Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

13 އެޕްރީލް 2019

ބޮލީވުޑަށް އާ ދެ ބަތަލާއަކު ތައާރަފުކުރާ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑަށް އާ ދެ ބަތަލާއަކު ތައާރަފުކުރާ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޕުނީތު މަލްއުތުރާ ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލުގެ ރޯލުން ޓައިގާ ޝްރޮފް ފެނިގެންދާ އިރު، އޭނާއާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ އަލަށް ތައާރަފުވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ. އަނަންޔާއަކީ މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭ ދަރިއެކެވެ.

ކަރަން 2012 ވަނަ އަހަރު ޑައިރެކްޓްކޮށް، އާލިއާ ބަޓާއި ވަރުން ދަވަން އަދި ސިދާތު މަލްއުތުރާ ބޮލީވުޑަށް ނެރުނު، ކޮލެޖް ތިން ޒުވާނެއްގެ މެދުގައި ހިނގާ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައި ދިން "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ ދެވަނަ ފިިލްމުގެ ގޮތުގައި ގެނެސްދޭ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

ޓްރެއިލާ އިން ފެންނަ ގޮތުގައި ދެވަނަ ބަޔަކީ ވެސް ކުރީ ބަޔާ އެއްގޮތަށް ކޮލެޖްގެ ވާދަވެރިމާއި ތިނެސްކަން ލޯބީގެ ކަންތައްގަނޑެއް ފެނިގެން ދާނެ ފިލްމެކެވެ.

މިއީ ޒުވާނުންނާ ވަރަށް ގުޅޭ ކަހަލަ ފިލްމަކަށް ވާނެ އެވެ. ޓްރެއިލާ އިން މަންޒަރުތައް ފެންނަލެއް ޗާލުވެފައި، އެހާމެ ކުލަ ގަދަ އެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ 2" އަކީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ އިން މި އަހަރު ރިލީޒް ކުރާނެ ތިން ވަނަ ފިލްމެވެ. ފުރަތަމަ ފިލްމު އަދި އަކްޝޭ ކުމާރު ލީޑް ރޯލް ކުޅުނު "ކޭސަރީ" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އިރު، ދެވަނަ ފިލްމަކީ މި މަހުގެ 17 ގައި ރިލީޒް ކުރާ "ކަލަންކް" އެވެ.

ތާޕްސީ އަށް އަނޫބަވްގެ "ތައްޕަޅު"

މިދިޔަ އަހަރު ރިލީޒްކޮށް، ކްރިޓިކުންގެ ލޯބި ހޯދި ފިލްމު "މުލްކް" އަށް ފަހު، އެ ފިލްމުގެ ޑައިރެކްޓަރު އަނޫބަވް ސިންހާ އަނެއްކާ ވެސް ބަތަލާ ތާޕްސީ ޕައްނޫ ހިމަނައިގެން ފިލްމެއް ހަދަން ނިންމައިފި އެވެ.

އިޖުތިމާއީ މައްސަލައަކަށް ބިނާކޮށް ހަދާ ފިލްމަށް ދީފައިވާ ނަމަކީ "ތައްޕަޅު" އެވެ. އަންނަ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނި އަންނަ އަހަރުގެ އަންހެނުންގެ ދުވަހު އެވެ. އެއީ މާޗް 8 ގަ އެވެ.

މިދިޔަ މަހު ރިލީޒް ކުރި ކާމިޔާބު ފިލްމު "ބަދުލާ" ގެ ބަތަލާ ތާޕްސީ މި ވަގުތު އަންނަނީ އަނޫރާގް ކެޝަޕްގެ "ސާންޑް ކީ އާންކް" ގެ މަސައްކަތް ކުރަމުންނެވެ.

އަނޫބަވް މިހާރު އަންނަނީ އަޔޫޝްމަން ކުރާނާއާ އެކު "އާޓިކަލް 15" ކިޔާ ފިލްމެއް ހަދަމުންނެވެ.

މިއޮތީ "ދޭ ދޭ ޕިޔާރު ދޭ" ގެ ފުރަތަމަ ލަވަ

އަންނަ މަހުގެ 17 ގައި ރިލީޒް ކުރާ އަޖޭ ދޭވްގަންގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

ލަންޑަނުގައި މަންޒަރުތައް ނަގާފައިވާ ލަވަ "ވައްޑީ ޝަރާބަން" އިން ފެނިގެން ދަނީ އަޖޭ އާއި ރަކުލް ޕްރީތު ސިންގެވެ. މި ލަވަ ކިޔާފައި ވަނީ ސުނީދީ ޗޯހަން އާއި ނަވްރާޖް ހަންސެވެ. ލަވައިގެ މިއުޒިކް ވިޕިން ޕަޓްވާ ހަދާފައިވާ އިރު، ޅެން ލިޔެފައި ވަނީ ކުމާރެވެ.

ތައްބޫ ވެސް މުހިއްމު ރޯލަކުން ފެނިގެންދާ "ދޭ ދޭ ޕިޔާރު ދޭ" އަކީ ޒުވާން ދަރިން ތިބި 50 އަހަރުގެ ފިރިހެނަކު އޭނާގެ ދަރިންގެ އުމުރުގެ ޒުވާން އަންހެނަކާ އެކު ބާއްވާ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ މަޖާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ދަބަންގް 3" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

މި މަހުގެ އެއް ވަނަ ދުވަހު މަދިޔަ ޕްރަދޭޝްގައި ޝޫޓިން ފެށި ސަލްމާން ހާންގެ "ދަބަންގް 3" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

އެކަން ސަލްމާން ވަނީ ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއަކާ އެކު ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.

މި ފިލްމަކީ އޭނާ ޗުލްބުލް ޕާންޑޭ ކިޔާ ފުލުހެއްގެ ރޯލުން ފެނިގެންދާ "ދަބަންގް" ސީރީޒްގެ ތިން ވަނަ ބައެވެ. މި ފަހަރު ވެސް ސަލްމާނާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ސޮނާކްޝީ ސިންހާ ފެނިގެންދާ އިރު، ޕްރަބޫދޭވާ ޑައިރެކްޓް ކުރާ ފިލްމުން އިތުރު ބަތަލާއަކު މި ފަހަރު ފެންނާނެ އެވެ.

"ދަބަންގް 3" ރިލީޒް ކުރާނެ ކަމަށް ބެލެވެނީ އާލިއާ ބަޓާއި ރަންބީރު ކަޕޫރްގެ ފެންޓަސީ ފިލްމު "ބުރައްމަސްތުރާ" ތާވަލުކޮށްފައި އޮތް ތާރީހު ކަމަށްވާ މި އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ސަލްމާން ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ފިތުރު އީދުގައި ގެނެސްދޭ "ބާރަތު" އިންނެވެ.