Roadha Mihaaru
ކުރީގެ ރައީސަކު ފުރަތަމަ ފަހަރަށް މަޖިލީހަށް

ކުރީގެ ރައީސަކު ފުރަތަމަ ފަހަރަށް މަޖިލީހަށް

06 އެޕްރީލް 2019

ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހޮވިވަޑައިގަތް ބޭފުޅަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެން، ތާރީޚުން ޖާގަ ހޯއްދަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހޮވިވަޑައިގަތް ބޭފުޅަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެން، ތާރީޚުން ޖާގަ ހޯއްދަވައިފި އެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސްކަން ކުރެއްވުމަށް ފަހު އެއްވެސް ބޭފުޅަކު މަޖިލީހުގެ މެމްބަރުކަން ނުވަތަ ދައުލަތުގެ އެހެން މަގާމެއް ވެސް އަދާކުރައްވާފައެއް ނުވެ އެވެ. އެކަމަކު މައްޗަންގޯޅީ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި، ނަޝީދު މަޖިލީހަށް ހޮވި ވަޑައިގަތުމާ އެކު، މިއީ ކުރީގެ ރައީސަކު މަޖިލިސް މެމްބަރު ކަން ކުރައްވާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް މިފަހަރު މަޖިލީހަށް ވާދަކުރެއްވި އެވެ. ވިލިމާލޭ ދާއިރާއަށް ޖަމީލް ވާދަކުރެއްވިޔަސް، އެމަނިކުފާނަށް އެ ގޮނޑި ކާމިޔާބު ކުރެއްވޭ ގޮތެއް ނުވި އެވެ.

އާ ގާނޫނު އަސާސީގެ ދަށުން ރައީސް ކަން ކުރެއްވި ގިނަ ބޭފުޅުންނަކީ މަޖިލީހުގެ މެމްބަރުކަން ކޮންމެވެސް މުއްދަތަކަށް ކުރެއްވުމަށް ފަހު، ރައީސް ކަމަށް ވަޑައިގަތް ބޭފުޅުންނެވެ. ނަޝީދު ވެސް 2008 ގައި ރައީސް ކަމަށް ވަޑައިގަތީ 2000 ގެ ކުރީކޮޅުގައި މެމްބަރުކަން ކުރެއްވުމަށް ފަހު އެވެ. އޭގެފަހުން ރައީސް ކަމަށް އަބްދުﷲ ޔާމީން އިންތިޚާބުވެ ވަޑައިގަތުމާ ހަމައަށް ހުންނެވީ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރެއްގެ ގޮތުގަ އެވެ. އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ރައީސް ކަމަށް ވަޑައިގަތީ މެމްބަރުކަމުގައި ހުންނެވުމަށް ފަހު އެވެ.

ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ކުރީގެ ރައީސުންނާއި ނައިބު ރައީސުން ދައުލަތުގެ އެހެން މަގާމެއް އަދާ ކުރުން މަނަލެއް ނޫނެވެ. ނަޝީދު އެ މަގާމަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވުމާ އެކު، ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭނެ އިސްލާހެއް ވެސް މަޖިލީހަށް މެމްބަރަކު ހުށަހެޅުއްވި އެވެ. އެކަމަކު އެ ބިލް ފާހެއް ނުކުރެ އެވެ.