ބައިވެރިވާ ނިސްބަތް އަންދާޒާ ކުރުމަށްޓަކައި 193 ގައުމެއް ތަރުތީބު ކޮށްލާއިރު، ދިވެހިރާއްޖެ މި އޮތީ ލިސްޓުގެ ފުލުން 185 ވަނައިގަ އެވެ. ސާކް ސަރަހައްދުގެ އެހެން ހުރިހާ ގައުމެއް ވެސް ލިސްޓުގައި ތިބީ ރާއްޖެ އަށް ވުރެ މަތީގަ އެވެ. ލިސްޓުގެ އެންމެ މަތީގައިވާ ރުވާންޑާގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެނުން ނިސްބަތްވާ އަދަދަކީ 61 ޕަސެންޓެވެ. ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ މެޖޯރިޓީއެއް އޮތީ އެންމެ ތިން ގައުމެއްގަ އެވެ. ރުވާންޑާގެ އިތުރުން ކިއުބާ އަދި ބޮލިވިއާ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގައި ވެސް އަންހެނުންގެ ހަމަހަމަ ބައިވެރިވުން އެކަށީގެންވާ މިންވަރަކަށް ނެތެވެ. ތިރީގައިވާ ތަފާސްހިސާބުން ވެސް ދޭހަވަނީ އެ ކަމެވެ. ލިސްޓުގެ ފުލަށް ގޮސް، ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އެންމެ ފަސް ގޮނޑިއަށް ލިމިޓް ވެފައިވުމަކީ ދިވެހިން ލަދުވެތިވާން ޖެހޭވަރުގެ ކަމެކެވެ.

ގައުމުތަކުގައި، ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ނިސްބަތް

ގައުމުތަކުގައި، ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ނިސްބަތް

ތަފާތު ދިރާސާތަކުން ދައްކާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމުން އޭގެ ފައިދާ އެކި ގޮތްގޮތުން ފެނިގެންދެ އެވެ. އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގައި އަންހެނުން ނިސްބަތްވާ އަދަދާއި އެ މަޖިލީސްތަކުން ކޮށްފައިވާ މަސައްކަތްތައް އަޅާބަލައި، 35 އަހަރުގެ މައުލޫމާތު ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އަންހެން މެންބަރުންނަކީ މަޖިލީހަށް ހުށަހަޅާ މުހިންމު މައްސަލަތައް ނިންމަން ހުރިހާ ސިޔާސީ ފިކުރަކާ ގުޅިގެން ވެސް މަސައްކަތް ކުރާނެ ބައެކެވެ. އަދި އަންހެން މެންބަރުންނަކީ ދާއިރާގެ ރައްޔިތުންނާ ވަރަށް ގާތުން އަދި ގުޅިގެން މަސައްކަތް ކުރާނެ ބައެކެވެ. ހަމަ އެހެންމެ، އަންހެން މެންބަރުންނަކީ އިޖްތިމާއީ ތަރައްގީގެ އެންމެ މުހިންމު ބައެއް އަސާސްތައް ކަމަށްވާ ތަޢުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ ކުރިއަރުވަން ސާބިތުކަމާ އެކު މަސައްކަތް ކުރާ ބައެއް ކަމަށް ވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

މުޖްތަމައުގައި އަންހެނުންނަށް ހާއްސަ މައްސަލަތައް، ނުވަތަ އަންހެނުންގެ ބޮޑު ހިއްސާއެއްވާ ކަންކަމަށް އަންހެން މަޖިލީސް މެންބަރުން ހާއްސަ ސަމާލުކަމެއް ދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އަންހެން މަޖިލީސް މެމްބަރުންނަކީ މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމާއި ދަރިމައިވުމުގެ ހައްގުތަކާއި ދުޅަހެޔޮކަން ކުރިއެރުވުމާއި އިސް ރަށްވެހީންގެ ހައްގުތައް އަދި ކުޑަކުދިންގެ ހައްގުތައް ފަދަ މުހިންމު ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭ ބައެކެވެ. އަދި މަޖިލީހުގެ ހޫނު ބަހުސްތަކުގެ ތެރެއިން ވެސް އެންމެން އެއްގަލަކަށް އެރުވުމާއި ޚިޔާލު ތަފާތުވުމުގެ ސަބަބުން މަޖިލީހުގެ ހިނގުން ހުއްޓުމަކަށް ދިޔަނުދީ، ވާހަކަ ދައްކައިގެން ކަންކަން ނިންމުމުގެ ހުނަރު އަންހެނުންގެ ކިބައިން ބޮޑަށް ފެންނަ ކަމަށް އެހެން ދިރާސާއަކުން ދައްކަ އެވެ. އަދި ހަމަ އެހެންމެ، ބައިނަލްއަގްވާމީ ދިރާސާތަކަށް ބަލާއިރު ސިޔާސީ ދާއިރާގައި އުޅޭ އަންހެނުން ކޮރަޕްޝަންގެ މުއާމަލާތުތަކުގައި ބައިވެރިވާ މިންވަރު ދަށެވެ. އެގޮތުން، ތަފާތު ދެ ދިރާސާއެއްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަންހެނުން ސިޔާސީ މަތީ ހަރުފަތްތަކުގައި ގިނަވާ ވަރަކަށް ކޮރަޕްޝަންގެ މައްސަލަ ގައުމީ އަދި ރަށު ފެންވަރުގައި މަދުވެ އެވެ.

އިންތިހާބީ މަގާމުތަކަށް އަންހެނުން އައްޔަނު ކުރުމަކީ ނުހަނު ފައިދާ ހުރި ކަމެއް ކަމަށް އެތަކެއް ދިރާސާތަކުން އެބަ ދައްކަ އެވެ. މީގެ ބޭނުމަކީ ފިރިހެނުން ނާގާބިލު ކަމަށް ކަނޑައެޅުމެއް ނޫނެވެ. ގާބިލު ފިރިހެނުން އެކަނި ނިންމާ ނިންމުންތަކަށް ވުރެ، ގާބިލު އަންހެނުންނާއި ފިރިހެނުން އެކުގައި ނިންމާ ނިންމުންތަކުން ފޮނި ނަތީޖާތައް ލިބޭކަން ދައްކުވައި ދިނުމެވެ. މިންތީގެ ހަމަހަމަކަން އިންތިހާބީ މަގާމުތަކުގައި އިތުރުވާ ވަރަކަށް، އެފަދަ މުއައްސަސާތަކުގެ ހިންގުން ވަރުގަދަވެ، ގައުމުގެ ތަރައްގީ އަށް ކުރާ ފައިދާތައް ގިނަގުނަވެގެން ދިއުމެވެ.

ވޯޓު ފޮށިތައް ދޮށަށް ދިއުމަށް އަޅުގަނޑުމެން އެންމެން ތައްޔާރުވަމުން ދާއިރު، ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުވާ މިންވަރު ކުޑަ ތަންކޮޅެއް މައްޗަށް ޖައްސާލުމުގެ ބާރު އަޅުގަނޑުމެންނަށް އެބަ އޮތްކަން ހަނދާން ކުރަމާތޯ އެވެ. މަޖިލީހުގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނަށް ވާ ދުވަސް ދުށުމަކީ އަޅުގަނޑުމެންގެ އުންމީދެވެ. މި އިންތިހާބުގައި އެ އުންމީދަށް ވާސިލްވުމުގެ ފުރުސަތު ކުޑަޔަސް، މަޖިލީހުގައި އަންހެނުން ނިސްބަތްވާ މިންވަރު ފަސް ޕަސެންޓަށް ވުރެ މައްޗަށް ޖައްސާލުމަކީ އަޅުގަނޑުމެންނަށް އެކުގައި ކުރެވިދާނެ ކަމެކެވެ. ރާއްޖެ އަށް ބަލާ ނަމަ އެ ވާނީ ފުދޭވަރެއްގެ ކާމިޔާބީ އަކަށެވެ. އަދި ހަމަ އެހެންމެ، މި ފަހަރުގެ މަޖިލީސް އިންތިހާބުގައި އަންހެނުން ނިސްބަތްވާ މިންވަރު ޕަސެންޓަށް ވުރެ އެއްގޮތަކަށް ވެސް ދަށްވިޔަ ނުދެއްވާށެވެ!

އެޑިޓަރުގެ ނޯޓު

ނަބީހު އާސިމް މަސައްކަތްކުރަނީ ޔޫއެންޑީޕީ މޯލްޑިވްސްގެ ގަވަނަންސް ޓީމުގަ އެވެ. ގަވަނަންސް ޓީމުގެ މަަސައްކަތްތައް ހާއްސަކޮށްފައި ވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމްތައް ހަރުދަނާކުރުމަށެވެ.