Roadha Mihaaru
ނަޝީދު ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މުޣުނީ

ނަޝީދު ތިނަދު އަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މުޣުނީ

27 މާޗް 2019

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދު އަށް މިއަދު ވަޑައިގަތުމުން، އެމްޑީޕީން ތާއީދު ނުކުރަން ނިންމާފައިވާ ކެންޑިޑޭޓު އަބްދުލް މުޣުނީ އިސްވެ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދު އަށް މިއަދު ވަޑައިގަތުމުން، އެމްޑީޕީން ތާއީދު ނުކުރަން ނިންމާފައިވާ ކެންޑިޑޭޓު އަބްދުލް މުޣުނީ އިސްވެ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ތިނަދޫ އުތުރު ދާއިރާ އަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް، މުޣުނީ އަށް ތާއީދު ނުކުރަން އެ ޕާޓީން ނިންމީ އޭނާ އަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތަކާ ގުޅިގެންނެވެ. މުޣުނީ އަށް ކުރި ތާއީދު އަނބުރާ ގެންދިއުމަށް ފަހު އެމްޑީޕީން ބުނެފައި ވަނީ އޭނާ އަށް ކެމްޕޭން ކުރުމުގައި އެ ޕާޓީން ބައިވެރި ނުވާނެ ކަމަށެވެ.

ނަމަވެސް ނަޝީދު ތިނަދު އަށް މިއަދު ވަޑައިގަތުމުން އެންމެ ފުރަތަމަ އެމަނިކުފާނާ ސަލާމް ކުރައްވައި މަރުހަބާ ވިދާޅުވީ މުޣުނީ އެވެ.

ނަޝީދަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި މީހުންނާ އެމަނިކުފާނު ސަލާމް ކުރައްވަމުން ގެންދެވި އިރު އަރިހުގައި ހުންނަވައި ބައެއް މީހުން ތައާރަފް ކޮށްދެއްވަމުން ގެންދެވީ ވެސް މުޣުނީ އެވެ. ތިނަދޫ ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސަނީފް ވެސް އެތަނުގައި ހުންނެވި އެވެ.

ތިނަދައުއަށް ނަޝީދު ވަޑައިގެންނެވުމުން މުޣުނީ ސަލާމް ކުރައްވަނީ

މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ފެތުރުމުންނެވެ. މީގެ 11 އަހަރު ކުރިން ހިނގާފައިވާ އެކަންތައްތަކާ ގުޅޭގޮތުން އެ އަންހެން މީހާ ބުނެފައި ވަނީ އެ މައްސަލަތައް ފުލުހުންނަށް އޭރު ހުށަހަޅާފައިވާ ކަމަށެވެ.

އެކަމަކު މުޣުނީއާ ގުޅުން ހުރި އެއްވެސް ގެވެށި އަނިޔާގެ މައްސަލައެއް ހުށަހަޅާފައިވޭތޯ ބެލުމަށް އޭނާ ފުލުހުންނަށް ފޮނުވި ސިޓީ އަށް މިދިޔަ ހުކުރު ދުވަހު ފުލުހުން ދިން ޖަވާބުގައި ބުނެފައިވަނީ މުޣުނީގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް އެއްވެސް އިރެއްގައި ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އޭގެ ފަހުން ވެސް އެމްޑީޕީން ބުނެފައި ވަނީ މުޣުނީގެ ތާއީދު އަނބުރާ ގެންދަން ނިންމި ނިންމުން ބަދަލެއް ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ނިންމުމާ ގުޅިގެން މުޣުނީ ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކަށް ހަމައެކަނި ބަލައި، ސުވާލެއް ވެސް ކުރުމެއް ނެތި އެމްޑީޕީގެ ތާއީދު އަނބުރާ ގެންދިއުމަކީ ހިތާމަ ކުރައްވާ ކަމަށެވެ.

"ޕާޓީގައި އެބަހުރި އެކަހަލަ ތުހުމަތެއް ކޮށްފިއްޔާ ބެލޭނެ ގުނަވަންތައް. އަޅުގަނޑަށް ސުވާލެއް ވެސް ކުރުމެއް ނެތި މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަކުރަން. މީހަކު ސޯޝަލް މީޑިއާގައި ކޮށްލާ ޓްވީޓަކަށް އަޅުގަނޑުގެ ބަހެއް ނެތި، އެމްޑީޕީ ކަހަލަ ތަސައްރަފު ފުދިފައިވާ ޕާޓީއަކުން މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރަން،" އެ މައްސަލަ ފެންމަތިވި ދުވަސްކޮޅު މުޣުނީ ވިދާޅުވި އެވެ.

މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ. އެމްޑީޕީގެ ނިންމުމަށް މައުމޫން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.