Roadha Mihaaru
ހެލްމެޓް އަޅައިގެން ފޭރުނު މީހުން ހައްޔަރުކޮށްފި

ހެލްމެޓް އަޅައިގެން ތިބެ ފޭރުނީ 2.3 މިލިއަން ރުފިޔާ، ހަތަރު މީހަކު ހައްޔަރުކޮށްފި

10 މާޗް 2019

ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދީ، މިއަދު ހެނދުނު ފޭރިގަތީ 2.3 މިލިއަން ރުފިޔާ ކަމަށާއި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދީ، މިއަދު ހެނދުނު ފޭރިގަތީ 2.3 މިލިއަން ރުފިޔާ ކަމަށާއި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

އެސްބީއައި ކައިރިން ދަނިކޮށް ވަޅިން ހަމަލާ ދިނުމަށް ފަހު މިއަދު ހެނދުނު 10 ޖަހަން އުޅެނިކޮށް ފައިސާ ފޭރުނީ އިންޑިއާ މީހެއްގެ އަތުންނެވެ. ހެލްމެޓް އަޅައިގެން ދެ ސައިކަލެއް ދިޔަ ހަތަރު މީހުން ފޭރުނު ފައިސާގެ އަދަދު 2.3 މިލިއަން ރުފިޔާ އަށް އަރަ އެވެ. ފޭރުނު މީހުން އަތުލައިގަތް ނަމަވެސް ފައިސާ ފެނުނު ކަމެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ ފޭރިގަތީ ބީއެޗްއެމް ޓްރޭޑާސް އިން އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ ފައިސާ ކަމަށެވެ.

"އެސްބީއައި އަށް ފައިސާ ޖަމާކުރަން ގޮސް އެ މީހާ އެ ބޭންކުގެ ކައިރީގައި އުޅެނިކޮށް ފޭރިގަތީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މީހުންގެ ނަމާއި ތަފްސީލްތައް ހާމަނުކޮށް، ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 23 އަހަރުގެ ދެ މީހަކާއި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ކަމަށެވެ. އެ ހަތަރު މީހުން ހައްޔަރުކުރީ ތަފާތު ދެ ސަރަހައްދަކުންނެވެ.

ހެލްމެޓް އަޅައިގެން ތިބެ ހިންގި ފޭރުމުގެ އެ ހާދިސާއަކީ ބްރިޖާއި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭގައި ދުއްވާއިރު މިއަދުން ފެށިގެން ހެލްމެޓް އަޅަންޖެހޭ ގޮތަށް ސަރުކާރުން ހަމަޖެއްސި ފަހުން ހިނގި ފުރަތަމަ ހާދިސާ އެވެ. ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ފޭރުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ފޭރޭމީހުންގެ އަމާޒަކީ ބޮޑެތި އަދަދުތަކުން ފައިސާ ހިފައިގެން ދާ މީހުންކަން ހިނގާފައިވާ ގިނަ ހާދިސާތަކުން އެނގެ އެވެ.