Roadha Mihaaru
ކުރީގެ ރައީސް ނަޝީދުގެ ތައުރީފް އީސީއަށް!

ކުރީގެ ރައީސް ނަޝީދުގެ ތައުރީފް އީސީއަށް!

06 ފެބުރުއަރީ 2019

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނަކީ އިންސާފުވެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ކޮމިޝަނަށް މިއަދު ތައުރީފް ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނަކީ އިންސާފުވެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ކޮމިޝަނަށް މިއަދު ތައުރީފް ކުރައްވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް ހަވާލު ކުރުމަށް އިންތިޚާބާ ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ އިންސާފުވެރި އިންތިހާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ގަދަ އަޅައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އިލެކްޝަން ކޮމިޝަން އިންސާފުވެރިކަމާ އެކީގައި ހިންގަވަމުން ގެންދަވާކަމާއި އަދި އެ ކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަސައްކަތް ގާތުން ބައްލަވަމުން ގެންދަވާކަމާއި ކޮމިޝަނުން ދެ ފުށް ފެންނަ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގަދަ އަޅާ މަސައްކަތް ކުރައްވާ،" ނަޝީދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަކީ އިންސާފުވެރި ބައެއް ކަމަށް ނަޝީދު ވިދާޅުވިޔަސް، މީގެ ކުރިން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވީ ވެސް އީސީގެ މެމްބަރުންނަށެވެ. އެ ކޮމިޝަނަށް އާ މެމްބަރުން އައްޔަން ނުކޮށް، ރިޔާސީ އިންތިހާބު މިނިވަން ނުވާނެ ކަމަށް ވެސް އެމްޑީޕީންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.

މިއީ އެމްޑީޕީން ކުރިން ދެއްކި ވާހަކަތަކާ ދިމާ އިދިކޮޅަށް ނަޝީދު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ކެންޑިޑޭޓުން ބާ ޖަމާލުއްދީންގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ކެންޑިޑޭޓުން ބާ ޖަމާލުއްދީންގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނަޝީދު ވިދާޅުވީ ދެ ފުށް ފެންނަ އިންތިހާބެއް ބޭއްވުމަށް އެމްޑީޕީގެ ހުރިހާ މެމްބަރުންނާއި ސިޔާސީ އެހެން ޕާޓީތަކުން ވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގާނޫނާއި ގަވައިދާ އެއްގޮތަށް ކެމްޕެއިން ކުރުމާއި ވޯޓުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަނަށް މިއަދު ހުށައެޅި އެވެ. ކެންޑިޑޭޓުންގެ ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމްތައް ސައްހަތޯ ބަލައި ޗެކް ކުރުމަށް ފަހު، ކެންޑިޑޭޓުންނަށް އަންގާނެ ކަމަށެވެ.