Roadha Mihaaru
އަމާޒަކީ އިންސާނީ ވަސީލަތް ތަރައްގީކުރުން: ރައީސް

އެންމެ ބޮޑު އަމާޒަކީ އިންސާނީ ވަސީލަތް ތަރައްގީކުރުން: ރައީސް

09 އެޕްރީލް 2019

‏‏އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްގީކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

‏‏އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްގީކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ގަބޫލުކުރާ ފަލްސަފާއަކީ ހަގީގީ ތަރައްގީ އަކީ އިންސާނާގެ ނަފްސަށާއި އޭނާގެ ޒާތަށް ގެނެވޭ ތަރައްގީ އިން ހާސިލްކުރެވޭނެ އެއްޗެއް ކަމަށެވެ.

އައިއެމްޔޫ އިން މިރޭ ގްރެޖުއޭޓްވި ބައެއް ދަރިވަރުން. --ފޮޓޯ:ރައީސް އޮފީސް

އައިއެމްޔޫ އިން މިރޭ ގްރެޖުއޭޓްވި ބައެއް ދަރިވަރުން. --ފޮޓޯ:ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވިގޮތުގައި ދައުލަތުގެ ބަޖެޓުން ތައުލީމީ ދާއިރާ އަށް ބޮޑު އަދަދެއް ހާއްސަކުރީ ވެސް ގައުމު ތަރައްގީކުރެވެން އޮތީ ތައުލީމަށް އިންވެސްޓްކޮށްގެން ކަމަށްވާތީ އެވެ.

މި ސަރުކާރުން 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު ތައުލީމީ ދާއިރާ އަށް ވަނީ ތިން ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

‏"މި ސަބަބުތަކަށްޓަކައި މިހާރު ވާނީ ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ހާސިލް ކުރެވޭނެ މަގު ފަހިކޮށްދީފައި. ސަރުކާރުގެ ބޭނުމަކީ ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމާ އެކު، ތަކުލީފެއް ނެތި ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ވީހާ ގިނަ ދަރިވަރުންނަށް ފަހިކޮށްދިނުން," ރައީސް ވިދާޅުވި އެވެ.

ދަ‏ރިވަރުން ހާސިލް ކުރި އިލްމަކީ ދަރިވަރުންގެ ދިރިއުޅުމުގެ ބިންގާކަމަށާއި އެ ބިންގަލުގެ މަތީގައި ދިރިއުޅުން ބިނާކުރަންވާނީ، ނަޒާހަތްތެރިކަމާއި އަބުރުވެރިކަމުގެ މަތީގައިކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިރޭގެ ހަފުލާ ރައީސް ޝަރަފްވެރި ކޮށްދެއްވަނީ. --ފޮޓޯ:ރައީސް އޮފީސް

މިރޭގެ ހަފުލާ ރައީސް ޝަރަފްވެރި ކޮށްދެއްވަނީ. --ފޮޓޯ:ރައީސް އޮފީސް

‏ރައީސް ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ އިސް އެއް އަމާޒަކީ، ތައުލީމް ހާސިލްކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ޒުވާނަކަށް ހެދުން ކަމަށެވެ. އެއީ އިޖްތިމާއީ ފޭރާން ހެޔޮ ކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ޒުވާނުންނަށް މަތީ ތައުލީމު ފޯރުކޮށްދޭން ކަމަށާއި ރައްޔިތުންނަށްޓަކައި ކޮށްދޭ ހެޔޮ ވެރިކަމެއްގައި، މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ހިލޭ އޮންނަންވާނެ ކަމަށް ގަބޫލުފުޅުކުރެއްވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން ތިޔަ ދަރިވަރުންނަކީ ވެސް، މި ގައުމުގެ ކުރިމަގަށްޓަކައި ކުރެވުނު ވަރަށް އަގުބޮޑު އިންވެސްޓެއް. މި ގައުމުގެ ތަރައްގީ ބިނާވެގެންދާނީ އެ އިންވެސްޓްމަންޓުގެ ބޭނުން ހިފޭގޮތެއްގެ މައްޗަށް. ތަފާތު ދާއިރާތަކުން ދަސްވެނިވެގެން ނުކުންނަ، ތިޔަ ދަރިވަރުންގެ ދެން އޮތް އެންމެ އިސް ވާޖިބެއް ކަމުގައި ހަދަންވީ، ގައުމުގެ ތަރައްގީގައި ބައިވެރިވުން،" ރައީސް ވިދާޅުވި އެވެ.