Roadha Mihaaru
ބައި ލައްކަ ރުފިޔާ ފޭރިގެން ދަނިކޮށް އަތުލައިގެންފި

ހެލްމެޓް އަޅައިގެން ބައި ލައްކަ ރުފިޔާ ފޭރިގެން ދަނިކޮށް އަތުލައިގެންފި

11 އެޕްރީލް 2019

ހެލްމެޓް އަޅައިގެން ގޮސް، ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރު ދައްކައި 50،000ރ. ފޭރިގަނެ ފިލަން އުޅުނު މީހަކު ހުއްޓުވައި ފުލުހުން ހައްޔަރުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހެލްމެޓް އަޅައިގެން ގޮސް، ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރު ދައްކައި 50،000ރ. ފޭރިގަނެ ފިލަން އުޅުނު މީހަކު ހުއްޓުވައި ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު 12:15 ހާއިރު ހެންވޭރު ލަންސިމޫ ގޯޅިން ހިނގާފައި ދިޔަ ބިދޭސީ މީހާއަށް ހަމަލާދީ ދީ ފައިސާތައް ފޭރިގަތް މީހާ ދުވެފައި ދަނިކޮށް އަތުލައި ގަތީ އެ ވަގުތު އެ ސަރަހައްދު ޕެޓްރޯލް ކުރަން އުޅުނު ފުލުހުން ކަމަށެވެ.

ފުލުހުން މިހާރު އަންނަނީ ފޭރުނު މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހެލްމެޓް އަޅައިގެން މޫނު ރަނގަޅަށް ނުފެންނަ ގޮތަށް ގޮސް ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެފަދަ ބައެއް ހާދިސާތަކުގައި އެތައް މިލިޔަން ރުފިޔާއެއް ފޭރިގެންފައި ވެ އެވެ. ފޭރުމުގެ މައްސަލަތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައި ވިޔަސް އެފަދަ ހާދިސާތަކުގައި ގެއްލުނު ފައިސާ ހޯދިފައެއް ނުވެ އެވެ.

މޫނު ނޭނގޭ ގޮތަށް ހުންނަ ހެލްމެޓް އެޅުމަކީ ހެލްމެޓް އެޅުމުގެ ގަވައިދާ ވެސް ހިލާފު ކަމެކެވެ.