Roadha Mihaaru
އިންތިޚާބުގައި ބާތިލް ވޯޓު 4800 އަށް ވުރެ ގިނަ

މަޖިލިސް އިންތިޚާބުގައި ބާތިލް ވޯޓު 4،800 އަށް ވުރެ ގިނަ

10 އެޕްރީލް 2019

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ބާތިލް ވޯޓުގެ އަދަދު 4،800 އަށް ވުރެ ގިނަ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ބާތިލް ވޯޓުގެ އަދަދު 4،800 އަށް ވުރެ ގިނަ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

އާންމު އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކުރި ވެބްސައިޓުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ބާތިލް ވޯޓުގެ ގޮތުގައި މިފަހަރު 4،852 ވޯޓު ހިމެނެ އެވެ. މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބާތިލް ވޯޓުގެ އަދަދަކީ 3,132 އެވެ.

މަޖިލިސް އިންތިޚާބުގައި ބާތިލް ވޯޓު އެންމެ ގިނަވީ، 170 ވޯޓާ އެކު، ވެލިދޫ ދާއިރާގަ އެވެ.

އާންމު އިންތިޚާބުގައި މިހާ ގިނަ އަދަދެއްގެ ވޯޓުތަކެއް ބާތިލް ގޮތުގައި ކަނޑައަޅާފައި މިވަނީ އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ.

އެ ބަދަލުގެ ސަބަބުން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު މިހާރު ގުނަނީ ބާތިލް ވޯޓުގެ ގޮތުގަ އެވެ.

އެކަމަކު ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވީ ވޯޓު ބާތިލްވި އަދަދު ހީކުރި ވަރަށް ވުރެ މަދު ކަމަށެވެ. އެގޮތަށް އެކަން ދިމާވީ ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް އިލެކްޝަންސް ކޮމިޝަނަށް ކުރީމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހީކޮށްގެން ހުރި ވަރަކަށް ބާތިލް ވޯޓެއް ނާދެ،" ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80 ޕަސެންޓް މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިތާބުތަކުން ދައްކަ އެވެ. މި އިންތިޚާބުގައި 105،077 އަންހެނުންނާއި 107،002 ފިރިހެނުން ވޯޓު ލި އެވެ. އެއީ ޖުމްލަ 212،079 މީހުންނެވެ.

އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ.

އާއްމު އިންތިޚާބުގައި އާދަޔާ ހިލާފު ނަތީޖާއަކުން ކުރީގައި އުޅެނީ އެމްޑީޕީ އެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުން އެ ޕާޓީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ތަފާތު ނަތީޖާއެކެވެ.