Roadha Mihaaru
ހުކުމް ތަންފީޒު ކުރުމަށް ޔާމީން މާފުށީ ޖަލަށް

ހުކުމް ތަންފީޒު ކުރުމަށް ޔާމީން މާފުށި ޖަލަށް ގެންގޮސްފި

25 ޑިސެމްބަރ 2022

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރުމާ އެކު ޖަލު ހުކުމް ތަންފީޒުކުރުމަށް އެ މަނިކުފާނު މިރޭ ކ. މާފުށީ ޖަލަށް ގެންގޮސްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރުމާ އެކު ޖަލު ހުކުމް ތަންފީޒުކުރުމަށް އެ މަނިކުފާނު މިރޭ ކ. މާފުށީ ޖަލަށް ގެންގޮސްފި އެވެ.

ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ދައުލަތުން އެދުނީ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލުމަށެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމަށެވެ.

ޔާމީނުގެ ވަކީލުން ވަނީ އެ ހުކުމް ބަލައި ނުގަންނަ ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާފަ އެވެ.

ހުކުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ލަސްކުރުމެއް ނެތި މި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށާއި އިސްތިއުނާފީ ކޯޓުން މި މައްސަލަ ވަރަށް ފުރިހަމަ އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ބާތިލްކޮށް، އެމަނިކުފާނު ވަނީ މިނިވަންކޮށްފަ އެވެ.